(21 ޖޫން 2021އާ ގުޅޭ)
ދޮރު ކުރިމަތީގައި ހުރި ނާއިކުގެ މޫނަށް އައިޝާ ބަލައިލީ ދިރިމެއް ނެތް ފަދަ ނަޒަރަކުންނެވެ. އައިޝާގެ ލޮލުން ހޯސް ލާފައި ފައިބަމުންދާ ކަރުނަތަކުގެ ސަބަބުން ހުރިހާ ޙަޤީޤަތެއް އައިޝާއަށް އެނގުނީ ކަން ނާއިކަށް އިޙްސާސް ވިއެވެ. އައިޝާގެ ކުރިމަތީގައި ނާއިކު އެ ހުރީ ލަދުގަނެ، މުޅި މީހާއަށް ބޮޑު ވޭނެއް ލިބިފައިވާ ޙާލެއް ގައެވެ. ކަޅި ޖަހައި ނުލާ އައިޝާ ބަލަން ހުރީ ނާއިކަށެވެ. އައިޝާއާ ކަޅި ސީދާ ކޮށްލާނެ ހިތްވަރު ނެތުމުން ނާއިކު އިސްޖެހިއެވެ.
ލިބިފައިވާ ބަޔާން ކުރަން ދަތި ގިލަންވެރިކަމުން، އައިޝާއަށް އޭނާގެ ދޫ ހަރަކާތް ކޮށްލަން ވެސް ދައްޗެވެ. ކެރިގެން އަމިއްލަ ދިފާޢުގައި ހަނގުރާމަ ކުރަން އެންމެ ސިކުންތެއް ވެސް ލަސް ކުރަން އައިޝާ ބޭނުން ނުވި ނަމަވެސް، އައިޝާގެ ގައިގައިވާ ބާރުތައް ހީވަނީ ވަގުތު ކޮޅަކަށް ފިނިވެ، ގަނޑުވެފައިވާ ހެންނެވެ. އެތައް ސުވާލެއް، އެތައް ޝަކުވާއެއް އައިޝާގެ ހިތަށް ބަންޑުން ކުރަމުން ދާއިރު، އެކަން ބޭރު ކުރަން އައިޝާއަށް ދަތި ވަމުން ދިޔައެވެ. ނަމަވެސް ކޮންމެ ޙާލެއްގައި ވެސް ފަސް ޖެހި، ނުކެރެން އައިޝާގެ ޟަމީރު ޤަބޫލެއް ނުކުރެއެވެ. އަނެއްކާ ވެސް އަމިއްލަ އިޙްސާސް ތަކުގެ މައްޗަށް ގަދަވެ ގަންނަން އައިޝާ މަސައްކަތް ކޮށްލިއެވެ.
"ނާ... އިކު.. ކީއްވެ؟ އަޅެ ކީއްވެތަ؟" އައިޝާގެ އަނގައިން ބަސްތައް ނުކުމެގެން ދިޔައީ ކުދިކުދިވެ، ހިމުން ވަމުންނެވެ. އައިޝާއަށް ކޮށްފައި ވަނީ ކިހާ ވަރެއްގެ ފުން، ހިތްދަތި އަސަރެއްކަން އެ އަޑު އިވުނު ކޮންމެ މީހަކަށް ޝައްކެތް ނެތް މިންވަރަށް އެނގޭނެއެވެ.
"އަހަރެން ނާއިކަށް ހާދަ އިތުބާރެއް ކުރީމޭ! ނާއިކު ކީއްވެތަ އަހަރެންނަށް އޮޅުވާލީ.. ބުނެބަލަ! ކީއްވެތަ އޮޅުވާލީ؟" އައިޝާ މަޑުމަޑުން ކުރިއަށް ފިޔަވަޅެއް ނެގިއެވެ. ނަމަވެސް އައިޝާ ވާހަކަދައްކަމުން ދިޔައީ މަޑުމަޑުންނެވެ. މުޅި ގޭތެރޭގައި ބޮޑު ހަމަނުޖެހުމެއް ހިންގައި، އެންމެން ހޭލައްވާލަން އައިޝާ ބޭނުން ނުވާތީއެވެ.
"އަހަރެން ހީކުރި ކަހަލަ މީހަކަށް ނާއިކެއް ނުވި.. ނާއިކު މުޅީން ބަދަލު ވެއްޖެ! އަހަރެން މި ހުރީ ހާދަ ހިތަށް ތަދު ވެފަޔޭ! މި ހިތަށް އެބަ ހާދަ ވޭނެއް އަޅަޔޭ. ހާދަ އަސަރެއް އެބަ ކުރެޔޭ. ބުނެބަލަ! ކީއްވެތަ އަހަރެންނަށް މި ވަރުގެ އަނިޔާ އެއް ތި ދިނީ؟ އަހަރެންގެ ކުށަކީ ކޮބާ؟ ދޫނިގެ ކޮށަކީ؟ އަހަރެމެންނަށް މި ލިބެން އުޅޭ ދަރިފުޅުގެ ކުށަކީ ކޮބާ؟" އައިޝާ ގޮސް ހުއްޓުނީ ނާއިކުގެ ކުރިމަތީގައެވެ. އިސް ދަށަށް ޖެހި ބޯ، އޭރުވެސް ނާއިކު ނުނަގައެވެ. އައިޝާގެ މޫނަށް ބަލައިލާނެ ހިތްވަރު ވެސް ނާއިކުގެ ނެތެވެ. އެއްވެސް ޙާލެއްގައި އައިޝާ ބީވެގެން ދާކަށް ނާއިކު ނޭދެއެވެ. ނަމަވެސް އައިޝާ ހަމައަކަށް އަޅުވައި، އައިޝާގެ ހިތް މައިތިރި ކުރަން ނާއިކަށް ނޭނގެއެވެ. އެ ކުޅަދާނަކަން ނާއިކުގެ ކިބައިން ގެއްލިފައިވާ ފަދައެވެ.
"އަހަރެން އަޅެ ނާއިކު ބުނި ކަމެއް ނުކޮށްދިނީތަ؟ ބުނެބަލަ! ތިހެން ތި އަހަންނަށް ހެދީ؟ ނާއިކު އަހަރެންނަށް ތިޔަ ދިނީ ހާދަ ބޮޑު ވޭނެކޭ.." އައިޝާގެ ދެލޮލުގެ ތެރެއަށް ފުނި ޖެހެމުން ދިޔައީ ކަރުނައިގެ ތިކިތަކެވެ. މޫނުމަތީގައި އަތް އަޅައި އައިޝާ ފެށީ ރޯންށެވެ.
***
އެނދުގެ ދެފަރާތަށް ފުރޮޅެމުން ދިޔަ ވާހިދާގެ ލޮލުގެ ތެރެއަށް ނިދީގެ އެއްވެސް އަސަރެއް ނުކުރެއެވެ. ވާހިދާ އާއި ނާއިކުގެ ގުޅުން އޭނާގެ ދަރިފުޅަށް އެނގި ދާނެތީ އެ ބިރު އަބަދުވެސް ވާހިދާގެ ސިކުނޑި ތެރޭގައި އެނބުރެއެވެ. އަނެއް ކޮޅުން ވީޑިއޯގެ ކަންތައް ވެސް އޮންނަނީ ވާހިދާގެ ސިކުނޑީގެ މެދުގައި ތަތްލައިފައެވެ. އެންމެ ފަހުން އެނދުގައި ނޯއްވެވިގެން ވާހިދާ ކޮޅަށް ތެދުވިއެވެ. އަދި ފޯނު ނަގައި ހުޅުވައިލިއެވެ. ވާހިދާއަށް ނުދަންނަ ނަމްބަރަކުން ވަނީ 8 މިސްޑް ކޯލް ލިބިފައެވެ. ސައިލެންޓުގައި ފޯނު އޮތުމުން ވާހިދާއަށް ކޯލެއް އައި އިރު ވެސް އެކަން އޭނާއަށް ރޭކައި ނުލީއެވެ.
"ވަރަށް މަސައްކަތުން ވާހިދާގެ ދަރިއެއްގެ ނަމްބަރު ލިބެއްޖެ. މަލާކުގެ ނަމްބަރު.. އިންނާނެ މަލާކުގެ ފޯނަށް ވެސް ވީޑިއޯ ފޮނުވާލާފާ. އަހަރެން ކުރިން އުޅުނީ ވީޑިއޯ ލީކް ކޮށްލަން. އެކަމު އޭރުން، ތިކޮޅުން އަހަރެން ހޯދަން އިތުރަށް އުޅޭނެތާ ދޯ؟ އެހެން ވީމަ ވީޑިއޯ ލީކް ކުރުމުގެ ވިސްނުން އަހަރެން ދޫކޮށްލާފަ، ވާހިދާގެ ވެސް ގާތް އެކަކަށް މި ފޮނުވާލީ ވީޑިއޯ.." ވާހިދާއަށް ލިބިފައިވާ މެސެޖު ކިޔައިލުމާ އެކު، އޭނާ ލާން އުޅުނު ނޭވާ ހީވީ، އޭނާގެ އަރު ތެރޭގައި ތާށި ވެގެން ދިޔަހެންނެވެ.
"ނޫން ނޫން!" ވާހިދާއަށް ތެޅެގަނެވުނެވެ. ވަރަށް އަވަސްކޮށް ވާހިދާ ކޮޓަރިން ނުކުންނަން ދުއްވައިގަތީ މަލާކު އޮތް ކޮޓަރިއާ ދިމާލަށެވެ. ކުއްލިއަކަށް ވާހިދާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ މަލާކުގެ ކޮޓަރިއާ ހަމަވިތާނާއެވެ. މަލާކުގެ ކޮޓަރި ތެރެއިން އިވެމުން ދިޔައީ ރުއިމުގެ އަޑެވެ. ވާހިދާއަށް ވީ ގޮތް ވެސް ނޭނގުނެވެ. ދަރިފުޅަށް ހުރިހާ ކަމެއް އެނގުނީކަން ވާހިދާއަށް ޔަޤީންވިއެވެ. ހިތް ފަޅައިގެންދާ ޙާލުގައި، އެހާމެ ލަދުން ހުރެ މަލާކުގެ ކޮޓަރީގެ ދޮރުގައި ވާހިދާ ޓަކި ދޭން ފެށިއެވެ. މަލާކަށް ގޮވަމުންނެވެ.
***
"އެއްވެސް އެއްޗެއް ނުބުނާނަން ދޯ؟ އަހަރެންގެ ހިތަށް އަރާ ތި ދުލުން ބުނާނެ ނަމައޭ، އެއީ ދޮގެކޭ.. އެއީ ފޭކް ވީޑިއޯ އެކޭ.. އެއީ އަސްލެއް ނޫނޭ." ލިބިފައިވާ ވޭނީ އަސަރުން އައިޝާ ވަރަށް ބާރަށް ހިފައިލީ ނާއިކުގެ އަތުގައެވެ. އަދި ރޮމުން ރޮމުން ނާއިކުގެ އަތުގައި ހިފަހައްޓައިގެން ހުރެ، އޭނާގެ އަތް ތަޅުވައިގަތެެވެ.
"އާޝާ.." ނާއިކުގެ ދޫ ހަރަކާތް ކޮށްލީ އޭނާގެ އިޚްތިޔާރުން މުޅިން ބޭރުންނެވެ. އިސް އުފުލައިލަމުން، ނާއިކު މަސައްކަތް ކޮށްލީ އައިޝާއަށް ބަލައިލާށެވެ. އައިޝާގެ ލޮލަށް ބަލައިލުމަށްފަހު، ނާއިކަށް ހިންދިރުވައިލެވުނެވެ. ވަރަށް ވެސް ދަތި ކޮށެވެ.
"އަހަރެންނަށް ނޭނގެ ބުނާނެ އެއްޗެއް.. ދައްކާނެ.. ވާހަކައެއް... އަހަރެން އަބަދުވެސް، އަބަދުވެސް... އާޝާ ދެކެ ވަރަށް ލޯބިވޭ.." ނާއިކު އެހެން ބުނުމާ އެކު، އައިޝާ ދެފަރާތަށް އޭނާގެ ބޯ ހުރައިލިއެވެ. "ނޫން. ނޫން. ހުސް ދޮގު. ތީ ހުސް ދޮގު! ލޯބިވާ ނަމަ އެހެން އަންހެނުންނާ އެކު ނޫޅޭނެ. އަހަރެންގެ ބޭނުން އިޙްސާސް ކުރެވޭނެ ނަމަ، ނާއިކު ތިހެން އަހަންނަށް ނުހަދާނެ. ތިހެން ނޫޅޭނެ." ނާއިކުގެ ވާހަކަތަކަށް އައިޝާ ރައްދު ދެމުން ބުންޏެވެ.
"އާޝާ! އަހަރެން ޤަބޫލު ކުރަން. އެކަމު، އަހަރެން މިރޭ ވަރަށް ދެރަވެއްޖެ! އަހަރެންނަށް އަހަރެންގެ ކުށް ވަރަށް ބޮޑަށް އިޙްސާސް ކުރެވިއްޖެ!" ނާއިކު ބަލަހައްޓައިގެން ހުރީ އައިޝާގެ މޫނަށެވެ.
"ތިހެން އިޙްސާސް ކުރެވެނީ ހަމައެކަނި އަހަރެންނަށް ކަމެއް އެނގުނީމަ ދޯ؟ ސިއްރުގަ ކިތައް ކަންތައް ކޮށްފަ ހުންނާނެ. މީ ފުރަތަމަ ފަހަރެއް ވެސް ނޫން.... ހަމަ މީހުން ބުނަނީ ރަނގަޅަށް..." އައިޝާ އިތުރަށް ދެރަވިއެވެ. އައިޝާ ވާހަކަދައްކަމުން ދިޔައިރު، ހިތާމައިގެ ވޭނުން އޭނާގެ ދަތްދޮޅި ވެސް ދިޔައީ ތުރުތުރު އަޅަމުންނެވެ.
***
"ދަރިފުޅާ! މަންމައަށް މާފު ކުރޭ!" ވާހިދާ ވަރަށް މަޑުމަޑުން ހިފައިލީ މަލާކުގެ އަތުގައެވެ. އެދެމައިން އެވަގުތުގައި ތިބީ މަލާކުގެ ކޮޓަރީގައެވެ. ވާހިދާ ވާހަކަދައްކަން ފެށުމާ އެކު، މަލާކުގެ ރުއިމުގެ އަޑު ދިޔައީ އިތުރަށް ބާރު ވަމުންނެވެ. ވާހިދާގެ އަޑު ޖެހުމުން މަލާކަށް ލިބިފައިވާ އަސަރުތައް ވީ ދެގުނައެވެ.
"މަންމަ ތި އޮޅުވާލީ އަހަންނަށް އެކަންޏެއް ނޫނޭ. ބައްޕައަށް ވެސް. ބައްޕަ ރިސޯޓުގަ އުޅޭތީ، އޭގެ ފައިދާ ވެސް މަންމަ ހިފާލީ ދޯ؟ ވިސްނާލިންތަ މި ވީޑިއޯ ބައްޕައަށް ފެނުނީމަ ދެން ވާނެ ގޮތެއް؟" މަލާކުގެ އަޑުގައި ހީވަނީ ބޮޑު ކޫރުމެއް އެޅިފައިވާ ހެންނެވެ.
"މަންމަ ވަރަށް ދެރަވެއްޖެ! މަންމަ ގޮތް ހުސް ވެއްޖެ! މަންމައަށް ދުވަހަކު ވެސް މިވަރުގެ ކަމަކާ ދިމައެއް ނުވޭ. މަންމައަށް މާފު ކުރޭ ދަރިފުޅާ!.." ވާހިދާ ރޮމުން އާދޭސް ކުރަމުން ގެންދިޔައެވެ.
"މާފޭ؟ ލަދެއް ނުގަނޭތަ؟ އަހަރެން ވެސް ޤަބޫލު ކުރަމޭ. އަހަރެން މީ، މާ މާތް މީހެއް ނޫން. އެކަމު، އަހަރެންނަށް ދަސްވެއްޖެ އަހަންނަށް ލިބިފަ މި ހުރީ ތި ހަޑިމުޑުދާރު މަންމަގެ ސިފަތައްކަން.. އަހަރެން..." މަލާކުގެ ލޮލުން ހުއްޓުމެއް ނެތި ދިޔައީ ކަރުނަ ފައިބަމުންނެވެ.
"ބައްޕައަށް އެ ވީޑިއޯއެއް ނުފެންނާނޭ. ދަރިފުޅު އެކަމާ ހާސްނުވެ ބަލަ! މި ވީޑިއޯ އިތުރު ބަޔަކަށް ނުދާނޭ. އަނެއްހެން މާ ބޮޑު ކަމެއް ނޫން ދޯ އެ ފެންނަނީ؟" ވާހިދާ ހިފައިލީ މަލާކުގެ އަތުގައެވެ. ފަކުރު ގަނެފައިވާ އިޙްސާސަކާ އެކު، އަނގަޔަށް ގޮތެއް ހަދައިލަމުން، ވާހިދާގެ އަތް މަލާކު ދުރުކޮށްލިއެވެ.
"އަހަރެންގެ ގައިގަ އަތް ނުލާ! ޗީޑި! މާ ބޮޑު ކަމެއް ނޫން ދޯ އޭ އަދި ބުނެފިއޭ. އަހަރެން ދެރަ ވަނީ ބައްޕައާ ދޭތެރޭ ވިސްނާލީމަ. އަހަރެން ވެސް މިހާރު ނާއިކު ދެކެ ފަކުރު ގަނޭ. މީހެއްގެ ފިރިއަކަސް، ނާއިކު އަހަންނަށް އެތައް ހުވަފެން ތަކެއް ދެއްކީމަ އަހަރެން ނާއިކު ދޫނުކުރީ. އެކަމު މިހާރު މަންމަ ދެކެ ވެސް، ނާއިކު ދެކެ ވެސް އަހަރެން ފަކުރު ގަނޭ. އާނ! އަދިވެސް ބުނަން. އަހަރެން މީ މާ މާތް މީހެއް ނޫން. ވީޑިއޯ އިން އެ ފެންނަނީ ކުޑަ މަންޒަރެއް. ބޮޑު މަންޒަރު އެނގޭނީ ތި ދެމީހުންނަށް. ޝުކުރުވެރިވަން މި ލޮލަށް އެ މަންޒަރު ނުފެނުނީމަ.." މަލާކު ރޮމުން ގިސްލަމުން ދިޔައެވެ.
"އަހަރެން މި އުޅެނީ.. ފުރަން.. ރާއްޖެ ދޫކޮށް ދާން. މިތާކު އަހަންނަކަށް ތި ޖަހާ ސަކަރާތް ބަލާކަށް ނުހުރެވޭނެ. ތި ހުތުރު ވާހަކަތައް ބައްޕައަށް ކިޔާ ދޭނެ ހިތްވަރެއް އަހަރެންގެ ހައްޓަކު ނެތް.. ދެން ތި ބުނާހެން ވީޑިއޯ ލީކް ނުވިއްޔާ ސިއްރުކޮށްލައިގެން ހުރޭ. އެކަމު އަހަރެން ނުހުންނާނެ އެ ޑްރާމާގަޑު ބަލާކަށް.. އަހަރެން މި ދަނީ.." ރޮމުން ގިސްލަމުން މަލާކު ތައްޔާރު ވެލީ ފޮށްޓަށް އެއްޗެހި އަޅާށެވެ.
"އަދި އެއް ވާހަކަ. ނާއިކުގެ ގާތު ބުނެލާތި! ދުވަހަކުވެސް، ދުވަހަކުވެސް އަހަންނަށް ނުގުޅަން.. އަހަރެންގެ ކޯލްތައް އިގްނޯރ ކޮށްލިހެން، އަހަރެން މަންމަ އާއި ނާއިކުގެ ކޯލުތައް ވެސް ކޮށްލާނީ ހަމަ އިގްނޯރ. ދެން މަންމަ ހުރޭ ބައްޕައަށް އޮޅުވާލައިގެން.." އެނދުގައި އިށީންދެގެން ރޯން އިން ވާހިދާއަށް ބަލައިލަމުން މަލާކު ބުންޏެވެ.
***
މުޅިން އައު ދުވަހަކަށް އިރު ފެނުން ތޮޅެލީ، ޖަންނަތާއި ލަބީބުގެ ދިރިއުޅުމުގައި ދޫވެފައިވާ ވާފަށް ވަރަށް ބާރުކޮށް، އަދި އެހާމެ ވާންކޮށް ގޮށް ޖަހައި، ދެމީހުން ގުޅުވައިލަމުންނެވެ. އެއާއި ޚިލާފަށް އައިޝާ އާއި ނާއިކުގެ ލޯބީގެ ވާފަށް، ފެށިގެން ދިޔަ އައު ދުވަހަކާ އެކު ދިޔައީ ދޫވެގެންނެވެ. އައިޝާގެ ޙަޔާތަށް ބިންދައިލީ އޭނާ ދުވަހަކު ވެސް އުއްމީދު ކުރި ފަދަ ރާޅެއް ނޫނެވެ. އެ ރާޅުން އައިޝާގެ މުޅި ޙަޔާތް ވަނީ އުފުށް މިފުށަށް ޖަހައިފައެވެ. އައިޝާ އާއި ނާއިކުގެ ދިރިއުޅުމަށް ޖެހުނު މައްސަލަ މިހާރު ވަނީ ދެ ފަރާތުގެ ޢާއިލާއާ ހިސާބަށް ފޯރާފައެވެ. އައިޝާ މި ވާހަކަތައް އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ ކަމަށްވާ ރީޝާއަށް ވެސް ކިޔައި ދިނެވެ. ނާއިކުގެ މައިންބަފައިންނާއި، ރީޝާގެ އެދުމަކަށް ވީ ކައިވެނި ދެމެހެއްޓުމެވެ. ދަރިން ވެސް ތިބުމާ އެކުގައެވެ. ނަމަވެސް އައިޝާގެ މަންމަ އެދުނީ، އައިޝާ ބޭނުންވާ ގޮތަށް މިކަން ކުރިއަށް ގެންދިޔުމަށެވެ. ވަކި ގޮތަކަށް ރަޝީދާ ބުރައެއް ނުވެއެވެ. ނާއިކުގެ ފަރާތުން އޭނާގެ ދަރިފުޅަށް މިފަދަ ހިތްދަތި ކަމެއް ލިބުމުން، ރަޝީދާ ހީވަނީ ފުން ހިތާމައިގެ ކަނޑަކަށް ވެއްޓިފައިވާ ހެންނެވެ. އައިޝާއަށް ނާއިކު ބޭވަފާތެރި ވެދާނެ ކަމަކަށް ރަޝީދާ ޤަބޫލެއް ވެސް ނުކުރެއެވެ. އަދި ރަޝީދާގެ ކުރިމަތީގައި ނާއިކު ވީ ވަޢުދުގެ އެއްވެސް އަގެއް ނެތް ކަމުގެ އިޙްސާސް ރަޝީދާއަށް ވަނީ ކޮށްފައެވެ.
ކަމުގެ ޙަޤީޤަތް ދެފަރާތުގެ ޢާއިލާއަށް ވެސް އެނގުނީ ވަކި ވަރަކަށެވެ. ވީޑިއޯގެ ވާހަކަ އައިޝާ އެއްވެސް މީހެއްގެ ގާތުގައި ނުކިޔައެވެ. އެއީ ވީޑިއޯ ލީކް ކޮށްލަން އެމީހާ މިހާރު ބޭނުން ނުވުމާއި އެކު ވެސް، އެއީ ދައްކަން މާ ރީތި ވާހަކައަކަށް ނުވީމައެވެ. އަދި ވާހިދާ ފަދަ ދެބައި އުމުރުން ކަޓާފައި ހުރި މީހެއްގެ ގާތަށް ނާއިކު ދިޔަ ވާހަކަ ދައްކަން އައިޝާއަށް ފަސޭހަ ވެސް ނުވާނެ ތީއެވެ.
"އާޝާ.." އެނދުގައި އިށީންދެގެން އިން ނާއިކުގެ އަޑަށް އައިޝާގެ އަތުގައި އޮތް ހެދުން ފޮށްޓަށް ކޮއްޕައިލުމަށްފަހު، އޭނާ ފުންކޮށް ނޭވާއެއް ލިއެވެ. އައިޝާ ތައްޔާރު ވަމުން ދިޔައީ އޭނާގެ ރަށް ކަމުގައިވާ ބިލެތްދޫއަށް ދިޔުމަށެވެ.
"ހަމަ ދަނީތަ؟" ނާއިކު އަހައިލި ސުވާލުން އައިޝާ ކުރަން ހުރި މަސައްކަތް ދޫކޮށްލާފައި ކޮޅަށް ތެދުވިއެވެ. އެނދުގައި އިން ނާއިކު ވެސް އައިޝާއާ އެކު ތެދުވެލިއެވެ. އައިޝާ ބަލައިލީ ނާއިކަށެވެ.
"އަހަރެން ޤަބޫލު ކުރަން އަހަރެންގެ ކުށް. އަހަރެންނަށް އެނގޭ އާޝާ މި ވާހަކަ ފެމިލީއާ ވެސް ޝެއާރ ކޮށްފިކަން. އެކަމު އާޝާ ވިސްނާލަ ބަލަ! އަހަރެމެންގެ އެބަ ހުރި ލޯބި ދަރިއެއް.. ލިބެން ވެސް ތި އުޅެނީ ލޯބި ބޭބީއެއް. ދެން މި ހުރިހާ ކަމެއް މިހެން އޮއްވާ އާޝާ ދިޔާމަ ވާނީ ކިހިނެއް؟ އާނ! އެއީ އަހަރެންނަށް ހެދުނު، ވަރަށް ބޮޑު މިސްޓޭކެއް. އެކަމާ އަހަރެން ދެރަވަމޭ!" ނާއިކު ވާހަކަދެއްކީ އައިޝާށް ބަލަހައްޓައިގެން ހުރެއެވެ.
"ތީ ކުރިން ވެސް ނާއިކު ދެއްކި ވާހަކަ.. އާ ވާހަަކައެއް ނީވޭ. ކުރިން ވެސް މާފު ކުރިން. މިއަދު އަހަރެން ޤަބޫލު ކުރަމޭ، އެއީ އަހަރެން އެދުވަހު ކޮށްގެން ވާނެ ކަމެއް ނޫން ކަން.. ނާއިކަށް އަސްލު މާފު ހައްޤެއް ނޫން.." އައިޝާގެ ދެލޮލުން ކަރުނަ ހުސްނުވާ އިރު، އައިޝާ ބަލަން ހުރީ ނާއިކަށެވެ.
"ދެން އާޝާ! އިޓްސް އަ މިސްޓޭކް އޭ.." ނާއިކު މަސައްކަތް ކޮށްލީ އައިޝާގެ އަތުގައި ހިފާށެވެ. ނަމަވެސް އައިޝާ ދުރަތަށް ޖެހިލުމުން އެކަން ނާއިކަށް ނުވީއެވެ.
"ދެޓްސް ނޮޓް އަ މިސްޓޭކް ނާއިކު. ޗީޓް ކުރުމަކީ ހެދޭ މިސްޓޭކެއް ނޫނޭ. ނާއިކު ތީ ހެޔޮ ނުބައި ވަކިވާ ވަރުގެ ފިރިހެނެއް. ޗީޓު ކުރުމަކީ ލައިފްގަ އޮންނަ އޮޕްޝަން އެއް. ޗީޓު ކުރުވި ދާނެ، ނޫނީ ނުކުރެވިދާނެ. ޔޫ ޗޫސް ކުރީ ޗީޓު ކުރަން. އެހެންވީމަ މިސްޓޭކެކޭ ނުބުނޭ. އޮޅިގެން ނުވިސްނޭތީ ކުރި ކަމެއް ނޫން އެއީ.. ހަމަ އަމިއްލަ އިޚްތިޔާރުގަ އެމަގު ޚިޔާރު ކުރީ.. މާފު ދިނީމަ ވެސް ދެން ވެސް ހަމަ އެ މަގުން ތިޔަ ހިނގީ.." އައިޝާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޭނާގެ ކޯތާފަތުގައި ފިރުކިފައި ގޮސް، ދަތްދޮޅިން ތިކިތިކި ޖަހަމުން ދިޔައެވެ.
"ދެމަފިރިން އެކަކު އަނެކަކަށް އޮޅުވާލާ، ހިލޭ ބައެއްގެ ފަރާތުން އުފާ ހާސިލް ކުރުމަކީ އުމުރަށް އިތުބާރު ގެއްލޭނެ ކަމެކޭ. ލޯބި ވަންޏާ، ޗީޓު ނުކުރާނީ.. މަކަރު ނުހަދާނީ.. އޮޅުވައި ނުލާނީ.. ވަފާތެރިކަމާ އެކު އުޅޭނީ.. އެހެނެއް ނުވި އެއްނު؟" އަތުގެ ނުފުށުން އައިޝާ އޭނާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެލަމުން ބުންޏެވެ.
"ކިތައް އަންހެނުން... ކިތައް އަންހެނުން މިއަދު ނިކަމެތި ޙާލުގައި އުޅެނީ؟ ތިކަހަލަ ފިރިހެނުންނާ ހެދި.. ދަރިން ލިބިފަ ހުރީމަ ދަރިންނަށްޓަކައި، ގަނަ ތެޅެނީ. ފިރިމީހާ އެހެން ހިލޭ އަންހެނުންނާ އެކު މަޖާ ނަގަނީ. އަނބިމީހާ ދަރިން ބަލަން.. ދަރިންނަށް ޓަކައި ކައިވެނި ހިފަހައްޓަން.. ބަލަ އެއީ ދިރިއުޅުންތަ؟ ނޫން.. އެއީ ލައިފެއް ނޫން. އެއީ އަނިޔާ.. ގަނަ ތެޅުން.. އަހަރެން އެހެން ވާކަށް ބޭނުމެއް ނޫން. އެފަދަ އަންހެނުން މެރީޑް ކޮށް ހުރެ، ސިންގަލް ލައިފް އެކޭ އެ ހޭދަ ކުރަނީ.. އަހަރެން އެގޮތް ބޭނުމެއް ނުވެއޭ މި ބުނަނީ.. އެޔަށް ވުރެ، ބޮޑަށް އަހަރެން ހިތްހަމަ ޖެހޭނެ އަހަރެން އެކަނި ދަރިން ބަލަން.. އިރާދަފުޅުން މާދަން ނޫން ކަމެއް ނޭނގެ އަހަންނަށް މިއަށް ވުރެ، ރަނގަޅު ލައިފެއް ލިބޭނީ.. އެހެންވީމަ ދަރިންނަށްޓަކައި އަޅުވެތި ދިރިއުޅުމެއްގައި ހައްޔަރު ވާނެ އަންހެނަކަށް މި އައިޝާ އެއް ނުވާނެ.." އައިޝާ އެހެން ބުނެ، އަނެއްކާ ވެސް ފޮށްޓަށް އެއްޗެހި އަޅަން ފެށިއެވެ. ނާއިިކު ހުރީ ބަސް ހުއްޓިފައެވެ.
"އަހަރެން މިދަނީ.. ނާއިކަށް ނާއިކުގެ ދަރިންނާ ކޮންމެ އިރެއްގަ ވެސް ގުޅޭނެ. އެކަމު، ނާއިކުގެ ޙަޔާތުން އަހަރެން މިވަކި ވަނީ.. ކޯޓުން ގުޅާނެ.." އައިޝާ އެހެން ބުނެ ފޮށި ހިފައިގެން ކޮޓަރިން ނުކުތެވެ. ނާއިކަށް ހުރި ފިޔަވަޅު މަތީގައި ހުރެވުނީ އައިޝާ ދެއްކި ވާހަކަތަކަށް ރައްދުގައި ބުނާނެ އެއްވެސް އެއްޗެއް ނާއިކުގެ ދުލުގައި ނެތީމައެވެ. އައިޝާ ދެއްކީ ކަމުގެ ޙަޤީޤަތްކަން ނާއިކު ވެސް ޤަބޫލު ކުރާތީއެވެ.
****************
4 އަހަރު ފަހެވެ.
ޖަންނަތު ދިރިއުޅެމުން ދިޔައީ އޭނާގެ ޢާއިލާއާ ވަކިން މާލޭގައެވެ. ރަނގަޅު، ހެޔޮ ދިރިއުޅުމެއް އުޅުމަށް ގަސްތުކޮށް، ލަބީބުގެ މާފާ އެކު ފެށި ޙަޔާތް ރީތި ގޮތުގައި ކުރިއަށް ގެންދަން ޖަންނަތަށް ނޭނގުނެވެ. ޒަހީންގެ ސިއްރު ލޯބި ނިމުމަކަށް އައުމުން، އިތުރު އެހެން ހިލޭ ފިރިހެނަކަށް ޖަންނަތު މަރުޙަބާ ކީ ލަބީބު ރޮއްވައިފައެވެ. 1 އަހަރު ލަބީބާ އެކު ލޯބިން އުޅުމަށްފަހު، ޖަންނަތުގެ ކަށީގައި ހިފާފައިވާ "ޒިނޭގެ ފާފަ"އަށް އޭނާގެ ހިތް ހުޅުވައިލީ ޝައިތާނާ އެވެ. އެއީ މާތްﷲއާ ދެމެދު އުފެދިފައިވާ ގުޅުން ޖަންނަތު ނިމުމަކަށް ގެނަ ހިސާބުންނެވެ. މާލޭގައި ހިތަށް އެރި ގޮތަކަށް ޖަންނަތު، އޭނާގެ ލޯބިވެރިޔާއާ އެކުގައި އުޅެމުން ދާއިރު، އޭނާގެ ދަރިފުޅު ލައިބާ ބަލަމުން ގެންދިޔައީ ރަޝީދާ އާއި އައިޝާ އެވެ. ޖަންނަތު ވަރި ކުރުމަށް ފަހުގައި ވެސް، ލަބީބުގެ ގިނަ ވަގުތުތައް، އޭނާ ހޭދަކުރަމުން ގެންދިޔައީ ލައިބާއާ އެކުގައެވެ.
ނާއިކުގެ ޒަވާޖީ ޙަޔާތުގައި އެއްވެސް ބައިވެރިއެއް އަދި ނެތެވެ. އައިޝާ ދިޔަ ފަހުން، ނާއިކުގެ ޙަޔާތަށް އެތައް ރީތި އަންހެން ކުދިންނެއް އާދެއެވެ. ނަމަވެސް އައިޝާ ފަދަ އަޙްލާޤު ރަނގަޅު މީހަކާ އަދި ނާއިކަަށް ދިމާ ނުވަނީއެވެ. ވީޑިއޯ ލީކް ނުވުމުން، މަޤާމުގައި އަދިވެސް ނާއިކު އުޅެނީ އުފަލުންނެވެ. އެކި އަންހެން ބައިވެރިންނާ އެކުގައެެވެ. އެއީ ވަގުތީ އުފާކަން ނާއިކަށް އިޙްސާސް ވެސް ނުވާ ފަދައެވެ.
***
ރޭގަނޑުގެ ހިތް ފަސޭހަ ވަގުތެވެ. އައިޝާ އޭނާގެ ދެ ދަރިން ނިންދުމަށްފަހު، ސިޓިންގރޫމަށް ނުކުތެވެ. ކޮޓަރީގެ ދޮރު ހުޅުވައިލުމާ އެކު، އައިޝާއަށް ހުއްޓުން އެރިއެވެ. އައިޝާގެ ތުންފަތުން ދުވެލީ އުފާވެރި ހިނިތުންވުމެކެވެ.
"ހެޕީ އެނިވާސަރީ މައި ލަވިން ބިއުޓިފުލް ވައިފް.." އައިޝާގެ ކުރިމަތީގައި ހުރީ އޭނާގެ ފިރިމީހާ ހާރިޝްއެވެ. ހާރިޝްގެ އަތުގައި އޮތް ފިނިފެންމާ ބޮޑި ވަރަށް ލޯބިން އައިޝާއަށް ދިއްކޮށްލިއެވެ.
"އައި ލަވް ޔޫ.." އައިޝާގެ ކޮލަށް ބޮސް ދެމުން ހާރިޝް ހިނިތުންވެލިއެވެ.
"އައި ލަވް ޔޫ ޓޫ.." އައިޝާގެ ތުންފަތުން ފައުޅު ވީ ފުޅާ ހިނިތުންވުމެކެވެ. ރަނގަޅު ފިރިއެއް ލިބުނީމައެވެ. ދަރިންނަށް ރަނގަޅު ބައްޕައެއް ލިބުނީތީއެވެ. ނާއިކުގެ ހުރިހާ އޮޅުވާލުން ތަކަށް ރުހިގެން، ދަރިންނަށްޓަކައި އޭރު ހުރި ނަމަ އަދިިވެސް އައިޝާއަށް އުފާވެރި ޙަޔާތެއް ނުލިބުނީސް ކަމުގައި އައިޝާ ދެކެއެވެ. ނަމަވެސް އެ އަޅުވެތި އިޙްސާސް ތަކުން ފުުރިގެންވާ "ވޭންތަކުން ދިން" ހިތި މާޒީ ފަސްދީ ދިޔުމުން އައިޝާ މިއަދު އުފާ ކުރެއެވެ.
"ކުޑަ ބަނޑެއް ވެސް ލައިފި ދޯ؟ ބައްޕި ވެއިޓިންގ ދަރިފުޅާ!" ހާރިޝް ތިރިވެލަމުން އައިޝާގެ ބަނޑުގައި އޭނާގެ ތުންފަތް ޖައްސައިލިއެވެ. އައިޝާ އިސްދަށަށް ޖަހައިލަމުން، ހާރިޝްގެ ބޮލުގައި އައިޝާގެ އިނގިލިތައް ދުއްވައިލިއެވެ. އަދި ވަރަށް ލޯބިން ހިނިތުންވެލިއެވެ. ދެން ދުވަހަކު ވެސް ވޭނީ އިޙްސާސްތައް އައިޝާގެ ޙަޔާތަށް މިންވަރު ނުކުރުމަށް އެދި ދުޢާ ކުރަމުންނެވެ. -- ނިމުނީ