ވޭންތަކުން ދިން

ވޭންތަކުން ދިން

(18 ޖޫން 2021އާ ގުޅޭ)

"ކޮން ކަމެއް ވީ؟ ބުނެބަލަ! އަހަރެންގެ ނާއިކަށް ކިހިނެއްތަވީ؟" އައިޝާގެ ދުލުން ބަސްތައް ނުކުތީ ހަލުވި ކަމާއި އެކުގައެވެ.

"ބުނެބަލަ! ކީއްވެތަ އެއްޗެކޭޭ ނުބުނަނީ؟ އަހަރެން މި އަހަނީ، އަހަރެންގެ ނާާއިކަށް ކަމެއް ވީހޭ؟" އެކޮޅުން އެއްވެސް ޖަވާބެއް ނުލިބުމުން އައިޝާ އިތުރަށް ހާސްވެ، ހިތް ނުތަނަސް ވިއެވެ.

"އަހަރެން ބުނަން އޮތީ ވަރަށް ބޮޑު ވާހަކައެއް. މިވީ ކުޑަ ވަގުތު ކޮޅުގެ ތެރޭގަ ވެސް އަހަރެންނަށް އެނގެއްޖެ ނާއިކު ދެކެ އައިޝާ ވާ ލޯބި.. އެހެންވީމަ ދޯ ތި ވަރަށް ހާސް ވާނީ؟" އެކޮޅުން ވާހަކަދައްކަމުން ދިޔައިރު އައިޝާގެ ހިތުގެ ވިންދު ހީވަނީ ހަށިގަނޑު ފަޅައިލާފައި ނުކުމެދާނެހެންނެވެ. "ހެހެ! އެކަމު، މީގަ ދެރަ ދޯ ނާއިކަށް އެވަރު ނޭނގެންޏާ.." މަލާމާތުގެ ރާގެއްގައި ހިނިގަނޑަކާ އެކު އެކޮޅުން ބުނެލިއެވެ. ވާނުވާ ނޭނގިފައިވާ އައިޝާ ހުރީ އެމީހާގެ ވާހަކަތައް އަޑު އަހާށެވެ.

"ތި ކިޔާ އެއްޗެއް ސާފެއް ނުވޭ. އަހަރެން އެބަ ވަރަށް ބިރު ގަނޭ. ބުނެބަލަ! ކޮބާތަ އަހަރެންގެ ފިރިމީހާ؟" އައިޝާއަށް ވަނީ ބިރުން ރޮވެން ގާތްވެފައެވެ. އަޑުގައި ވެސް އެކުވެފައި ވަނީ ތުރުތުރުލުމެވެ.

***

ނާއިކު ހުރީ އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ ކަމަށްވާ ދާއިންގެ ގޭގައެވެ. ނާއިކު ގެންދިޔައީ ދާއިންގެ ގާތުގައި އިނދެ، ގިސްލައި ރޮމުންނެވެ. ނާއިކުގެ ހިތުން ވަނީ ހަމަޖެހުން މުޅިން ގެއްލިފައެވެ.

"ނާއިކު.. ބްރޯ! އަހަރެން ބުނިން ދޯ ކުރިން ވެސް.. ދެން ވަރަށް ދެރަކޮށް މި ދިމާވީ.." ދާއިން އޭނާގެ އަތް ބާއްވައިލީ ނާއިކުގެ ކޮނޑު މަތީގައެވެ.

"ދެން އަހަރެން ކިހިނެއް ހަދާނީ؟ އަހަރެން ބޭނުމެއް ނުވޭ ބޭޒާރު ވާކަށް." ނާއިކުގެ އަޑު ހީވަނީ ހިމުން ވަމުން ދަނީހެންނެވެ. ފައިސަލްގެ ފަރާތުން ލިބުނު އިންޒާރާ އެކު، ނާއިކަށް މުޅި ދުނިޔެ ހިމޭން ވިކަހަލައެވެ. ފައިސަލް ނާއިކަށް ގުޅާފައި އިންޒާރު ދިނީ ވީޑިއޯ އައިޝާއަށް ފޮނުވާނެ ކަމުގެ އިންޒާރެވެ. އެކަން އިރު އެރުމުގެ ކުރިން ކުރާނެ ކަމަށް ބުނެ ފައިސަލް ދިން ނުރައްކާތެރި ސިގްނަލުން ނާއިކުގެ މުޅި ހަށިގަނޑަށް ވަނީ އެތައް ތުރާލެއް ލިބިފައެވެ.

"އާދައިގެ މީހަކު އެހެން އިންޒާރެއް ދިނަސް ފައިސާ ދީ ހަދަން ނުޖެހެއެއްނު ބްރޯ؟ ތީ ބާރުގަަދަ، ނުފޫޒު ގަދަ މީހުން. އެހެންވީމަ ކޮންކަމަކާ ބިރުން؟ ފުލުހުން މެދުވެރިކޮށް އެހެން ޕްލޭނެއް ވެސް ހެދޭނެ ތިކަހަލަ ކަންކަމުގަ." ދާއިން ބަލައިލީ ނާއިކަށެވެ.

"ނޫން ދާއިން! އެ ވީޑިއޯ އެއީ އަހަންނަށް ވަރަށް މުހިންމު އެެއްޗެެކޭ. އަހަރެންގެ މުޅި ދިރިއުޅުން އެވީޑިއޯއިން ހަލާކު ވާނޭ. އެހެންވެ އޭ އަހަރެން މިހާ ބޮޑަށް އެމީހާ ދަށުވީ. މިހާރު ބަލާބަލަ! މިކަންތައް ވާގޮތް.." ނާއިކަށް ކޮށްފައި ވަނީ ބަޔާން ކުރަން އުނދަގޫ އިޙްސާސެކެވެ.

"ބްރޯ! ނާއިކު.. އަހަރެން ދެރަ ވަނީ މިވަރުގެ ކަމެއް ހިނގާ ދިޔައިރު ވެސް އަހަންނަށް އަންގާ ނުލިކަން. ވާހިދާ ކަންތައް ވެސް ނާއިކު ކިހާ ޑަމީކޮށް ތިގެންދިޔައީ. އެންމެ ފަހުން ވާހިދާ އެވީ މަލްގެ މަންމައަށް. ކިހާ ތާހިރު.." ދާއިން އޭނާގެ އަތް ޖައްސައިލީ އޭނާގެ ބޮލުގައެވެ. ސިކުނޑިއަށް ބަރުވަމުން ދާތީއެވެ.

"އަހަރެން ކިހިނެއް ހަދާނީ؟ ބްރޯ ކޮންމެ ވެސް ކަމެއް ކޮށްދީބަލަ! އާޝާއަށް އެނގެއްޖިއްޔާ، އާޝާ ހާދަ ދެރަވާނޭ. އާޝާ ދުވަހަކުވެސް، ދުވަހަކުވެސް އަހަންނަށް މާފެއް ނުކުރާނެ. އަނެއްކޮޅުން އަހަރެން މިހުރީ އާޝާގެ މަންމައަށް ޕްރޮމިސްއެއްވެފަ. ދުވަހަކުވެސް އާޝާ ދެރަ ނުކުރާނެ ކަމެއް. އެހެންވީމަ، އަހަރެން ބޭނުމެއް ނުވޭ.." އަންހެން ކުއްޖެއް ފަދައިން ނާއިކު އޭނާގެ މޫނުގައި އަތް އަޅައި ފެށީ ރޯންށެވެ. ދާއިން ވަރަށް އޯގާތެރި ކަމާއި އެކު، ހިފައިލީ ނާއިކުގެ އަތުގައެވެ.

"ބްރޯ! ދެން ރޮއިގެން މިކަން ހައްލެއް ނުވާނެ ދޯ؟ އަސްލު އުޅެވޭ ގޮތުން. އަހަރެން މިގަޑީ އެންމެ ވިސްނަން ބޭނުން ވަނީ އައިޝާއާ ދޭތެރޭގަ. އައިޝާއަށް ކުރާނެ އަސަރު އިޙްސާސްކޮށްލަން ވެސް އަހަންނަށް އުނދަގޫ ވޭ.. އެކަމު، އަހަރެންމީ ބްރޯގެ ބެސްޓު ފުރެންޑަށް ވިޔަސް، ޙަޤީޤަތް ފެނިފަ އޮތްވާ އެއާ ދެކޮޅަށް އެއްޗެއް ބުނެވެން ނޯންނާނެ." ދާއިން ވާހަކަދައްކަމުން ދިޔައިރު، އޭނާ ވެފައިވާ ދެރަ ވެސް އޭނާގެ އަޑުން ހެކިކޮށްދެއެވެ.

"ވިިސްނާލަބަލަ! އަސްލު ނާއިކަށް އުޅެވުނީ ވަރަށް ކަޑަކޮށް ދޯ؟ މަލްގެ ކަންތައް ބަސްޓު ވީމަ ވެސް އައިޝާ މާފު ދިނީ. އަނެއްކާ މިފަހަރު ވާހިދާ. އެވެެސް އެހާ ހިތިކޮށް ތި ބޭނުނީ. އެހެންވީމަ ބްރޯ. ކައެ އަށް އަސްލު އައިޝާ ޑިޒާރވެއް ނޫން. އެހެންވީމަ މިބުނަނީ ރުއިމުގެ ބޭނުމެއް ނެތޭ! މިހެން މިކަން ވާން ބޭނުން ނުވަންޏާ މިހެން ނޫޅޭނީ ބްރޯ. އަހަރެން ޤަބޫލު ކުރަމޭ ބްރޯ އާޝާ ދެކެ ލޯބިވާކަން. އެކަމާ ކުޑަ ވެސް ޝައްކެތް ނުކުރަން. އެކަމު، އެ ލޯތްބާއި އެކު ޔޫ ޑިޑް އަ ލޮޓް ރޯންގުކޮށް. ދެން ވެސް ފޭސް ކުރޭ. އަހަރެން ވެސް ވަރަށް ދެރަވޭ. ދޫނި ވެސް އެހުރީ. އަނެއްކޮޅުން އައިޝާ ޕްރެގް." ދާއިން ވާހަކަދައްކަމުން ދިޔައީ، ނާއިކުގެ އަތުގައި ހިފަހައްޓައިގެން އިނދެއެވެ. އެވަގުތު ވެސް އެއްޗެއް ނުބުނެ ނާއިކު ގެންދިޔައީ ރޮމުންނެވެ.

"ރަނގަޅު ވާހަކައެއް ދާއިން. އަހަރެން ޤަބޫލު ކުރަން. އައި ޑިޑް އަ ލޮޓް އޮފް މިސްޓޭކްސް. އަހަރެން.." ނާއިކަށް ކޮށްފައިވާ ފުން ހިތްދަތި އަސަރުން އޭނާއަށް ދިޔައީ ގިސްލެވުމުންނެވެ. ދާއިން މަސައްކަތް ކުރަމުން ގެންދިޔައީ ނާއިކަށް ކުޑަ ނަމަވެސް ހިތްވަރެއް ދެވޭތޯއެވެ.

"ބްރޯ! ދެން ނުރޮއި ދެން ވެސް ދޭ އައިޝާ ގާތަށް. އެމީހާ އެވާހަކަތައް ބުނީމަ އައިޝާއަށް ކޮންމެ ފަދަ ގޮތެއް ވެސް ވެދާނެ. ނާއިކު ޖެހޭނެ އައިޝާ ގާތުގަ ހުންނަން.." ދާއިން ބަލައިލީ ނާއިކުގެ މޫނަށެވެ.

***

"ހަލޯ! ދެން ކިޔަންވީނު ތި ވެގެން އުޅޭ ގޮތެއް! އަހަރެން އިތުރަށް ބިރުގަންނަވަންތަ ތިއުޅެނީ؟" އައިޝާގެ ހިތް ދިޔައީ ބާރަށް ގުޑެމުންނެވެ. އެކޮޅުން ހިނިގަނޑަކާ އެކު "އާނ! އޯކޭ" އެ ބުނެ، ވާހަކަ ފެށިއެވެ.

"އައިޝާގެ ފިރިކަލުން، ނާއިކު. ޒުވާނުންގެ ނަމޫނާ މިނިސްޓަރާ، ކުރީގެ ޔޫތު މިނިސްޓަރާ އޮތް ލޯބީގެ ގުޅުން އެނގޭތަ؟ މިނިސްޓަރ ވާހިދާ؟" އެކޮޅުން ބުނި ޖުމުލައިން އައިޝާގެ ކަންފަތުގެ ހިނދުރި ތެރެއަށް ހީވީ ހޫނުކޮށްފައިވާ ތޫނު ތިމަރަ ތަކެއް އެޅިގެން ދިޔަހެންނެވެ. ކަންފަތުން ފޯނު ދުރުކޮށްލެވުނީ އައިޝާގެ އިޚުތިޔާރުން މުޅިން ބޭރުންނެވެ.

"ކީކޭ؟ ތި ނުވާނެ ތެދަކަށް!" އައިޝާ އެވާހަކަ ޤަބޫލު ކުރަން ބޭނުމެއް ނުވިއެވެ. ނާއިކުގެ ފަރާތުން އެކަމުގެ މާޒީއެއް އޮތް އިރުގައި ވެސް، ނާއިކު ދެން ވެސް އައިޝާއަށް އެވަރުގެ ހިތްދަތި ކަމެއް ދީފާނެ ކަމަށް އައިޝާ ހިތާއި ޟަމީރު އެއްބަސް ވާން އޭނާ ނޭދުނެވެ.

"ހެހެ. ތި ކަހަލަ ލޯޔަލް އަންހެނުންނަށް ޤަބޫލު ކުރަން ދަތި ވާނެ. އެކަމު މުސްކުޅިއެއް ގާތަށް ފިރިމީހާ ދާނީ ހާދަ ކަޑަ ވީމައޭ ދޯ އައިޝާ. ހެހެ.." ފައިސަލް ކޮށްލީ ޖެއްސުމެވެ.

"އިންނާނެ ވީޑިއޯއެއް.. ވައިބަރ ބަލާލާ.." ފައިސަލް އެހެން ބުނެ، ފޯނު ކަނޑައިލިއެވެ. އައިޝާ ވަގުތުން ފިނިވިއެވެ. ލާން އުޅުނު ނޭވާ ވެސް ހީވީ އަރުތެރޭގައި ތާށިވެގެން ދިޔަހެންނެވެ. ހިތްދަތި ގޮތަކަށް ހިންދިރުވައިލަމުން، ތެޅިތެޅިި އޮތް ހިތަކާ އެކު އައިޝާ ހުޅުވައިލީ ވައިބަރެވެ. ނުދަންނަ ނަމްބަރަކުން ލިބިފައިވާ މެސެޖު ހުޅުވައިލުމާ އެކު، އައިޝާގެ ލޯމަތިން ފެނިގެން ދިޔައީ ނާއިކާއި ވާހިދާގެ މަންޒަރު ތަކެވެ. އެކަކު އަނެކަކު އަތުގައި ހިފައި، ބައްދައިލި މަންޒަރެވެ. އެމީހުން އުޅެމުން ދިޔައީ ވަރަށް ލޯބިކޮށްކަން އެ ވީޑިއޯއިން ހެކިވާނެއެވެ. އައިޝާގެ ދެލޯ ކަރުނައިން ތެތްމައިލީ، އޭނާ ހީނުކޮށް ހުއްޓައެވެ. ކުއްލިއަކަށް އައިޝާ ސިއްސައިގެން ދިޔައީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. އޭރު އައިޝާގެ ދެލޯ ވަނީ ކަރުނައިން ފުރި، ބާރުވެފައެވެ. (ނުނިމޭ)