ރިޔާޒް ރަޝީދު

ރިޔާޒު މަގާމުން ވަކިކުރަނީ، ޕީޕީއެމް ޕީޖީއަށް އިތުރު ނިކަމެތިކަން

ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވި ޕާޓީ، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް، ޕީޖީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި ރިޔާޒު ރަޝީދު އެ މަގާމުން ވަކިކުރުމުގެ މަސައްކަތް އެ ޕާޓީއިން ފަށައިފި އެވެ. މިއީ އަނެއްކާވެސް ޕީޕީއެމް ޕީޖީއަށް ނިކަމެތިކަން ލިބިގެންދާނެ ކަމެކެވެ.

ޕީޕީއެމް ޕީޖީއަކީ މީގެކުރިން ވަރަށް ބޮޑު އަގުލަބިއްޔަތެއް އޮތް ވަރުގަދަ ގުރޫޕެކެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ގުރޫޕްގެ 12 މެންބަރަކު ތެދުވެވަޑައިގަތް ހިސާބުން އެ ގްރޫޕް ބަލިކަށިވި އެވެ. އޭގެފަހުން ވެސް ބައެއް މެންބަރުން އެ ގުރޫޕާ ދުރަށް ވަނީ ގޮސްފަ އެވެ. އެގޮތުން ކެމްޕެއިން ދުވަސްވަރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވަނީ އިދިކޮޅާ ގުޅިފަ އެވެ.

ރިޔާސީ އިންތިހާބަށްފަހު އަނެއްކާވެސް އިވެން ފެށީ ޕީޕީއެމްގެ ޕީޖީގެ ބައެއް މެންބަރުންގެ ހިޔާލު ތަފާތުވުންތަކުގެ އަޑެވެ. އެ ހިޔާލުތަފާތުވުންތައް ބޮޑުވެ، ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން މަނިކާއި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު ވަނީ ޕީޕީއެމް ޕީޖީ ވައިބާ ގުރޫޕުން ބޭރުކޮށްފަ އެވެ.

އޭގެއިތުރުން ޕީޕީއެމްގެ ނުފޫޒުގަދަ މެންބަރެއް ކަމަށްވާ ރިޔާޒު ރަޝީދުގެ މަގާމު ގެއްލުވާާލަން މަސައްކަތް ވަނީ ފަށައިފަ އެވެ. ރިޔާޒުގެ މަގާމު ގެއްލުވާލަން މަސައްކަތް ކުރައްވަނީ އެނގިފައިވާ ގޮތުގައި ޕީޖީ ލީޑަރު އަހުމަދު ނިހާން އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލް ރަހީމް އަބްދުﷲ އިސްނަންގަވައިގެންނެވެ.

ޕީޕީއެމްގެ ޕީޖީގައި ތިން ޑެޕިއުޓީ ލީޑަރުން ތިއްބަ އެވެ. އޭގެ ތެރެއިން އިބްރާހިމް ފަލާހާއި އަލީ އާރިފަކީ ނިހާންގެ މަސައްކަތަށް ފަސޭހައަކަށް އައްޔަންކޮށްފައިވާ ދެ ޑެޕިއުޓީ ލީޑަރުންނެވެ. މެންބަރުންގެ ވޯޓަކުން އިންތިހާބުކޮށްފައިވާ ޑެޕިއުޓީ ލީޑަރަކީ ރިޔާޒެވެ.

އިއްޔެ ހަވީރު ރިޔާޒު މަގާމުން ދުރުކުރުމަށް ވޯޓު ނަގަން އުޅުނު ކަމަށްވެ އެވެ. ނަމަވެސް ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން އެކަން ކުރެވޭނީ ޕާޓީގެ ރައީސްގެ ހުއްދައާއެކު އެވެ. މިވަގުތު ޕީޕީއެމްގެ ރައީސްއަކީ ކޮން ބޭފުޅެއްތޯ ވަނީ ސުވާލު އުފެދިފަ އެވެ. ރައީސް ޔާމީން، ރައީސް ކަމަށް އިންތިހާބުކުރި ކޮންގްރެސް އިލެކްޝަން ކޮމިޝަނުން ވަނީ ބާތިލްކޮށްފަ އެވެ. އެއާ އެކު އެ މަގާމުގެ ސައްހަ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ހުއްދަ ހޯދައްވައިގެން މިއަދު ހަވީރު ބާއްވާ ޕީޖީ ބައްދަލުވުމުގައި ރިޔާޒު މަގާމުން ދުރުކުރަން ވޯޓު ނަގަން މަސައްކަތް ކުރާ ކަމަށް ވަނީ އެނގިފަ އެވެ.

ރިޔާޒު މަގާމުން ދުރުކުރަން ނިހާން އަދި އަބްދުލްރަހީމް މަސައްކަތް ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓްތަކާ ގުޅިގެންނެވެ. އަދި އިދިކޮޅުގައި ހުންނެވި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދާއެކު ނަންގަވާފައިވާ ފޮޓޯއެއް ވެސް ވަނީ އާންމުވެފަ އެވެ.

ރިޔާޒު މިއަދު އަވަސްއަށް ވިދާޅުވީ އެ ޓްވީޓްތަކަކީ ސައްހަ ޓްވީޓެއްތޯ ބަލަންޖެހޭނެ ކަމަށެވެ. އެކަމާ ގުޅިގެން އޭނާއާ އެއްވެސް ސުވާލެއް ވެސް ކޮށްފައިނުވާ ކަމަށެވެ. އަދި އެހެން ފެންނަ ޓްވީޓަކާ ގުޅިގެން މަގާމުން ވަކި ކުރަންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ކިހިނެއްތޯ އެނގެނީ އެއީ އަޅުގަނޑު ކުރި ޓްވީޓެއްކަން، އަޅުގަނޑުގެ ޓްވިޓާ އެކައުންޓުން ޓްވީޓެއްކޮށްފަ އިނަސް އެއީ އަޅުގަނޑު ޓްވީޓެއްތޯ ބަލަން ޖެހޭނެ، އެ ސުވާލު ކުރަން ޖެހޭނީ ޓްވިޓާއާ،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި އިލްހާމްއާއެކު ނަގާފައި އިން ފޮޓޯއެއް އާންމުވުމަކީ އޭނާ އެ ބޭފުޅުންނާއެކު ސިޔާސީ މަސައްކަތް ކުރުން ކަމަށް ނުވާނެ ކަމަށެވެ. އޭނާ، އެހެން ޕާޓީއަކާއެކު ސިޔާސީ މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި އޭނާ ތަނެއްގައި އިށީނދެ އިންދާ އެ ބަޔަކު އައިސް ފޮޓޯއެއް ނަގާފައި އާންމުކުރުމަކީ އޭނާގެ ފިކުރު ހުރި ގޮތް ބުނެދޭނެ ކަމެއް ނޫން ކަމަށެވެ.

"މީގެކުރިން އަޅުގަނޑު ބާޒާރު މަތިން ދަނިކޮށް ހިފަހައްޓާ ކޯޓު ކައިރީގައި ތިބި މެންބަރުންތަކެއް ވެސް ފޮޓޯއެއް ނަގާފައި އާންމުކުރި، އެއީ އަޅުގަނޑު އެމީހުންނާއެކު ސިޔާސީ މަސައްކަތް ކުރުން ކަމަށް ނުވާނެ،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި ޕީޖީއިން އިތުރު މެންބަރުންތަކެއް އެއް ފަހަރާކޮށް ވަކިކުރަން ކުރާ މަސައްކަތުން ނިކަމެތިކަން ލިބޭނީ ހަމައެކަނި ޕީޖީއަށް ނޫން ކަމަށާއި މުޅި ޕާޓީއަށް ވެސް ނިކަމެތިކަން ލިބިގެންދާނެ ކަމަށެވެ. ކޮންމެ މަޖިލިސް މެންބަރެއްގެ ފަހަތުގައި ވެސް ޕާޓީގެ ގިނަ އާންމު މެންބަރުންތަކެއް ލިބޭއިރު މެންބަރުން ވަކިކޮށްފިނަމަ އެ އާންމު މެންބަރުން ވެސް ޕާޓީއަށް ގެއްލިގެންދާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާއު ކުރެއްވުމުގައި މީގެކުރިން އެންމެ އިސް ސަފުގައި މަސައްކަތް ކުރެއްވި ރިޔާޒު އެކަމާ ދުރަށް ޖެހިވަޑައިގެންނެވީ އެކެއް ފެބުރުއަރީގެ އަމުރު ސަރުކާރުން ތަންފީޒުނުކުރުމުންނެވެ. އޭގެފަހުން ވެސް ޕީޕީއެމްގެ ހަރަކާތްތަކުން ކޮންމެވެސް ވަރަކަށް ރިޔާޒު ފެނިފައިވީ ނަމަވެސް ރިޔާސީ އިންތިހާބުގެ ނާކާމިޔާބަށްފަހު ރިޔާޒު ޕީޕީއެމްގެ އެއްވެސް ހަރަކާތަކުން ނުފެނެ އެވެ.