ވާހަކަ

ވޭންތަކުން ދިން

(11 ޖޫން 2021އާ ގުޅޭ)

މުޅިން އައު ދުވަހަކަށް ދުނިޔެ މަރުޙަބާ ކިޔަމުން ދިޔަ އިރު، ލަބީބަށް ދިޔައީ އޭޑީކޭގެ އައިސީޔޫ ގައި އަވަސް ފަރުވާ ދެމުންނެވެ. ޖަންނަތުގެ ޢާއިލާއަށް އޭނާ ދިން ފޫ ނުބެއްދޭ ވަރުގެ ހިތްދަތި ޚަބަރުން އައިޝާ އާއި ރަޝީދާއަށް ވަނީ ފުން އަސަރެއް ކުރުވާފައެވެ. އެ ދެމައިންގެ ހިތުގައި އަޅަމުން ދިޔަ ވޭނަކީ އެކަމުގެ ސަބަބުން ލިބެމުންދާ ވޭނެވެ. މީހުން ކުރާނެ ޖެއްސުމާއި، މުޅި ޢާއިލާއަށް ލިބޭނެ މަލާމަތްތައް ހިތަށް ވެރިވެ، ރަޝީދާގެ މައިލަގޮނޑިއަށް ދިޔައީ ކެތްކުރަން ދަތި، އެތައް އަނިޔާ އެއް ލިބެމުންނެވެ.

"އަހަންނަށް އަހަރެންގެ ވާޖިބު އަދާ ނުކުރެވުނީ ތަ؟ އަހަރެން ހާދަ ޤުރުބާނީ އެއް ވީމޭ ތި ދެ ދަރިން ރަނގަޅަށް ބޮޑު ކުރަން... އެތައް ރޭގެ ނިދިން މަޚްރޫމް ވިން. އެކަނި މާ އެކަނި އަހަރެން މަސައްކަތް ކުރީ ތި ދެ ދަރިންނަށް އުފާވެރި، ރަނގަޅު މުސްތަގުބަލެއް ހޯދައި ދިނުމަށް.. އެކަމުން އަހަރެން މިވީ ފެއިލް ދޯ؟" ޖަންނަތު އޮތް އެނދުގެ ފަޑީގައި ބޯ އަޅައިލައިގެން އޮވެ، ރަޝީދާ ވާހަކަދައްކަމުން ދިޔައީ ރޮމުންނެވެ. ރަޝީދާގެ ދެލޯ ވަނީ ކަރުނައިގެ ފެން ތިކި ތަކުން ތެމި ފޯވެފައެވެ.

"މަންމާ.. ތިހެން ނުބުނޭ. ބައްޕަ އަކާ ނުލައި މަންމަ އަހަރެމެން ދެބެން ބޮޑު ކުރީ ވަރަށް ލޯބި ދީގެން.. ވަރަށް އަޅާލައިގެން.. އެގޮތުގައި އަހަރެމެން އަމިއްލަ ފައި މައްޗަށް ނެގީ ހަމަ ތި މަންމަ.. އެހެން ވީމަ ތިހެން ނުބުނޭ. މަންމަ އަކީ ނަމޫނާ މަންމަ އެއް." އައިޝާ ފިރުމައިލީ ރަޝީދާގެ ކޮނޑުގައި އެވެ. އައިޝާ ވާހަކަ ދެއްކި އިރު، އޭނާގެ އަޑުގައި އެއްވެސް ހަމަޖެހުމެއް ނެތެވެ. އަޑު ވަނީ ރާޅުވެފައެވެ. އެއްވެސް އެއްޗެއް ނުބެނެ، ކުށްވެރިއެއް ފަދައިން ޖަންނަތު އެނދުގައި ރޯލަރޯލަ އޮތެވެ.

"މަންމަގެ ހުރި ހަމަ އެކަނި އުއްމީދަކީ ދަރިފުޅު، އައިޝާ.. މަންމަ އަށް ހިތްވަރު ދީ.. މަންމައަށް އެހެން ނޫނީ މި ހިތްދަތި ކަމުން ދުވަހަކު ވެސް މިންޖެއް ނުވެވޭނެ.." ރަޝީދާ އެހެން ބުނުމަށްފަހު، ބައްދައިލީ އައިޝާގެ ގައިގައެވެ.

"ދަރިފުޅާ.. ނާއިކު.. އައިޝާއަށް ދެރަ އެއް ނުދެއްޗޭ! ދުވަހަކު ވެސް.. ދުވަހަކު ވެސް އައިޝާގެ ހިތުގަ ނުޖައްސައްޗޭ! މަންމައަށް ވަޢުދުވޭ! ދަރިފުޅާ ނާއިކު. މަންމައަށް އިތުރު ހިތްދަތި ކަމެއް ތަހައްމަލު ކުރާނެ ހިތްވަރެއް މި ހައްޓަކު ނެތް." ހިތް މަތީގައި އަތް އަޅައިލަމުން، ރަޝީދާ ބަލައިލީ ނާއިކުގެ މޫނަށެވެ. ނާއިކަށް ގެނުވީ ކުއްލި ސިހުންވެރި ކަމެކެވެ. މަންމަ އަކު ހިތްދަތިކަމާ އެކުގައި ރޮމުން ގެންދާއިރު، ރަޝީދާ އެދުނީ ނާއިކު ކުރަން ބޭނުންވާ ކަމަކަށް ވީ ނަމަވެސް، ނާއިކަށް ކުރަން އުނދަގޫ ކަމެކެވެ. އައިޝާއަށް ވަފާތެރިއެއްގެ ގޮތުގައި ސާބިތުވެ ހުންނަން މި ވީހާ ތަނުގައި ނާއިކު ވަނީ ނުކުޅެދިފައެވެ. ފުންކޮށް ނޭވާ އެއް ލަމުން ނާއިކު ކުރިއަށް ފިޔަވަޅެއް ނެގިއެވެ.

"މަންމާ.. ދެރަ ނުވޭ! އަހަރެން ދުވަހަކު ވެސް، ދުވަހަކު ވެސް، އިރާދަކުރެއްވިއްޔާ މަންމަ ހިތުގައެއް ނުޖައްސާނަން. އާޝާ އަށް ކަމޭ ހިތާނަން. އާޝާއަށް ދެރައެއް ލިބޭ ކަމެއް އަހަންނެއް ނުކުރާނެ.." ރަޝީދާއަށް ނާއިކު ވަޢުދު ވީ އުނދަގޫ އިޙްސާސަކާ އެކުގައެވެ. އެވަގުތު ވެސް އެނދުގައި އޮތް ޖަންނަތުގެ ގެންދިޔައީ ރޮމުންނެވެ. އޭނާގެ ލޮލުން ކަރުނަ ހުސް ނުވެއެވެ.

"މަންމާ.." ޖަންނަތު ފުންކޮށް ނޭވާ އެއް ލަމުން، މޫނު އަނބުރައިލީ އޭނާގެ މަންމައާ ދިމާލަށެވެ.

"މަންމާ... އަހަރެންނަށް މާފު ކުރޭ! އަހަރެން ޤަބޫލު ކުރަން އަހަރެންގެ ކުށް. އެކަމު މަންމާ، އަހަރެން ބޭނުން މި ކުށުން ތަޢުބާވެ، ރަނގަޅު މީހަކަށް ވާން.." ޖަންނަތު މަޑުމަޑުން އަތް ހަރަކާތްކޮށްލީ، ރަޝީދާއާ ދިމާލަށެވެ. ފިސްފިސް ވަމުންދާ ހިތަކާ އެކުގައެވެ.

"ފުރަތަމަ ލަބީބުގެ މާފު ހޯދާ!" ރަޝީދާއަށް ގިސްލެވެން ފެށުމާ އެކު އޭނާ އެތަނުން ނުކުންނަން ހިނގައިގަތެވެ.

***

ހަފުތާއެއް ފަހެވެ. ނާއިކާއި ވާހިދާ މަސައްކަތް ކުރަމުން ދިޔައީ އެމީހުން އެއްކުރި ފައިސާތައް، ވީޑިއޯ ކުރި މީހާއަށް ހަވާލު ކުރުމަށެވެ. އެމީހާ އެދުނު ފަދައިން މިއަދު ހަވީރު އެ ފައިސާތައް ހަވާލު ކުރަން ނާއިކާ އާއި ވާހިދާ ވެސް ވަނީ ތައްޔާރު ވެފައެވެ.

"މިހާރު ކޮން ދުވަހެއް ނާއިކުގެ ޚަބަރެއް ނުވާތާ! ގުޅީމަ ފޯނު ވެސް ނިއްވާލާފަ! އޮފީހަށް އެބަ ނުކުމޭ. އެކަމު ފޯނަށް ޖަވާބެއް ނުދެވޭ ވިއްޔާ.." ވާހިދާ ގެންދިޔައީ އޭނާގެ ކޮޓަރީގައި ހުރެ ދެކޮޅަށް ހިނގަމުންނެވެ.

"މަންމާ.." ދޮރުގައި ޓަކި ދިނުމަށްފަހު، މަލާކު ގޮވައިލި އަޑަށް ވާހިދާ ގޮސް ދޮރުހުޅުވައިލިއެވެ.

"މަންމަ ކީއްކޮށްލަނީ؟ މަންމަ ކޮޓަރިން ނުނިކުންނަ ދުވަހަކީތަ؟" މަލާކު ބަލައިލީ ވާހިދާގެ މޫނަށެވެ. އެ މޫނުމަތިން ފެންނަމުންދާ މާޔޫސް ކަމަކީ ވަންހަނާ ކުރެވޭނެ ކަމެއް ނޫނެވެ.

"މަންމާ.. ބަލީތަ؟" މަލާކު ހިފައިލީ ވާހިދާގެ އަތުގައެވެ. ވާހިދާގެ އަތް ވަނީ ފިނިވެފައެވެ.

"ދަރިފުޅާ! އާނ! މަންމަ ކުޑަކޮށް ބަލި މިއަދު. މަންމަ ބުނީ..." ވާހިދާ ހުއްޓުން އެރިއެވެ. މަލާކު އަނެއްކާ ވެސް ވާހިދާގެ އަތުގައި ހިފައިލީ ކިހިނެއް ވީތޯ އަހާ ފަދަ ގޮތަކަށެވެ.

"މަންމަ ބުނީ ނާއިކުގެ ޚަބަރެއް ވިތަ؟ ދަރިފުޅު ނާއިކާ ގުޅައިގެން ހުންނަ ތަން ވެސް މިހާރަކަށް އައިސް ނުފެންނާތީ.. އަނެއްކާ މައްސަލަ ޖެހުނީތަ؟" ވާހިދާ މައުލޫޢު އަޅައިލީ ކޮންމެ ވެސް ވަރަކަށް ޖެހިލުންވެ ހުރެއެވެ. މަލާކު ހީކޮށްފާނެ ކަމަކަށް ވާހިދާ ބިރުގަނެއެވެ.

"ނޫން މަންމާ. މިހާރު ނާއިކުގެ ޚަބަރެއް ނުވޭ. ނާއިކަށް ނުވެސް ގުޅޭ. ވީކެއް ވަނީ މި.. މިނިސްޓްރީއަށް ވެސް އެއް ދުވަހު ދާން ހިތަށް އެރި." މަލާކު އެހެން ބުނުމާ އެކު ވާހިދާގެ ދެލޯ ބޮޑުވިއެވެ.

"ނޫން ދަރިފުޅާ! އަނެއްކާ އެކަހަލަ ކަމެއް ނުކުރާތި އިނގޭ!" މަލާކުގެ ކޮލުގައި ހިފައިލުމަށްފަހު، ވާހިދާ ވަނީ އޭނާގެ ކޮޓަރިއަށެވެ.

ހަވީރުގެ މަރިޔާދު ވަގުތެވެ. ނާއިކާއި ވާހިދާ ވެސް އެމީހުން ދޭން ޖެހޭ ފައިސާގެ އަދަދު ވީޑިއޯ ރިކޯޑް ކުރި މީހާއާ ހަވާލުކުރިއެވެ. އެމީހާގެ ޕްލޭން ވަރަށް ވަރުގަދަ އެވެ. ދެމީހުންނަށް ދެ ވަގުތެއް ދީފައި، އަންނަން ބުނީ ވެސް ރައްކާތެރި ތަނަކަށެވެ. ވާހިދާ އާއި ނާއިކު ވެސް ފޮނުވީ ފައިސާ ހިފައިގެން ބަދަލުގައި އެހެން މީހެކެވެ. ފައިސާގެ ކަންތައް ހަމަޖެހުމާ އެކު ވީޑިއޯ ކަންތައް ނިމުނީ ކަމަށް ބުނެ، ދެމީހުންނަށް ވެސް އެމީހާ މެސެޖު ކުރިއެވެ. އެހިސާބުން ނާއިކާ އާއި ވާހިދާާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. މި މުސީބާތުން ސަލާމަތް ވީކަމަށް ބަލައިގެންނެވެ. ނަމަވެސް މުޅި އަކުން އެދެމީހުންގެ ހިތުގައިވާ ހާސްކަން ފިލައިގެން ނުދެއެވެ.

***

ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު، ލަބީބު ދޫކޮށްލަން ޑޮކްޓަރުން ނިންމީ އޭނާގެ ޙާލަތު ރަނގަޅުވުމުންނެވެ. ވޯރޑުން ލަބީބު ނުކުތީ އައިޝާ އާއި ރަޝީދާއާ އެކުގައެވެ. ބޭރުގައި ހުރި ޖަންނަތު ހީވަނީ އެކަނިވެރިއެއް ހެންނެވެ. ހޮސްޕިޓަލުން ޖަންނަތު ދޫކޮށްލި ފަހުން، އޭނާގެ ޢާއިލާއާ އެެއްވެސް ގުޅުމެއް ނެތް ފަދައެވެ. އެއްކޮށް ދިރިއުޅުނެތް ކަމަކު، ޖަންނަތާ ވާހަކަދައްކާނެ އެއްވެސް މީހެއް ނެތެވެ. ރަޝީދާއަށް ޖަންނަތަށް ވުރެ މުހިންމީ ލަބީބެވެ. ރަޝީދާގެ ދަރިއެއްގެ ސަބަބުން ވަރަށް އަނިޔާ ލަބީބަށް ލިބިފައިވާތީއެވެ. އަދި ރަޝީދާގެ ހިތުގައި ލަބީބަށް އުފެދިފައި ލޯތްބަކީ މަޔަކު ދަރިއަކު ދެކެ ވާނެ ފަދަ ލޯތްބެކެވެ.

"ލަބީބު.." ޖަންނަތު ލަސްލަހުން ދެ ފިޔަވަޅެއް ނަގަމުން ގޮވައިލިއެވެ. ލަބީބާ އެކު، ރަޝީދާ އާއި އައިޝާ ވެސް ހުއްޓުނެވެ. ލަބީބު ފަސް އެނބުރި ބަލައިލީ ޖަންނަތުގެ މޫނަށެވެ.

"ލަބީބު. އަހަރެން.." ޖަންނަތަށް ބުނެވުނީ އެވަރަށެވެ. އޭނާ ދައްކަން ފެށި ވާހަކަ ކުރިއަކަށް ނުގެން ދެވުނެވެ. ލަބީބު ވާހަކަދައްކަން ފެށުމުންނެވެ.

"މިގަޑީގަ އެއް ނޫން ދޯ؟" އެހެން ބުނެ ލަބީބު ކުރިއަށް ހިނގައިގަތެވެ. ޖަންނަތު ވެސް މަޑުމަޑުން އެމީހުންގެ ފަހަތުން ހިނގަން ފެށީ ހިތް ހަލާކު ވެފައިވާ ޙާލުގައެވެ. ލަބީބުގެ މާފު ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް، ޖަންނަތުގެ އެއް ނެތެވެ.

***

ވާހިދާ އާއި ނާއިކުގެ ފަރާތުން ލިބުނު ފައިސާތައް ގުނަމުން ފައިސަލް ގެންދިޔައީ ނުލަފާ ހިނިތުންވުމެއް ދީގެންނެވެ. ފައިސަލަށް ލިބިފައި ވަނީ ބަޔާން ކުރަން ދަތި އުފަލެކެވެ. އެއްފަހަރާ މުއްސަނދި ވީމައެވެ.

"ހެހެ! ދެންވީ ވީޑިއޯ ލީކް ކޮށްލަން. ހައްހައްހާ.." ފައިސަލް ޖަހައިލީ ވަރުގަދަ ހިނިގަނޑެެކެވެ. (ނުނިމޭ)