(14 މޭ 2021 އާ ގުޅޭ)
ޖެހި ބުދެއްހެން ވަގުތު ކޮޅަކަށް، ޖަންނަތު ހުއްޓުނެވެ. ބުނާނެ އެއްޗެއް ނޭނގި، ޖަންނަތުގެ އަނގަ ހުރީ ތަންމިނަށް ހުޅުވިފައެވެ. ޖަންނަތު ހީވެސް ނުކުރާ ފަދަ ގޮތަކަށް ޒަހީންގެ ހަމަލާ އެއް އޭނާއަށް އަމާޒު ވުމުންނެވެ.
"އަޅެ އަހަރެން ކިހިނެއް ހަދާނީ؟" ވަގުތު ކޮޅެއްގެ ހިމޭން ކަމަކަށް ފަހު، ޖަންނަތު ފުންކޮށް ދެތިން ނޭވާ އެއް ދޫކޮށްލިއެވެ. އެހާމެ އުނދަގުލުންނެވެ. މަޑުމަޑުން ގުދުވެލަމުން، ޖަންނަތު އޭނާގެ ފޯނު ނެގީ ވެސް ތެޅިތެޅި އޮތް ހިތަކާ އެކުގައެވެ. ޖަންނަތު ހުރީ އިންތިހާއަށް މޭޖެހޭ ގޮތްވެފައެވެ. މިވަރުގެ ކަމެއް ޒަހީން ކޮށްފާނެ ކަމަށް ދުވަހަކު ވެސް ޖަންނަތު ހީވެސް ނުކުރެއެވެ. ބިންމަތީގައި އޮތް އޭނާގެ ފޯނު ނަގައިގެން، ޖަންނަތު ކަޅި ހިންގައިލީ އޭނާގެ ފޯނުގެ ސުކްރީނަށެވެ. ބަލަން ބޭނުން ނުވާ ފަދަ ގޮތަކަށެވެ. ނަމަވެސް ނުބަލައި ހުއްޓަސް، އެކަމުން އެއްވެސް ފަރުވާއެއް ނެތުމުންނެވެ.
ވައިބަރު މެދުވެރިކޮށް ޒަހީން ފޮނުވައިފައި ވަނީ ޖަންނަތުގެ ބަރަހަނާ ފޮޓޯ ތަކާއި ވީޑިއޯ ތަކެވެ. އެއިން ކޮންމެ މަންޒަރަކުން ޖަންނަތުގެ މުޅި ޙަޔާތް ކަފުން ކުރާނެއެވެ. އަނެއްކާ ވެސް ޖަންނަތު ނިކަން އަވަހަށް ނޭވާ ތަކެއް ދޫކޮށްލުމަށްފަހު ގުޅައިލީ ޒަހީނަށެވެ.
"ޒަހީން. ކޮބާތަ ކަލޭގެ މައްސަލަ އަކީ؟ އަހަންނަށް ތިހެން ތި ހަދަނީ ކީއްވެތަ؟" ޖަންނަތުގެ އަޑުގައި ވަނީ އިންތިހާއަށް ރިހުމެވެ. ވޭނެއެވެ. ޖަވާބުގައި ޒަހީން ޖަހައިލީ ނުލަފާކަން އެކުލެވިފައިވާ ހިނިގަނޑެކެވެ. ޖަންނަތުގެ ހިތަށް އިތުރަށް ތަދުވިއެވެ. އަދި ރުޅިވެރިކަން މުޅި ގަޔަށް ސަވާރުވެގަތެވެ. ނަމަވެސް އެއީ އެއްވެސް ބާރެއް ނެތް، ރުޅިވެރި ކަމެކެވެ.
"ބުނެބަލަ! ޒަހީން. ކީއްވެތަ އަހަރެންނަށް ތިހެން ތި ހަދަނީ؟ އަހަރެން އުފާވެރި ދިރިއުޅުމެއް އުޅެފާނެތީ ކަލޭ ބިރުގަންނަނީ ތަ؟ އެހެންނޫނަސް، ކަލޭ ނުވެއެއްނު އަހަރެން ދެކެ ލޯތްބެއް. އަހަރެން ދޯ ކަލޭ ދެކެ ހޭބަލި ވެގެން އޭރު ވެސް އުޅުނީ.. ދެން މިހާރު ކަލޭގެ ކޮން މައްސަލަ އެއްތަ އޮތީ؟" ޖަންނަތު ވާހަކަދައްކަމުން ދިޔައީ، އޭނާގެ ދެ ދަތްޕިލަ ޖައްސައި، ވާން ކޮށްގެން ހުރެގެންނެވެ.
"ހެހެ! ތި ސުވާލަށް ދޭނެ ރަސްމީ ޖަވާބެއް ނެތް. އެކަމު ނުރަސްމީ ޖަވާބެއް އެބައޮތް.." ޒަހީން ހިނިތުންވެގެން އިނދެ ބުނެލިއެވެ.
"އެއީ އަހަރެން ބޭނުން ނުވަނީ ޖަންނަތު މުޅީން އަހަރެންނަށް ގެއްލެން. އަަހަރެން ޕްރައުޑް ފީލްވޭ، އަންހެނަކު އަހަރެންނާ ހެދި އުޅޭތީ. ދެން.. ޖަންނަތު ދިޔާމަ ކިހާ ފަޅުވާނެ އެބައި.. ދޯ؟ ހެހެ.." ޒަހީންގެ ކޮންމެ ލަފުޒަކުން ޖަންނަތަށް ލިބުނީ ބަޔާން ކުރަން ދަތި ތުރާ ތަކާއި ވޭނެކެވެ. އެންމެ ފަހުން ކެތް ނުވެގެން، ޖަންނަތު ފޯނު ކަނޑައިލީ ޒަހީންގެ ކަންފަތް މައްޗަށެވެ. އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވީމައެވެ. އިތުރަށް ޒަހީނާ އެކު ދެކެވޭ ވާހަކަ އަކީ އެއްވެސް އަގެއް ނެތް ވާހަކަތަކަކަށް ވާނެ ކަން ޖަންނަތަށް ޔަޤީން ވީމައެވެ.
***
"ހެހެ. ކޮއްކޮއަށް ނާއިކު ނޭނގުނުތާ، ކޮއްކޮއަށް ނޭނގުނެއްނު ނާއިކު ގާތުގަ ހުރި މީހާ ވެސް.." ރިފާދުގެ ވާހަކަތަކަަށް އެއްޗެއް ބުނަމުން، ރީޝާ ސޯފާގައި ރަނގަޅަށް ހަމަ ޖެހެލިއެވެ.
"އެއީ ކާކުތަ؟" ރިފާދު ހައިރާންވެ، ރީޝާގެ މޫނަށް ނަޒަރު ހިންގައިލިއެވެ.
"ސާބަސް. އެއީ ވާހިދާ." ރީޝާ އެހެން ބުނެލީ ރިފާދަށް ބަލައިލަމުންނެވެ. ރިފާދަށް ނޭނގޭނެ ކަމަށް ބަލައިގެންނެވެ. ރިފާދުގެ މޫނުމައްޗަށް ގެނުވީ ވެސް ހަމަ އެފަދަ ހަރަކާތެކެވެ. އެއީ ކާކުކަން ރިފާދަކަށް ނޭނގުނެވެ.
"ވާހިދާ އަކީ ކުރީގެ ޔޫތު މިނިސްޓަރު. މިހާރު ވާހިދާ އުޅެނީ ސަރުކާރުގެ އެހެން ވުޒާރާއެއްގަ. ނާއިކަށް ލިބުނީ ވާހިދާގެ މަޤާމު.." ރީޝާ ބަޔާންކޮށްދެމުން ދިޔައީ، ސަރުކާރުގެ މިނިސްޓްރީ ފެންވަރުގެ މަޤާމުތަކުގެ މައުލޫމާތެވެ.
"އައިމް ކޮންފިޔުސްޑް. ބަލަ ތިއެއް އަހަންނަކަށް ނޭނގެ. އަހަރެން މީ ސިޔާސީ މީހެއް ނޫން. އަހަރެންނަށް ނޭނގެ މި ސަރުކާރުގެ މިނިސްޓަރުން އަކީ ކޮބައި ކަމެއް. އެކަމު، ސިސް ހާދަ މޮޅޭދޯ؟" ރިފާދު ހިނިތުންވެލިއެވެ.
"ބަޓް.. ސުވާލަކީ، އެފަދަ ގަޑިއެއްގަ ވައި އެ ދެމީހުން އެތަނުގަ؟ އަދި އެވެސް އެހާ ސިއްރުން އަތުގައި ހިފައިލަމުން، އިރުކޮޅަކާ ގޭގެ ދޮރަށް ނިވައިވަމުން..." ރިފާދަށް އެރޭ ފެނުނު މަންޒަރުން އޭނާގެ ހިތުގައި ބިންވަޅު ނެގުނު ސުވާލު އޭނާ އަހައިލިއެވެ.
"ނޭނގެ ދެން.. ފިިރިހެނުންގެ ގޮތެއްް ނޭނގޭނެއްނު؟ ހަމަ އެކަހަލަ ކަމެއް.. ދެރައީ އައިޝާ ވީމަ.." ރީޝާ ފުންކޮށް ނޭވާއެއް ލަމުން ބުނެލިއެވެ.
'ޔޫ މީން ހީ އިޒް ޗީޓިންއޭ ދޯ؟" ރިފާދުކޮށްލީ އިތުރު ސުވާލެކެވެ.
"ދެން ކޮއްކޯ! ވީ ސޯ އިޓް އެއްނު؟ އެއަށް ކިޔަނީ ޗީޓް.." ރީޝާގެ މޫނުމަތިން މާޔޫސްކަން ދިޔައީ ފެންނަމުންނެވެ.
"އަހަރެން މިހުރީ ހަމަ ސްޕީޗްލެސްގެ އެޕިސޯޑެއްގަ. އެއީ ދެން މިނިސްޓަރުން އުޅޭ ގޮތްތަ؟ އެހެން މީހަކަށް ފެނެއްޖިއްޔާ އޯ؟ މީހަކު ވީޑިއޯ ވެސް ކޮށްފާނެ ދޯ؟ ކީކޭ ބުނާނީ! ލަދުން ބޯހަލާކު!" ނާއިކުގެ ފަރާތުން ފެނުނު ކަންތައް ރީޝާ އާއި ރިފާދަށް ވީ ވަރަށް ހުތުރު އަދި އެހާމެ ޒިންމާދާރުކަން ކުޑަ ކަމަކަށެވެ.
***
ރޭގަނޑު 8ގެ ޚަބަރު ބަލަން ވާހިދާ އިނީ ސިޓިންގރޫމްގައެވެ. މަލާކު ނިކަން މަޑުމަޑުން ހިނގާފައި އައިސް އިށީންނީ ވާހިދާއާ ޖެހިގެން އިން ސޯފާގައެވެ. މަލާކު އިނީ އޭނާގެ ހިތުގައިވާ ސުވާލުތައް ކުރަން ވަރަށް ބޭނުންވެފައެވެ. ނާއިކު ޔޫތު މިނިސްޓްރީގައި މަސައްކަތް ކުރާކަން އެނގޭ އިރުގައި ވެސް، މަލާކު ނާއިކަށް އޭނާގެ މަންމަ އަކީ އެ ވުޒާރާގެ މިނިސްޓަރުކަން ކުރީ ސިއްރެވެ. އެއީ ނާއިކަށް އަންގަން ޖެހޭނެ މުހިންމު ކަމެއްގެ ގޮތުގައި އޭރު މަލާކަށް ނުވިސްނުނީމައެވެ. އަދި ފަހުން ވާހިދާގެ މަޤާމު ނާއިކަށް ލިބުމުން، ނާއިކާ ބެހޭ ގޮތުން އެތައް ކަމެއް މަންމައަށް އެނގޭނެ ކަމާ މެދު މަލާކު ޝައްކެތް ނުކުރެއެވެ. އެއީ މަލާކުގެ ހިތުގައިވާ ސުވާލުތައް ވާހިދާގެ ކުރިމަތީގައި ބަންޑުން ކުރަން އޭނާ ބޭނުންވި ވެސް ސަބަބެވެ. ނާއިކު ވަޢުދު ވިގޮތަށް، ނާއިކުގެ މީހަކަށް މަލާކު ވާ ދުވަހަކުން ވާހިދާ ނިކަން އުފާވާނޭ، މަލާކުގެ ހިތް އަބަދު ވެސް ބުނެއެވެ.
"މަންމާ.." އަހަން ނާހަން ހުރެފައި، ކުއްލިއަކަށް މަލާކު އޭނާގެ ދޫ ހަރަކާތް ކޮށްލިއެވެ.
"ކީކޭ ދަރިފުޅާ؟" ވާހިދާ ބަލައިލީ މަލާކުގެ މޫނަށެވެ.
"މަންމާ.. އަހަރެން ބުނީ... މަންމަގެ ކުރީގެ މަޤާމު ލިބުނީ ނާއިކު ކިޔާ ކުއްޖަކަށް ދޯ؟ އެއީ ކާކުތަ؟" މަލާކު ލަސްނުކޮށް އޭނާގެ ހިތުގައިވާ ސުވާލު ބަސްތާގެ ތުން މޮހެލިއެވެ.
"އާނ! ނާއިކު ކިޔާނީ.. އެއީ ކުރިން ޔޫތު މިނިސްޓްރީގެ އެޑްމިން ބައިގަ މަތީގަ އުޅުނު ކުއްްޖެއް. ދެން ސަރުކާރުން ލިބުނު ފުރުޞަތެއްގަ އެކުއްޖާ ބޭރަށް ކިޔަވަން ދިޔައީ.. ކިޔަވައިގެން އައި ގޮތަށް ލިބެއްޖެ މިނިސްޓަރުކަން." ވާހިދާ ވާހަކަދައްކަމުން ދިޔައީ މަލާކަށް ބަލަމުންނެވެ.
"އެހެންތަ މަންމާ؟ ދެން ކީއްވެ އޭނައަށް މިނިސްޓަރުކަން އެހާ ފަސޭހައިން ލިބުނީ؟" މަލާކު އިނީ ކެތް މަދުވެފައެވެ.
"އޭނަ މަސައްކަތަށް ރަނގަޅުވީމައެއްނު؟ އަނެއްކޮޅެއް ތައުލީމީ ޒުވާނެއް. ދެން އޭރު އޮތީ މަންމަ ޝިފްޓުވާ ވާހަކަ ދައްކާފަ. އެހެންވެ ރައީސް އެދުނީ މަންމަ ގާތުން ޚިޔާލަކަށް. ރައީސްއާ ވަރަށް ގުޅުން އަދިވެސް ރަނގަޅު ވާނެ. މަންމަ ދިނީ ނާއިކުގެ ނަން. ދެން ރައީސަށް ވެސް ކަމުގޮސްގެން ނާއިކު އައްޔަންކޮށް، ޤާނޫނީ ކަންކަން ފުރިހަމަ ކުރީ.. އެކަމު، ދަރިފުޅު ކީއްވެ ކުއްލިއަކަށް ތި ސުވާލު ކުރީ؟" ވާހިދާ ހިފައިލީ މަލާކުގެ އަތުގައެވެ.
"އަހަރެން ވެސް އެނގެން ބޭނުންވާނެއްނު މަންމަ ކުރި ވޯރކް ޝިފްޓް ވިގޮތް ބަލަން.. ދެން މަންމައާ ނާއިކު ފްރެންޑުތަ؟" ކެތްނުވެގެން އަނެއްކާ ވެސް މަލާކު ކޮށްލީ އިތުރު ސުވާލެކެވެ.
'އާނ! ރައްޓެހިވާނެތާ ދެން. އަނެއްހެން މަދުން ވާހަކަދައްކާނީ.." ވާހިދާ ދުރުދުރުން އުޅޭކަން އަންގައިލިއެވެ. "އާނ އޯކޭ" އޭ ބުނުމަށްފަހު، މަލާކު ހިނިތުންވެލަމުން ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ.
***
"އަހަރެން މާފުކޮށްފިން! އަހަރެން އުއްމީދު ކުރަން ދެން މިފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް.." ހިތްފަޅައިގެންދާ ޙާލުގައި އައިޝާ ބަލައިލީ ނާއިކުގެ ދެލޮލަށެވެ. ނާއިކު އެވަރަށް ރޯ އިރު، އެ ކަރުނަތަކަށް ފަސްދޭނެ ހިތްވަރު އައިޝާގެ ނެތީއެވެ. މިއަދު ގޭތެރެއިން ރީޝާމެން އައިސް ތިބި އިރު ވެސް، އައިޝާއަށް ދުވީ ރޭވުމެއްގެ ވަހެވެ. ބޮޑު ކަމެއް ސިއްރުކޮށް ފަސްއަޅަން އުޅުނުހެން އައިޝާއަށް ހީވިއެވެ. ނަަމަވެސް މިހާރު ހީތަކެއްގައި ދިރިއުޅޭނެ ވަރަށް ވުރެ، އައިޝާ މާ ބަލިކަށި ވެއްޖެއެވެ. މީ ނާއިކުގެ މިފަދަ ފުރަތަމަ މިސްޓޭކް ކަމުން، އައިޝާ ފުރަތަމަ ފަހަރަށް ބަލައި ނާއިކަށް މާފުދީ، ދިރިއުޅުމައިގެން ކުރިއަށްދާން ނިންމިއެވެ. އެއީ އައިޝާއަށް މަލާކުގެ ވާހަކަތައް އެންމެ ފަހުން ނާއިކު ކިޔައިދީ، އޭނާ ކުށް ޤަބޫލު ކުރުމުންނެވެ.
މުޅިން އައު ދުވަހަކަށް އިރު އަރައިފިއެވެ. ވާހިދާގެ އަވަށްޓެރިއެއް ކަމަށްވާ، ފައިސަލްގެ ކޮޓަރިން ހުނުމުގެ އަޑު ނޫން އިތުރު އަޑެއް ނީއްވެއެވެ. އަމިއްލަ އަށް އޮވެ ފައިސަލް ހެމުން ގެންދިޔައީ އަޑުގެ ނެތްކޮޅަށެވެ. ދޭތެރެއަކުން ފައިސަލް ގެންދިޔައީ އޭނާގެ އަތުގައި އޮތް ކެމެރާއަށް ބަލައިލަމުންނެވެ. އެ ކެމެރާގައި ރިކޯޑު ކުރެވިފައިވާ ވާހިދާ އާއި ނާއިކުގެ ދެމިނިސްޓަރުންގެ ލޯބީގެ ސީންތަކުން ފައިސަލް ހެމުން ގެންދިޔައީ މޮޔައެއް ފަދައިންނެވެ. (ނުނިމޭ)