މާލެ ސިޓީ ކައުންސިލް ހިންގަން ޖެހުނީ މަގުމަތިވެފައިވާ ހާލު، ކުޑަކުޑަ ގޮޅިއެއްގައި ކަމަށް ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މޭޔަރު ކަމުގެ އެންމެ ފަހު ވަގުތުކޮޅުގައި މާލެ ސިޓީ ރައްޔިތުންނާ މުހާބަތު ކުރައްވާ ނެރުއްވި ބަޔާނުގައި ވިދާޅުވީ ކުރީ ސަރުކާރުގައި ސިޓީ ކައުންސިލް ހިންގަން ޖެހުނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. ކުރީ ސަރުކާރުން ކައުންސިލްގެ ބާރުތައް އަތުލައި ވާޖިބު އަދާ ކުރުމުގައި ހުރަސްތައް އެޅި ކަމަށެވެ.
ޝިފާ ވިދާޅުވި ގޮތުގައި މަރުކަޒީ ވިސްނުމަށް ކައުންސިލް ހިންގުމުގެ ނިޒާމު ބަދަލު ކޮށްލުމުން ސިޓީ ކައުންސިލް ވެގެން ދިޔައީ ދައުލަތުގެ އެންމެ ކުޑަ އިދާރާއަށެވެ. ޖާގައިގެ ދަތިކަމާއެކު ދެން ތިބި 13 ކައުންސިލަރުން މަސައްކަތް ކުރީ ކުޑަ ކޮޓަރިއެއްގައި، އެއް މޭޒެއްގެ ދޮށުގަ އެވެ.
ނަމަވެސް 2018 ވަނަ އަހަރު އާ ސަރުކާރެއް އައުމާ ގުޅިގެން ކައުންސިލަށް ބާރުލި ލިބި، މަސައްކަތްތައް ފަސޭހަ ވެގެން ދިޔަ ކަމަށާއި އެ އިދާރާގެ މުވައްޒަފުންނަށް ކުރިއަށްވުރެ ރަނގަޅު ގޮތްތައް މެދުވެރިވެގެން ދިޔަ ކަމަށެވެ.
"ކުރިއަށް ރޭވި ބަޖެޓް ކުރެވިފައިވާ ތަފާތު ގިނަ މަސައްކަތްތައް މުނިސިޕަލް ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ކޮށިފައިވާ ފަސޭހަ މަގަކަށް. މާލެ އާއި ވިލިމާލޭގައި އަޅަން ރޭވިފައިވާ މަސް މާރުކޭޓާއި، މާލޭގައި އެޅޭ ހޯލް އާއި މަލްޓި ސްޓޯރީ ޕާކިން ވެގެން ދާނީ މާލެއަށް ކުރިއެރުން ލިބޭނެ ބޮޑެތި މަޝްރޫއުތަކަކަށް،" ޝިފާ ވިދާޅުވި އެވެ.
ސިޓީ ކައުންސިލުގައި ރާވާފައިވާ އެފަދަ މަޝްރޫއުތައް ހުއްޓުނަ ނުދީ އާ ކައުންސިލުން ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝިފާ ވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަން ދެ ދައުރު ކުރައްވާފަ އެވެ. ޝިފާއަށް ފަހު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމާއި މިއަދު ޑރ. މުހައްމަދު މުއިއްޒު ވަނީ ހަވާލުވެވަޑައިގަންނަވާފަ އެވެ.