ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެވި މޫސާ ޒަމީރާއި ޑިފެންސް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރައްވެވި އާދަމް ޝަރީފަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ވޯޓްގައި އާދަމް ޝަރީފަށް ރުހުން އޮތް ކަމަށް 66 މެންބަރުން ވޯޓް ދެއްވި އެވެ. ނުފެންނަ ކަމަށް ވޯޓް ދެއްވީ ދެ މެންބަރުންނެވެ. ޒަމީރަށް ރުހުން ދޭން ފެންނަ ކަމަށް 69 މެންބަރު ވޯޓް ދެއްވި އެވެ.
އެ ދެ ބޭފުޅުންނަށް މިއަދު ރުހުން ދިނީ އެ ދެ ބޭފުޅުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވުމުން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ދެ ބޭފުޅުންގެ ނަންފުޅު ދިރާސާކޮށް ކޮމެޓީން ވެސް ފާސް ކުރި ގޮތަށެވެ.
ޒަމީރާއި އާދަމް ޝަރީފަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަޒީރުކަން ދެއްވައި ފަތްކޮޅު އެރުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
މި ދެ ބޭފުޅުންގެ ތެރެއިން ޒަމީރަކީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރެއްވި އަދި ޕީއޭގެ ނައިބު ލީޑަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. ޝަރީފަކީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ހިންގެވި ބޭފުޅެކެވެ.
މި ދެ ބޭފުޅުންނަށް ރުހުން ދިނުމުގެ ވޯޓްގެ ކުރިން މިއަދު ބޭއްވި ބަހުސްގައި ސަރުކާރަށް ނިސްބަތްވާ މެންބަރުންނާއި އިދިކޮޅު މެންބަރުން ވެސް އެ ދެބޭފުުން ހަވާލުވެ ވަޑައިގަންނަވާ ދެ ވުޒާރާގެ މުހިންމު ކަމަށް އޝާރާތް ކުރައްވާ ޑިފެންސާއި ޓޫރިޒަމްގެ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ރައީސަށާއި ރައްޔިތުންނަށާއި ގައުމަށް އިހުލާސްތެރިވުމަށް ވެސް އެދި ވަޑައިގެންނެވި އެވެ.