ރާއްޖޭގައި މިހާރު ހުންނެވީ ފަހުގެ ތާރީހު ދުށް އެންމެ ކާމިޔާބު ރައީސުލްޖުމްހޫރިއްޔާ ކަމަށާއި މި ރައީސުލް ޖުމްހޫރިއްޔާ މީހުން އެއްކޮށްގެން މަގުމަތީގައި ސައިބަލަވަން ނީންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ނިހާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ ރުހުން ހޯދަން ފޮނުވާފައިވާ ދެ ވަޒީރުގެ ބަހުސްގައި އެމްޑީޕީގެ މެންބަރު އިމްތިޔާޒު ފަހުމީ، ރައީސް އަބްދުﷲ ޔާމީން ފެނިވަޑައި ނުގަންނަވާކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވީ ކޮން ކަމެއް ދިމާވާ އިރަށް ރައީސުލް ޖުމްހޫރިއްޔާ ނުކުންނަވާ މަގުމަތީގައި ސައިފޮދު ހިއްޕަވަން އިންނަވަންޖެހިވަަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ރާއްޖޭ މިވަގުތުގެ ހަލަތާއި ކަންކަން ގޮސްފައިވާ ހިސާބު އެންމެނަށް އެނގޭ ކަމަށެވެ.
"ރައީސުލް ޖުމްހޫރިއްޔާ ފެނިވަޑައި ނުގަންނަވާ ވާހަކަ އިރުއިރުކޮޅާ ދައްކަނީ ކޮންމެވެސް އެހެން ބޭނުމެއްގައި ކޮންމެވެސް އެހެން ނިޔަތެއްގައި،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ މި ރާއްޖޭގެ އެއްވެސް ކަމެއްގެ ސްޕީޑަށާއި ކުރި އެރުމަށް ބަދަލު ނާންނަ ކަމަށާއި އިއްޔެ ވެސް ކުރީ ދުވަހު ވެސް އަދި އޭގެ ކުރިން ވެސް ސަރުކާރުދަނީ ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންފައިވާ ވައުދުތައް އެއްވާނަކަށް ފުރިހަމަ ކުރުމުގެ މަސައްކަތާއެކު ކަމަށެވެ.
"މިއީ ރާއްޖޭގައި ފަހުން ފެނުނު އެންމެ ކާމިޔާބު ރައީސް. އެމަނިކުފާނު ކެބިނެޓާ ޑެލިގޭޓް ކުރައްވައިގެން ވުޒާރާތަކުގައި އިސްކޮށް ތިއްބެވި ބޭފުޅުން މަސައްކަތާއެކު އެބަ ނުކުމޭ މީޑިއާއަށް. ކޮންމެތާކަށް ރައީސް ވަޑައިގަންނަވާކަށް ނުޖެހޭ، ރައީސް ވަނީ އެކަންކަމަށް ދޫދެއްވާފައި،" ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރުގެ ރައީސަކީ ފޮޅާ ސާފުކުރާ މީހާ ހަމަޖައްސަން މަގުމައްޗަށް ނުކުމެ، އިސްތިއުފާ ދެއްވާފައި ހުޅުޖަހާ އުސޫލުން ކަންކަން ކުރައްވާ ރައީސެއް ނޫން ކަމަށެވެ.