ދުނިޔެ

"ނޫސް އޭޖެންސީ ޓަވަރު ގޮއްވާލުމަކީ ރަނގަޅަށް ކުރެވުނު ކަމެއް"

އިޒްރޭލުގެ ފައިޓަރު ޖެޓުތަކުން ގާޒާގެ އަލްޖާލާ ޓަވަރަށް ދިން މިސައިލް ހަމަލާ ދިފާއު ކުރައްވައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އެއީ "ވަރަށް ރަނގަޅަށް ކުރެވުނު ކަމެއް" ކަމަށާއި އެކަމުގައި ގޯހެއް ނެތް ކަމަށެވެ.

ނަތަންޔާހޫ ވިދާޅުވީ އެ އިމާާާރާތުގައި ހިންގަނީ ހަމައެކަނި އަލްޖަޒީރާ އާއި އެސޯސިއޭޓް ޕްރެސްގެ މީޑިއާ އޮފީސްތައް ނޫން ކަމަށާއި ހަމާސްގެ ފިކުރީ އޮފީސްތައް ވެސް އެ އިމާރާތުގައި ހުންނަ ކަމަށެވެ. ސީބީއެސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވީ އިޒްރޭލަށް ހަމާސްއިން ދޭ ހަމަލާތައް އުފަން ކުރަނީ އެ އިމާރާތުގައި ކަމަށެވެ.

"އެހެންވެ މިދެންނެވީ އެއީ ވަރަށް ރަނގަޅަށް ކުރެވުނު ކަމެކޭ،" ނަތަންޔާހޫ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އާންމު ރައްޔިތަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ހުރިހާ ގޮތަކަށް ވިސްނެވި ކަމަށާއި ޓަވަރު ގޮއްވާލަން ދިން ހަމަލާގައި އެކަކު ވެސް މަރުވެފައި ނުވާ ކަމަށެވެ.

އެ ޓަވަރުގައި ހަމާސްއިން އޮފީހެއް ހިންގާކަމުގެ އެއްވެސް ހެއްކެއް އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ދެއްކެވިންތޯ ސުވާލު ކުރުމުން ވިދާޅުވީ އެކަހަލަ މައުލޫމާތު ހިއްސާކުރަނީ ސިއްރިއްޔާތުގައި ކަމަށާއި އެއީ އާންމުކުރާ ކަހަލަ ވާހަކަތައް ނޫން ކަމަށެވެ.

ހަނގުރާމަ ހުއްޓާލާނެ ތާރީހަކާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން ނަތަންޔާހޫ ވިދާޅުވީ އުންމީދަކީ ދިގުލައިގެން ނުދިއުން ކަމަށާއި ހަމާސްއިން އިޒްރޭލަށް ހަމަލާދީފި ކަމަށެވެ.

މިސްރު ވެދުވެރިވެ ކުރި މަޝްވަރާތަކުން ހަނގުރާމަ ހުއްޓާލަން ހަމާސް އެއްބަްސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް އިޒްރޭލު އަދިވެސް އެއްބަަސްނުވާ ކަމަށް ދެންނެވުމުން ނަޔަންޔާހޫ ވިދާޅުވީ ތިޔަ މޭރުމުން އެ ވާހަކަތައް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.