މާލެ ސިޓީ މޭޔަރު ކަމާއި އަލަށް ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނަށް ހުރިހާ ކައުންސިލަރުން ތާއީދު ކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ރަސްމީ ފުރަތަމަ އާންމު ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ޑރ. މުއިއްޒުގެ އެކްޝަން ޕްލޭން ވަނީ ފާސްކޮށްފަ އެވެ. މި ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ ހުރިހާ ކައުންސިލަރުން ހުވާ ކުރެއްވުމަށް ފަހު އޮންލައިންކޮށެވެ. ޖަލްސާގައި 19 ކައުންސިލަރުން ވަނީ ބައިވެރިވެފަ އެވެ.
މި ޖަލްސާގައި އެކްޝަން ޕްލޭނާ ގުޅޭ ޕްރެޒެންޓޭޝަނެއް ޑރ. މުއިއްޒު ވަނީ ދެއްވާފަ އެވެ. މި ޕްލޭންގައި ޖުމްލަ ހަތް އަމާޒެއް ހިމަނާފައި ވެއެވެ.
އެކްޝަން ޕްލޭންގެ ހަތް އަމާޒު
- ބިންވެރި ރައްޔިތެއް
- ޗާލު މާލެ ސިޓީ
- ހިތް ފަސޭހަ މަގުމަތި
- ފުދުންތެރި ދިރިއުޅުން
- ޑިޖިޓަލް މާލެ
- ހަރުދަނާ އިދާރީ ހިންގުން
- ރައްޔިތުންނާ ބައްދަލުވާ ކައުންސިލް
އެކްޝަން ޕްލޭން އިއްވުމަށްފަހު ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް މާލެ ސިޓީ ކައުންސިލްގެ އެންމެ ބޮޑު އަމާޒަކަށް ވާނީ މާލެ ރައްޔިތުންގެ ގެދޮރުވެރިކަން ހައްލުކުރުން ކަމަށެވެ. ގުޅިފަޅުގައި އަޅާ ޕޯޓު ތިލަފުއްޓަށް ބަދަލުކޮށް އެތަނުގައި ބިން ދޫކުރުމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރަށް ވަނީ ގޮވާލައްވާފަ އެވެ. ގުޅިފަޅުގައި ޕޯޓު އެޅުމަކީ ރައްޔިތުންނަށް ގެދޮރުވެރިކަމުގައި އެޅޭ ހުރަހެއް ކަމަށް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން ސަރުކާރަށް ފުރިހަމަ އެއްބާރުލުހުން ދެއްވާނެ ކަމަށެވެ. ސަރުކާރުން ވެސް ސިޓީ ކައުންސިލަށް ފުރިހަމަ އެއްބާރުލުހުން ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
"މާލެ ސިޓީ ކައުންސިލް ވެގެން ދާނީ ދެފުށް ފެންނަ ނަޒާހާތްތެރި ކައުންސިލެއްގެ ގޮތުގައި. މިއީ ރައްޔިތުންނަށް އަޅާލާ ކައުންސިލަކަށް ވާނެ. ރަސްމީ ގަޑިއެއް ކަނޑައެޅިފައި އޮތް ނަމަވެސް 24 ގަޑިއިރު ރައްޔިތުންގެ ހިދުމަތައި ހުރިހާ ކައުންސިލަރުން ތިބެންވާނެ" އަލަށް ހުވާ ކުރެއްވި ކައުންސިލަރުންނާ މުހާތަބުކޮށް މުއިއްޒު ވިދާޅުވި އެވެ.
ކުރިން ފެނުނު މަންޒަރުތަކާ ހިލާފަށް ސިޓީ ކައުންސިލަކީ ސިޔާސީ ޖަގަހައަކަށް ނުވާނެހެން ހުރިހާ ކައުންސިލަރުން މަސައްކަތް ކުރައްވަން ގޮވާލެއްވި އެވެ.
އަލަށް އިންތިހާބުވި ކައުންސިލަރުން މިއަދު ހެނދުނު 9:00 ގައި ވަނީ ހުވާ ކޮށްފަ އެވެ. މާލެ ސިޓީ ކައުލްސިލަށް އިންތިހާބުވި ކައުންސިލަރުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ހާތިފް ހިލްމީ އެވެ.