ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާ އަވަހަށް ތަހުގީގްކުރަން އަންގަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެ މައްސަލަ ދިރާސާ ކުރުމަށްފަހު އެކުލަވާލި ރިޕޯޓްގައި ވަނީ ފުލުހުންގެ އިދާރާއިން ހަމަލާ ތަހުގީގު ކުރަމުންދާއިރު އެ އިދާރާއިން ހަ ކަމަކަށް އަމަލުކުރަން ލަފާ ދިނުމަށް އެދިފަ އެވެ.
ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އެ ރިޕޯޓް ފާސްކުރަން 42 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާ ހިމެނޭ ގޮތަށް ޓެރަރިޒަމާ ގުޅޭ މައްސަލަތައް ތަހުގީގު ކުރުމުގައި މިހާތަނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް އަވަސް އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގްކުރަން މިއަދު ވަނީ ފާސްކޮށްފަ އެވެ. އަދި ރައީސް ނަޝީދަށް ސަލާމަތީ ހިދުމަތްތަކުން ދެމުން ގެންދިޔަ ރައްކާތެރިކަން "ބްރީޗް" ވީގޮތުގެ އިންކުއަރީއެއް ހިންގުމަށްވެސް ވަނީ ފާސްކޮށްފަ އެވެ.
ކޮމިޓީން ލަފާ ދީފައިވާ ގޮތަށް މަޖިލީހުން ފާސްކުރި އިތުުރު ކަންތައްތައް
- ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެ މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ހެކި ނައްތާލުމުގެ ކުރިން މައްސަލައަށް ބޭނުންވާ ހެކި ހޯދުން
- މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު ކަމާ ގުޅުންހުރި ބޭރުގެ ފަންނީ އަދި ގާބިލް ބޭފުޅުންގެ އެހީތެރިކަން ހޯދައިގެން ތަހުގީގު ކުރިއަށް ގެންދިއުން
- ފުލުހުން މައްސަލަ ބަލަމުންދާއިރު ކޮމިޓީން އެކަން ގާތުން ބެލުން
- ހަރުކަށި ފިކުރާ ގުޅޭ އެންމެހާ މައްސަލަތައް އަވަސް އަދި ނަތީޖާ ނެރެވޭ ގޮތަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފުލުހުންގެ ދާއިރާއަށް އެންގުން
މިމަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަަ ކޮށްލަން ހަމަލާއެއް ދިނީ އެމަނިކުފާނު ގެއިން ނިކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ނެވެ.
ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވި އެވެ. އަދި ހަތަރު ސާޖަރީއެއް ހެއްދެވި އެވެ. އެމަނިކުފާނު މިހާރު ދަނީ ޖަރުމަނުގެ ހޮސްޕިޓަލެއްގައި އިތުރު ފަރުވާ ހޯއްދަވަަމުންނެވެ.