ނައިފަރު

ނައިފަރުގައި ފުލުހުން މީހަކަށް އަނިޔާކުރި މައްސަލައެއް

ޅ. ނައިފަރު ޒުވާނަކަށް ފުލުހުން އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެރަށުން ވާހަކަދެއްކި މީހަކު އަވަސް އަށް ބުނީ އެރަށުގެ ޒުވާނަކަށް ފުލުހުން އަނިޔާކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެރަށުގެ ގޮނޑުދޮށަށް އެ މީހާ ގެންގޮސް އަނިޔާ ކުރުމުން މިއަދު އެރަށު ޒުވާނުންތަކެއް ވަނީ ނައިފަރުގައި އިހުތިޖާޖު ވެސް ކޮށްފަ އެވެ.

ފުލުހުން އެ މީހާއަށް އަނިޔާކުރީ ފުލުހަކު ކައިވެނިކޮށްގެން އުޅޭ މީހަކާ "ފޮށުނު" ކަމަށް ބުނެ އެވެ. އަނިޔާކުރި މައްސަލަ މިހާރު ވަނީ ފުލުހަށް ހުށައަޅާފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ނައިފަރުގައި މީހަކަށް ފުލުހުން އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުން އަންނަ ކަމަށް ބުންޏެވެ.

މައްސަލަ ބެލުމަށްފަހު އެފަދަ އަމަލެއް އެރަށު ފުލުހުން ހިންގާފައިވާނަމަ،އެފަދަ ކަންކަމުގައި އަމަލުކުރާ އުސޫލުގެ ދަށުން އަނިޔާކުރި ފުލުހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.