ހަބަރު

ޕީޕީއެމްގެ މަޖިލިސް މެންބަރުންތިބީ ދެގޮތެއްނުވެ ރައީސްއާއެކު: ނިހާން

ރައީސް ދަތުރުކުރެއްވި ލޯންޗްކޮޅުގައި އެމަނިކުފާނަށް ދިން ހަމަލާޔާ ގުޅިގެން ފިޔަވަޅުތައް އެޅުމުގައި ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުން ދޭން ޖެހޭ ފުރިހަމަ ސަޕޯޓް ރައީސް އަބްދުﷲ ޔާމީންއަށް ލިބިވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.

ޓިވީއެމްގެ ރާއްޖެ މިއަދުގެ ހާއްސަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ވިސްނުމާ މެދު ޝައްކު އުފައްދާ އެކި ފަރާތްތަކުން ވާހަކަދައްކަމުން ދިޔަ ނަަމަވެސް އެކަމުގައި ހަގީގަތެއް ނެތެވެ. ނިހާން ވިދާޅުވީ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ފުރިހަމަ އަގުލިބިއްޔަތު އޮތީ ރައީސް ޔާމީން އަށެވެ. ނިހާން ވިދާޅުވީ އާންމުންނަށް ނޭންގުނު ނަމަވެސް ހަމަލާޔަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުން މިއަދާ ހަމަޔަށް ވެސް އެކި ކަންކަމުގައި ރައީސް ޔާމީންއަށް އައީ އެއްބާރުލުން ދެމުންނެވެ. އަދި ހަމަލާގެ ހަބަރު ލިބިވަޑައިގަތުމުން ރަށުން ބޭރުގައި ތިއްބެވި ޕީޕީއެމްގެ ހުރިހާ މެންބަރުން ކަހަލަ ގޮތަކަށް މާލެ އައިސް ރައީސް ޔާމީންއާ އެކު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އައީ ބައްދަލު ކުރައްވަމުންނެވެ. ނިހާން ވިދާޅުވީ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ފުރިހަމަ އިތުބާރު ރައީސް ޔާމީންއަށް އެބަ އޮތެވެ. އަދި ރައީސްގެ ގާނޫނީ މަސައްކަތްޕުޅުތަކުގައި އެހީތެރވުމުގައި ޕީޕީއެމްގެ ކޮންމެ މެންބަރަކު ވެސް އިހުލާސްތެރިކަމާ އެކު ރައީސްއަށް އެއްބާރުލުން ދޭނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާތަނަށް މީޑިއާޔަށް ނިކުމެ ވާހަކަ ނުދައްކާ ތިބީ މިއީ ވަރަށް ހައްސާސީ މައްސަލައަކަށް ވެފައި އެކަމާ ގުޅޭ ގައުމީ ތަހުގީގެއް ކުރިއަށް ދާތީ އެކަމަށް ހުރަސް އެޅިދާނެތީ. އެކަމަކު އަޅުގަނޑުމެން މި އައީ މިކަމުގައި ރައީސްއަށް އެހީތެރިވަމުން. ރަށުން ބޭރަށް ވަޑައި ނުގެން މެންބަރުން އެ ތިއްބެވީ ރައީސްއަށް މި ދަނޑިވަޅުގައި އެހީތެރިވެ ވަޑައިގަތުމަށް. ޕީޕީއެމްގެ ޕީޖީ ގްރޫޕް މި އޮތީ މި ދަނޑިވަޅުގައި ވެސް ރައީސް ޔާމިީންއާ އެކު. ޕީޖީ ގްރޫޕްގެ ފުރިހަމަ އަގުލަބިއްޔަތު އެމަނިކުފާނަށް އެބަ އޮތް. އެމަނިކުފާނަށް އެހީތެރިވުމުގައި އަޅުގަނޑުމެން މި ތިބީ. އެހެން ގޮތަކަސް ޕީޕީއެމްގެ ޕީޖީ މަސައްކަތެއް ނުކުރާނެ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާތަނަށް އެ ހަމަލާގެ މައުލޫމާތު ރައްޔިތުންނަށް އެންމެ ރަނގަޅަށް ގެނެސްދެވިފައެއް ނުވެ އެވެ. އެހެންވެ މިރެއިން ފެށިގެން އެކަމުގައި މަސައްކަތްތަކެއް ފެށީ ކަމަށް ނިހާން ވިދާޅުވި އެވެ. ނިހާން ވިދާޅުވި ގޮތުގައި މިއަދު ބޭއްވި ގައުމީ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ 241 ކޮމިޓީގައި ހަމަލާޔާ ގުޅޭ ވަރަށް ގިނަ މައުލޫމާތުތައް ސާފުވި އެވެ. އެގޮތުން ރައީސްއަށް ދޭ ސެކިއުރީޓިގެ ކަންކަން ހަރުދަނާ ކުރަން ޖެހޭކަން ވަރަށް ބޮޑަށް ފާހަގަވި ކަމަށް ނިހާން ވިދާޅުވި އެވެ. މީގެ އިތުރަށް ހާދިސާ ހިނގި ދުވަހު ސެކިއުރިޓީ މީހުން އަމަލު ކުރި ގޮތުގައި ބޮޑެތި އިހުމާލުތަކެއް ހުރިކަމާއި މަގާމުން ވަކި ކުރި ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ ބޮޑެތި އިހުމާލުތަކެއް ފާހަގަވި ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"އޭރުގެ ޑިފެންސް މިނިސްޓަރު އިސްނަންގަވައިގެން މިކަން ނުބެއްލެވީ ކީއްވެގެންތޯ؟ އެ ހަމަލާއަކީ ކިހިނެތް ހިނގި ކަމެއްތޯ؟ މިހިރީ އަޅުގަނޑުމެންަށް މިއަދުގެ ކޮމިޓީއިން ސާފުވި ކަންކަން. މި ކޮމިޓީ އިން އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށްފައި ރައީސްގެ ސެކިއުރިޓީ ވަރުގަދަ ކޮސް މިފަދަ ކަމެއް ދެން ތަކުރާރު ވިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް މަޖިލީހުގެ ތެރެއިން އަޅުގަނޑުމެން އަޅަމުން ގެންދާނެ،" މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާން ވިދާޅުވި އެވެ.