ވޭންތަކުން ދިން

ވޭންތަކުން ދިން

(07 ޖޫން 2021އާ ގުޅޭ)

"ކީކޭތަ ބުނަން ތި އުޅެނީ؟ ކިހިނެއްތަ ވީ ދަރިފުޅާ؟ ތި ބުނަން އުޅޭ އެއްޗެއް ސާފު ކޮށް ބުނެބެލަ! މަންމަމެން މި ތިބީ ދަރިފުޅަށް ވީ ގޮތް ނޭނގުމުން ބޮޑު ހާސް ކަމެއްގެ ތެރޭގަ.." ރަޝީދާގެ ހިތް ވަނީ އަވަސް ވެފައެވެ. އައިޝާ ވެސް ހުރީ އޭނާގެ ދައްތައަށް ވީ ގޮތް އެނގެން، ނިކަން ބޮޑަށް ބޭނުން ވެފައެވެ. ހިތުގެ ތެރެއަށް ގުޅަވެފައިވާ ސުވާލުތަކަށް ޖަވާބެއް ލިބެން އައިޝާ އިންތިހާއަށް ބޭނުން ވެއެވެ.

ޖަންނަތުގެ ލޮލުގެ އެއްކަނުން ފައިބަން ފެށި ކަރުނަތައް ދިޔައީ އޭނާ ބޯ އަޅައިގެން އޮތް ބާލިސް ފޯކުރަމުންނެވެ. ޙަޤީޤަތުގައި ވެސް ޖަންނަތަށް ވަނީ ވަރަށް ފުން ހިތްދަތި އަސަރު ތަކެއް ކޮށްފައެވެ. ދުވަހަކު ވެސް އުއްމީދު ނުކުރާ ފަދަ ކަންތައް ތަކެއް ޖަންނަތަށް ވަނީ ބަރުދާސްތު ކުރަން ޖެހިފައެވެ. ބަލި އެނދުގައި މިހެން އޮންނަން ޖެހުމުން ކުރުވާ އިޙްސާސްތައް ވަރަށް ތަފާތުކަން ޖަންނަތަށް ދިޔައީ ހަމަ ރަނގަޅަށް ވެސް އެނގެމުންނެވެ.

"ލަބީބު.. އަހަރެން މީ ކުށްވެރިއެއް.." ޖަންނަތަށް އޭނާގެ ދޫ ހަރަކާތް ކޮށްލެވުނީ އެވަރަށެވެ. އިތުރަށް ލަބީބުގެ ހިތުގެ ހިނގުން އަވަސް ވިއެވެ. ޖަންނަތު ދައްކަން އުޅޭ ވާހަކަ އަކީ ކޮބައިކަން ނޭނގޭތީއެވެ. ޖަންނަތުގެ މޫނަށް ބަލަން ހުރި ރަޝީދާ އާއި އައިޝާގެ ޙާލަކީ ވެސް ހަމަ އެއީ އެވެ. ނާއިކު އެއްވެސް އެއްޗެއް ނުބުނެ، އޭނާގެ ލޯ ކުރިމަތިން ފެންނަމުންދާ ތަފާތު ކަންތަކަށް ބަލަން ހުއްޓެވެ.

"ލަބީބު..." ޖަންނަތު ފުންކޮށް ނޭވާއެއް ލިއެވެ.

"އަހަރެން މީ ވަރަށް ވިޔާނުދާ މީހެއް! ގޮތެއް ފޮތެއް ނެތް މީހެއް.. އަހަރެންގެ ނޯންނާނެ ލަދެއް ޙަޔާތެއް. އުޅުމެއް ނެތް މީހެއް މީ.. މަންމަ އެކަނި މާއެކަނި އަހަރެން ބަލާ ބޮޑު ކުރީމަ ވެސް، އެފަކީރަށް ވެސް އަހަރެން ހެދާލީ ހަދާނެ އެއްޗެއް. އެއްވެސް ލޯތްބެއް، އިޙުތިރާމެއް، ޤަދަރެއް އަހަރެން މަންމަ އަކަށް ނުދެން.. ދެން ހުރީ ކޮއްކޮ. އައިޝާ ކޮއްކޮ.. އަހަރެން އަބަދުވެސް އައިޝާ ކޮއްކޮ އަށް ހަސަދަ ވަން. ރުޅި އާދޭ! އެއްވެސް ސަބަބެއް ނެތަސް، އަހަރެން އައިޝާ ދެެކެ ހުންނަނީ ރުޅި އަތުވެފަ.. އަހަރެން ދެކެ ލޯބިވާ މީހުންނަށް އަހަރެން ދިނީ އަނިޔާ. ސަޒާ.. ދެރަ.. އޭގެ ބަދަލުގައި އަހަރެން ދެކެ ލޯބި ނުވާ ، އެކަން ފާޅުގަ ހާމަ ކުރި މީހަކަށް ޓަކައި އަހަރެންނަށް..." ޖަންނަތަށް ހަމަ ރަނގަޅަށް ވެސް ވަނީ ރޮވިފައެވެ. ދެލޯ މަރައިލަމުން ހަށިގަނޑުގެ އެތެެރެއަށް ފުން ކޮށް ދެތިން ނޭވާ އެއް ދޫކޮށްލިއެވެ. ރަޝީދާގެ ގައިގައި ހިފަހައްޓައިލައިގެން އައިޝާ ހުރި އިރު، އެދަމައިންނަށް ވެސް ވަނީ ދަތި އިޙްސާސެއް ވެފައެވެ.

***
ރޯ މަހެއް ތެޅޭހެން ވާހިދާ ތެޅެމުން ދިޔައެވެ. ވާހިދާގެ ހިތަށް ހީވަނީ ހުއްޓުމެއް ނެތި ތޫނު އެއްޗެއް ހެރެމުންދާ ހެންނެވެ. ހިތަށް ލިބޭ އުނދަގުލާ އެކު ހިތުގެ ވިންދުގެ އަވަސް ކަމުން، މުޅި ހަށިގަނޑަށް ގެނުވަމުން ދިޔައީ ވަރުބަލި ކަމެވެ. ވާހިދާ ވަނީ ވަރަށް ބޮޑަށް ދާހިއްލަން ފަށައިފައެވެ. ކޮޓަރީގެ އޭސީ 17 ގައި ހުއްޓަސް، އޭގެން އެއްވެސް ފިނި ކަމެއް ވާހިދާ އަކަށް ނުލިބެއެވެ. ވާހިދާގެ ހިތަށާއި ސިކުނޑިއަށް ވަދެގެންފައި ވަނީ އެޔަށް ވުރެ މާ ބޮޑު ވަބާ އެކެވެ. ބޮޑުވެގެންވާ ތޫފާނެކެވެ. އެ ތޫފާނުން ސަލާމަތް ވުމަށް ކުރަންވީ ދަތުރަކީ ކޮބައިކަން ސިކުނޑިއަށް ވައްދަން އުޅުނަސް، އެކަމެއް ވާހިދާއަކަށް ނުވެއެވެ. އެ ވީޑިއޯ ލީކު ވެއްޖަ ނަމަ، ދެން ކަންތައް ވާނެ ގޮތް ޚުދު ވާހިދާއަށް ޝައްކެއް ނެތް މިންވަރަށް އެނގެއެވެ. އެ ވީޑިއޯއިން އެއީ ވާހިދާ އާއި ނާއިކު ކަން އެއްވެސް މީހަކަށް ނޯޅޭނެއެވެ. މަގުމަތީގައި ތިބެ އަތުގައި ހިފައި ބައްދައި ހެދުމަކީ، ވާހިދާ އަށް ވީޑިއޯ އަކުން ފެންނަން އެއްވެސް ގޮތަކަށް ބޭނުން ވާނެ މަންޒަރެއް ނޫނެވެ. ރައްޔިތުންނާ މެދު ވިސްނުމުގެ ކުރިން ވާހިދާއަށް ވިސްނެނީ އޭނާގެ ދަރިފުޅާ މެދުގައެވެ. ދަރިފުޅުގެ ލޯބިވެރިޔާއާ އެކު މަންމަ އެ ފަދަ ގޮތަކަށް ހުންނަ މަންޒަރު ފެނުމުން ދެން ކަންތައް ވާނެ ގޮތް ތަސައްވުރު ކޮށްލަން ވެސް ވާހިދާއަށް ދައްޗެވެ. ދެން އޮތީ ވާހިދާގެ ޢާއިލާއެވެ. އަނެއްކޮޅުން ނާއިކުގެ ޙާލަކީ ކޮބައި ކަމެއް ވެސް ވާހިދާއަކަށް ނޭނގެއެވެ.

***

"ދެން ނުރޮއި ބުނެބަލަ! އަހަރެމެން މި ތިބީ އަޑު އަހާށޭ!" ލަބީބު އަނެއްކާ ވެސް ހިފައިލީ ޖަންނަތުގެ އަތުގައެވެ. ޖަންނަތު މަޑުމަޑުން ލަބީބުގެ އަތް ދުރުކޮށްލިއެވެ.

"ނޫން ލަބީބު! ލަބީބަށް ޑިޒާރވެއް ނުވޭ އަހަރެންގެ އަތުގަ ހިފާކަށް. އެޔަށް ވުރެ މުޑުދާރު މީހެއް އަހަރެންނަކީ.." ޖަންނަތު އޭނާގެ މޫނުމަތީގައި އަތް އަޅައި ރޯން ފެށީ ހިތަށް ލިބެމުންދާ ހިތްދަތި ކަމުގެ ބޮޑު ކަމުންނެވެ. އެއްވެސް އެއްޗެއް ނުބުނެ އެތަނުގައި ތިބި މީހުން ތިބީ ޖަންނަތުގެ ހަރަކާތް ތަކަށް ބަލާށެވެ.

ނާއިކު މަޑުމަޑުން އޭނާގެ ޖީބުގައި އަތް ޖައްސައިލީ ފޯނު ވައިބްރޭޓު ވާން ފެށުމާ އެކުގައެވެ. ފޯނު ނަގަމުން ނާއިކު ބަލައިލީ ފޯނުގެ ސްކްރީނަށެވެ. ގުޅަމުން ދިޔައީ މަލާކެވެ. ނާއިކު ބިޒީ ކޮށްލުމާ އެކު، މީޓިންގއެއްގައި ކަމަށް ބުނެ، މަލާކާށް ފޮނުވައިލީ މެސެޖެކެވެ.

"ލަބީބު.. މަންމާ.. ކޮއްކޯ!" ޖަންނަތު އޭނާގެ މޫނުމަތިން އަތް ނަގަމުން އެ އެންމެންނަށް ބަލައިލިއެވެ. އެ ބެލުމުގައި އެކުލެވިފައި ވަނީ ވޭނީ އިޙްސާސެކެވެ. އަދި ޖަންނަތު އޭނާގެ އަތުގެ ނުުފުށުން ކަރުނަތައް ފޮހެލަމުން، ހިން ދިރުވައިލިއެވެ. އެވަގުތު ވެސް ޖަންނަތުގެ ތިރީ ތުންފަތް ދިޔައީ ހިތާމައިގެ ވޭނުން ތުރުތުރު އަޅަމުންނެވެ.

"އަހަރެންނަށް މާފު ކުރޭ ލަބީބު! އަހަރެން.. އަހަރެން ލަބީބާ ކައިވެނި ކުރީ އެއްވެސް ވަރަކަށް ލަބީބު ދެކެ ލޯބި ވާތީ އެއް ނޫން.." ޖަންނަތުގެ ޖުމުލަ ހީވީ ދުވެފައި އައިސް ލަބީބުގެ މޫނުގައި ހޫނު ތަފާލެއް އެޅިހެންނެވެ. ލަބީބުގެ ދެލޯ ބޮޑުވެ، ފަހަތަށް ފިޔަވަޅެއް ނެގުނީ އޭނާގެ އިޚުތިޔާރުން ބޭރުންނެވެ.

"އާނ! އަހަރެން އެއްވެސް އިރެއްގަ.. އެއްވެސް ވަރަކަށް ލަބީބު ދެކެ ލޯތްބެއް ނުވޭ. އަހަރެން ލަބީބާ ކައިވެނި ކުރީ، އޭރު އަހަރެން ލޯބިވި ބައިވެރިޔާ އަހަރެންނަށް ނުލިބުމުން.. އަހަރެންނަށް ވެސް މީހުން ވާކަށް ދައްކަން ވެގެން.. އެކަން އަންގަން ވެގެން" ޖަންނަތުގެ ވާހަކަތަކުން ރަޝީދާ އާއި އައިޝާ އަށް ލިބުނީ ކުއްލި ބޮޑު ސިހުމެކެވެ. ލަބީބުގެ ދެލޮލަށް ކަރުނަތައް ޖަމާވާން ކުޑަ ހިނދުކޮޅެއް ވެސް ނުނަގައެވެ. ވާނުވާ ނޭނގިފައިވާ ނާއިކު ހުރީ އައިޝާގެ ގާތުގައެވެ.

"އަހަރެން އޭރު ލޯބިވީ ޒަހީން ދެކެ. ރަށުގެ ކައުންސިލަރު.. އެކަމު ޒަހީން އަހަރެން ދެކެ ލޯތްބެއް ނުވޭ.. އެކަމު ވެސް އަހަރެން ޒަހީނާ ބައްދަލު ކުރަން ދަން. އެންމެ ފަހުން އަހަރެންގެ ކަރުގަ ލީ ހިތި ރަހަ.." ޖަންނަތު ރޮމުން ވާހަކަ ކުރިއަށް ގެންދިޔައީ ކަށިން ހިތްވަރު ނެރިގެންނެވެ.

"އަހަރެން ބަލިވެ އިނީ ޒަހީންގެ ދަރިއަކަށް.. އަހަރެންނަށް މިފަދަ ކަމެއް ކުރަން މަޖުބޫރުވީ ޒަހީންގެ އުދަނގޫ ބޮޑުވުމުން.. އަހަރެން އެހެން ނޫނަސް ބޭނުމެއް ނުވި، ލަބީބަށް މިވަރުގެ ބޮޑު އަނިޔާއެއް ދޭކަށް... އާނ! އަހަރެން ބޭސް ކައިގެން ވައްޓާލަން އުޅުނީ ލަބީބުގެ ދަރިއެއް ނޫން.. އެއީ ޒަހީންގެ ދަރިއެއް..." ޖަންނަތު އެހެން ބުނުމާ އެކު ލަބީބުގެ ދެލޯ މައްޗަށް އަނދިރިވެ، އޭނާ ހުރި ތަނަށް ވެއްޓުނެވެ.

"ޒަހީނޭ؟" އައިޝާ އަށް ދެލޯ ބޮޑުކޮށްގެން ބަލައިލެވުނީ އެނދުގައި އޮތް ޖަންނަތަށެވެ. ޖެހި ބުދެއްހެން ރަޝީދާ ހުރީ ލިބުނު ޙަބަރުން ހުއްޓުން އަރާފައެވެ. ލަސްތަކެއް ނުވެ ނަރުހުން ތަކެއް އައިސް ލަބީބު އެނދަށް ލައިގެން، އޭނާއަށް ފަރުވާ ކުރަން ގެންދިޔައެވެ. އެވަގުތު ވެސް އެހެން މީހުން ތިބީ އެހެން ދުނިޔެ އެއްގައެވެ. ޖަންނަތުގެ ދުލުން ބޭރުވި ބަސްތަކުން އައިޝާ އާއި ރަޝީދާ ވެސް ވަނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެ ދެމީހުންގެ ދުލުގައި ވެސް ހީވަނީ ތަޅެއް އެޅިފައިވާ ހެންނެވެ. (ނުނިމޭ)