ވާހަކަ

ވޭންތަކުން ދިން

(14 ޖޫން 2021އާ ގުޅޭ)

ފައިސަލްގެ ހުނުމުގެ އަޑު ދިޔައީ ފަހަރަކަށް ވުރެ ފަހަރެއް ގަދަ ވަމުންނެވެ. ވީޑިއޯ އަށް ބަލަމުން ފައިސަލް ހެމުން ގެންދިޔައީ އޭނާގެ ބަނޑުގައި އެއް އަތުން އަތް އަޅައިގެންނެވެ. ވީޑިއޯ އިން ފެންނަމުން ދަނީ މާ ބޮޑު މަންޒަރަކަށް ނުވި ނަމަވެސް، އެ ކުޑަ މަންޒަރުން ސަރުކާރުގެ ބާރު ގަދަ ދެ ވަޒީރުން މައިތިރި ކޮށްލެވުމުން ފައިސަލަށް ލިބުނީ އާދަޔާ ޚިލާފު ހިތްހަމަ ޖެހުމެކެވެ. މި ކުޅެވެނީ އަލިފާނާކަން އެނގި ހުރެ ވެސް، ފައިސަލް އޭނާގެ މަސައްކަތާ އެކު ކުރިއަށް ގެންދިޔައީ އޭނާގެ އަމިއްލަ ޟަމީރަށް އޮތް ފުރިހަމަ އިތުބާރެއްގެ ބޮޑު ކަމުންނެވެ. ފައިސާ ހޯދަން "ޝޯޓް ކަޓެއް" ފެނުމުން އެކަމުގެ ބޭނުން ވެސް އެެންމެ ރަނގަޅަށް ހިފައިގެންނެވެ.

"އަހަރެން މިވަރުން މިކަން ދޫކޮށްލާކަށް ބޭނުމެއް ނުވޭ. އަހަރެން ބޭނުން މިކަން މުޅި ރާއްޖެއަށް އަންގަން.. ކޮންމެ ވެސް ގޮތަކުން މި ވީޑިއޯ އެބަ ޖެހޭ ލީކް ކޮށްލަން.." ފައިސަލް އޭނާގެ ހިތާހިތާ ވާހަކަދައްކަމުން ދިޔައީ ވަރަށް ބޮޑަށް ހަމަޖެހުން ލިބިފައިވާ ހިތަކާ އެކުގައެވެ. ކަމުގެ ބޮޑު ކަމާއި، މިކަމުން ނުކުންނާނެ ނަތީޖާގެ އަސަރަކީ މުޅި ރާއްޖެއާ ގުޅުން ހުރި ކަމެއްކަން އެނގޭ އިރު ވެސް ފައިސަލްގެ މިކަމުގައި ފަރުވާލެއް ނެތެވެ. އޭނާއަށް މިކަމުން ލިބިދާނެ ގެއްލުމަކަށް ވެސް ފައިސަލް ނުވިސްނާ ކަހަލައެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ފައިސަލް އޭނާގެ ހަށިގަނޑު ދަމައިލީ އެނދުމަތީގައެވެ. އަދި ނިތްކުރީގައި ކަނާއަތް ޖައްސައިލަމުން، އޭނާ ވިސްނަން ފެށީ ވީޑިއޯ ލީކް ކޮށްލާނެ ވަރުގަދަ ޕްލޭނަކަށެވެ.


***

ފުރަމެންދަމުގެ ވަގުތެވެ. ޖަންނަތާއި ލަބީބުގެ ލޮލުން ނިދީގެ އެއްވެސް އަސަރެއް ނުފެނެއެވެ. އެމީހުން ދަރިފުޅު ލައިބާ ގަދަ ނިދީގައި އޮެތެވެ. އެނދުގެ އެއް ކަނެއްގައި ލަބީބު އިށީންދެގެން އިން އިރު، ޖަންނަތު އިނީ އެނދުގެ ފަޑީގައި ޖައްސައިލައިގެންނެވެ. އެއިން އެއްވެސް މީހެއް އަނގައިން އެއްވެސް އެއްޗެއް ނުބެނެއެވެ. މުޅި ކޮޓަރި ތެރެއިން ފެންނަނީ ހަމަހިމޭން ކަމެވެ. ނަމަވެސް، އެދެމީހުން ދެލޮލުން ދޭތެރެއިން ދޭތެރެއިން ވެއްޓޭ ކަރުނަތައް ހީވަނީ އެދެމީހުންގެ ހިތާ ވާހަކަދައްކަމުން ދާހެންނެވެ.

"ލަ.. ލަބީބު.." ޖެހިލުންވެ ހުރެ، ޖަންނަތު އޭނާގެ ދޫ ހަރަކާތް ކޮށްލީ ލަބީބަށް ބަލައިލަމުންނެވެ. ޙަޤީޤަތުގައި ލަބީބާ ކުރިމަތި ލާނެ ހިތްވަރެއް ޖަންނަތުގެ ނެތެވެ. ލަބީބު ފަދަ ހެޔޮ، ރަނގަޅު ފިރިޔަކަށް ޖަންނަތަށް ކަންތައް ކުރެވުނު އިޚާނެތި ގޮތްތައް ދުވަހަކު ވެސް އޭނާގެ ހިތުން ފިލައިގެން ނުދާނެއެވެ. ލަބީބު ގާތުން މާފު ލިބުމަކީ ޖަންނަތަށް ހައްޤު އެއްޗެއް ކަމަކަށް ޖަންނަތު މިހާރު ޤަބޫލެއް ނުކުރެއެވެ. މާފު ލިބެންވާ ވަރަށް ވުރެ ޖަންނަތަކީ މާ އަނިޔާވެރި، މަކަރުވެރި މީހެއްކަން އޭނާ ޤަބޫލު ކުރިއެވެ. މިހުރީ ކަމެއް މިހެން އޮތް ނަމަވެސް، ޖަންނަތު ލަބީބު ގާތުގައި މާފަށް އެދެން ވެސް ވަރަށް ބޭނުން ވެއެވެ.

"ލަބީބު.." ޖަންނަތު ކޮޅަށް ތެދުވެގެން ގޮސް އިށީންނީ ލަބީބާ ޖެހިގެންނެވެ. އިސް ޖަހައިގެން އިން ލަބީބު ބަލައިލީ ޖަންނަތުގެ ސީދާ މޫނަށެވެ. ލަބީބުގެ ދެލޮލުން ފެންނަމުން ދަނީ އިންތިހާއަށް ހިތްދަތި ކަމާއި ގިލަންވެރި ކަމެވެ. އެ މޫނުމަތި ވަނީ މިލައި މޯޅިވެފައެވެ. ދުވަހަކު ވެސް ލަބީބަށް އުފަލެއް ލިބިފައިވާހެން އެ މޫނުމަތިން ނުފެނެއެވެ. އެހާ ވަރަށް ލަބީބަށް ކޮށްފައިވާ އަސަރުތައް ބޮޑެވެ.

"ލަބީބު.. އަހަރެން ބޭނުން.. ވާހަަކަދައްކަން.." ޖަންނަތުގެ އަނގައިން ބަސްތައް ނުކުތީ ބުރިބުރި ވަމުންނެވެ. ލަބީބު މަޑުމަޑުން ބޯ ޖަހައިލީ ވާހަކައިގެން ކުރިއަށް ގެންދިޔުމަށް ޖަންނަތަށް ހުއްދަ ދިން ފާޑަކަށެވެ. ހިތްދަތި ގޮތަކަށް ހިންދިރުވައިލަމުން، ޖަންނަތު އަނެއްކާ ވެސް އަނގަ ހުޅުވައިލިއެވެ.

"އަހަރެން ލަބީބާ ދޭތެރޭ ކަންތައް ކުރީ ރަނގަޅަކަށް ނޫން. އެއްވެސް ވަރަކަށް ރަނގަޅަކަށް ނޫން. އެކަމާ މިއަދު އަހަރެން ވަރަށް ދެރަވޭ." ޖަންނަތުގެ އެހެން ބުނެލި އިރަށް އޭނާގެ ލޮލުގެ ތެރެއަށް ބޮޑިވެފައިވާ ކަރުނަތައް އެކީ އެކައްޗަކަށް ބަންޑުން ވިއެވެ. ޖަންނަތަށް އަމާޒުވެފައިވާ ލަބީބު ކަޅި އޭނާ ވަގުތުން ތިރިކޮށްލީ، އޭނާގެ އިޚުތިޔާރުން މުޅިން ބޭރުންނެވެ.

"އިންސާނުންނަށް ކުށް ކުރެވޭނެ. ކުށްތައް ވެސް ކުރެވޭނެ. އެކަމު، އަހަރެން ކުރީ ވަރަށް ވަރަށް ގިނަ ކުށް ތަކެއް. އެތައް ފާފަ ތަކެއް.. ވަފާތެރި ފިރިއަކަށް އަހަރެން ވީ ބޭވަފާތެރި. ކައިވެނީގެ އަގުމާތް ގުޅުން އަހަރެން ކޮށްލީ ކިލަނބު. ފިރިމީހާގެ އެނދުމަތި އަހަރެން ހެދީ ބާޒާރު މަތީ މުދަލަކަށް. އެންމެ ފަހުން އަހަރެން މަސައްކަތް ކުރީ ނަސްލު ވެސް އޮޅުވާލަން. އެޔަށްފަހު ދަރި ވެސް މަރާލީ." ޖަންނަތަށް ބުނެވުނީ މިހާ ހިސާބަށެވެ. ޖަންނަތުގެ ބަޑި ފަޅައިގެން ގޮސް އޭނާއަށް ރޯން ފެށުނެވެ. ވަގުތުކޮޅަކު ރޯލުމަށްފަހު، އަނެއްކާ ވެސް ވާހަކަ ކުރިއަށް ގެންދިޔައީ ހަމަ ޖަންނަތެވެ. އެއްވެސް އެއްޗެއް ނުބުނެ ލަބީބު އިސްޖަހައިގެން އިނީއެވެ.

"އެކަމު، ކިތަންމެ ކުށްތަކެއް ކުރެވުނަސް އެ ކުށްތަކަށް މާފު ދޭނެ ފަރާތެއް ވޭ! ތަޢުބާގެ ދޮރު ބަންދެއް ނުވާނެ. އަހަރެންނަށް ވަރަށް ގިނަ ކަންތައް ދަސްވެއްޖެ. އަހަރެންނަށް ކުރިމަތިވި އިމުތިޚާނު ތަކުން ރަނގަޅު ފިލާވަޅު ތަކެއް ލިބެއްޖެ. އަހަރެން އަހަރެން ކުރި ކުށްތަކަށް ތަޢުބާ ވެއްޖިން. އިރާދަކުރެއްވިއްޔާ އަހަރެންގެ ފަރާތުން ދެން އެފަދަ ކަމެއް ދުވަހަކު ވެސް ނުފެންނާނެ. މަންމަ ފަޚުރުވެރިވާ ފަދަ ދަރިއަކަށް އަހަރެން ވާނަން.." ޖަންނަތުގެ އަޑު ވަނީ ވަރަށް ބޮޑަށް ބަލިކަށި ވެފައެވެ. އިސްޖަހައިގެން އިން ލަބީބު ވެސް އިސްނަގައިލީ ޖަންނަތުގެ ދުލުން ބޭރުވި ބަސްތަކުންނެވެ.

"އަހަރެންނަށް އެނގޭ ލަބީބު އަހަރެންނާ އެކު އުޅެން ދެން ބޭނުން ނުވާނެ ކަން. އެކަމު ލަބީބު، އަހަރެންނަށް ލަބީބު ދެކެ ލޯބި ވެވިއްޖެ! ނޭނގި ހުއްޓާ ލޯބި ވެވިއްޖެ.." ޖަންނަތުގެ ލޮލުން ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތައް އޭނާގެ ދަތްދޮޅިން ތިކިތިކި ޖަހަމުން ދިޔައެވެ. ލަބީބު އެއްވެސް އެއްޗެއް ނުބުނެ ބަލަން އިނީ ޖަންނަތަށެވެ. ލަބީބުގެ ހިތަށް ވަނީ ވަރަށް ތަދުވެފައެވެ. ޖަންނަތު ކޮންމެ ގޮތަކަށް ލަބީބާ މެދު ކަންތައް ކުރިޔަސް، ޖަންނަތު ރޯތަން ބަލަން ލަބީބަށް ފަސޭހައެއް ނުވިއެވެ.

"ލަބީބު. އަހަރެން އުއްމީދު ކުރަނީ ލަބީބުގެ ޙަޔާތުގެ ބައިވެރިއަކަށް އަހަންނަށް އިތުރު ފުރުޞަތެއް ނެތަސް، ކޮންމެވެސް ދުވަހަކުން އަހަރެންނަށް މާފު ކޮށްދޭނެ ކަމަށް.." އެހެން ބުނެ، ޖަންނަތު މޫނުމަތީގައި އަތް އަޅައި ފެށީ ރޯންށެވެ.

***

ގަދަ ނިދީގައި އޮތް އައިޝާއަށް ހޭލެވުނީ އޭނާގެ ފޯނު ވައިބްރޭޓު ވަމުންދާތީއެވެ. ދެލޮލުގައި އަތް އުނގުޅައިލަމުން، އޭނާ ފޯނުގެ ސްކްރީނަށް ބަލައިލިއެވެ. ގުޅަމުން ދިޔައީ ނުދަންނަ ނަމްބަރަކުންނެވެ. ފޯނަށް ޖަވާބު ނުދީ އައިޝާ އެނބުރެލީ އޭނާގެ ކަނާއަތަށެވެ. އެނދުގައި އޮތީ އޭނާ އެކަންޏެވެ. ނާއިކެއް ނެތެވެ. ފުއްމައިގެން އައިޝާ އެނދުން ތެދުވެ ގަޑި ބަލައިލިއެވެ. އޭރު ގަޑިން ދަންވަރު 3:30ވަނީއެވެ.

"އަނެއްކާ ނާއިކުބާ އެގުޅީ؟ އެހެން ނަމްބަރަކުން؟ ކިހިނެއްބާ ވީ؟" ހާސްކަމުން އައިޝާގެ ސިކުނޑި ވަގުތުން ބައްދައިލިއެވެ. ލަސް ނުކޮށް އައިޝާ ގުޅައިލީ އެނަމްބަރަށެވެ.

"ހަލޯ.. ތީ ދޯ ނާއިކުގެ ވައިފް؟ ހެހެ!" ބަރު އަޑަކުން އެކޮޅުން ކޮށްލި ސުވާލުން އައިޝާ ހައިރާންވިއެވެ. އަދި އެއްވެސް އެއްޗެއް ނުބުނެ އައިޝާ ކުއްލިއަކަށް ހިމޭންވީ ވަގުތުގެ ގޮތުންނެވެ.

***

"ޖަނާ.." ގިސްލަމުން ރޮމުން ގެންދިޔަ ޖަންތުގެ މޫނުމަތީގައި އަޅާފައިވާ އަތުގައި ލަބީބު މަޑުމަޑުން ހިފައިލިއެވެ.

"އަހަރެން ދެރަ ވަނީ ޖަނާއަށް އަހަރެން ދަސް ނުވާތީ. އަހަރެން ވަރަށް ލޯބިވޭ ޖަނާ ދެކެ. ކުރިން ވެސް. މިހާރު ވެސް. އާނ! އަހަރެން ވަރަށް ދެރަވެއްޖެ! ވަރަށް ބޮޑަށް ދެރަވި އެ ވާހަކަތައް ފުރަތަމަ އިވުމުން ވެސް. ހިތާއި ސިކުނޑިއަށް އެވާހަކަތަކުން ކެތް ނުވެގެން އަހަރެން ހުރި ތަނަށް ވެއްޓުނީ ވެސް.. އެކަމު ޖަނާ، އަހަރެން މިއަދު އުފާވެއްޖެ! ޖަނާއަށް ވިސްނުނީމަ. ތަޢުބާ ވީމަ. އަހަރެން ޖަނާއަށް މާފު ކޮށްފިން. އަހަރެންމީ ޖަނާ ހީކުރާ ކަހަލަ ހިތްހަރު މީހެއް ނޫނޭ. އެޔަށް ވުރެ ޖަނާގެ ލޯތްބަށް މި ހިތް ކަނު ވާނެ. އެއީ އަހަރެންގެ ބަލިފަަޔަށް ކަމަށް ވެސް ވެދާނެ. ކޮންމެ ގޮތެއް ވިޔަސް މިއަދު އަހަރެން ހިތްހަމަ ޖެހިއްޖެ! ޖަނާގެ ތި ވާހަކަތަކުން.." ލަބީބު މަޑުމަޑުން އޭނާގެ ގަޔާ ގާތަށް ޖަންނަތު ގެނެސް، ވަރަށް ލޯބިން ބައްދައިލިއެވެ.

***

"ކިހިނެއްވީ؟ އަހަރެންގެ ނާއިކަށް ކަމެއް ވީތަ؟ ތީ ކާކު؟" އައިޝާގެ ސިކުނޑިއަށް ޖެހީ ހާސް ކަމުގެ ބިޔަ ބޮޑު ރާޅެކެވެ.

"އާނ! ނާއިކަށް ކަމެއް ވެއްޖެ. ވަރަށް ބޮޑު ކަމެއް.." އެކޮޅުން އެހެން ބުނުމާ އެކު އައިޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. (ނުނިމޭ)