ހަބަރު

ލޯންޗްގައި ދިން ހަމަލައާ ގުޅިގެން 241 ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ފަށައިފި

Oct 15, 2015
3
  • ސަލާމަތީ ހިދުމަތްތަކުގެ ވެރިން ހާޒިރުކުރާނެ
  • ތަހުގީގުކޮށް ފިޔަވަޅުތައް އެޅުމުގައި މަޖިލީހުގެ އެއްބާރުލުން ލިބޭނެ
  • ކޮމިޓީ ބާއްވަނީ ސިއްރުކޮށް

ރައީސް ދަތުރު ކުރެއްވި ރިޔާސީ ލޯންޗްކޮޅަށް ދިން ހަމަލާޔާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ފަށައިފި އެވެ.

އެ ކޮމިޓީގެ ޗެއާ ކުރައްވަނީ، 241 ކޮމިޓީގެ މުގައްރިރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް އެވެ.

ސީދާ ގާނޫނު އަސާސީ އިން ބާރު ލިބިގެން އުފައްދާފައިވާ އެ ކޮމިޓީގެ ބައްދަލުވުމާ ގުޅޭ ގޮތުން އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން މިއަދު، "އަވަސް" އަށް ވިދާޅުވީ އެ ކޮމިޓީގެ ޖަލްސާ ފެށީ ދާދި ދެންމެ އަކު ކަމަށެވެ. ނިހާން ވިދާޅުވީ 241 ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ ރައީސްއަށް އަމާޒުކޮށް ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއް ކޮށް އެކަމުގެ އަޑީގައި ތިބި ފަރާތްތައް ހޯދުމަށް މަޖިލީހުގެ ފަރާތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ ތަހުގީގު މިހާތަނަށް ގޮސްފައިވާ ހިސާބާއި އެކަމުގައި މަޖިލީހަށް ވެދެވޭނެ އެހީތައް ބެލުމަށް ސަލާމަތީ ފަރާތްތަކުގެ ބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"މަޖިލީހުން މި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ލިބޭނެކަން ކަށަވަރުކޮށް ދިނުމާއި އެ ހަމަލާގެ ހަގީގަތްތައް ހޯދުމުގައި މަޖިލީހުގެ ފަރާތުން ފުރިހަމަ އެއްބާރުލުން އޮންނާނެ ކަން ޔަގީންކޮށް ދިނުމަށް މެންބަރުން އިސްނަގައިގެން ބާއްވާ ބަދަލުވުމެއް މިއީ،" ނިހާން ވިދާޅުވި އެވެ.

އެ ކޮމިޓީގައި މަޖިލީހުގައި ތަމްސީލް ކުރާ ހުރިހާ ޕާޓީތަކެއްގެ މެންބަރުން ހިމެނޭ ގޮތަށް 14 މެންބަރުން ތިއްބަވާނެ އެވެ. އެއީ ޕީޕީއެމްގެ ހަތް މެމްބަރުންނާއި އިދިކޮޅު އެމްޑީޕީގެ ތިން މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ ދެ މެމްބަރުންނާއި އަދާލަތު ޕާޓީ އާއި އެމްޑީއޭގެ މެންބަރަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރެކެެވެ.

އެ ކޮމިޓީގައި ގައުމީ ސަލާމަތާ ގުޅޭ ގިނަ ވާހަކަތަކެއް ދައްކާނެތީ ކޮމިޓީ ބާއްވާނީ ސިއްރުކޮށްގެން ކަމަށް ނިހާން ވިދާޅުވި އެވެ. ރައީސް އަބްދުﷲ ޔާމީން ދާދިފަހުން ވަނީ ލޯންޗްގައި އެއްޗެއް ގޮއްވާލުމުގެ ހާދިސާގެ މައުލޫމާތު ޕީޕީއެމް އާއި ޖޭޕީ އަދި އެމްްޑީއޭގެ ޕީޖީ ގްރޫޕަށް ދެއްވައިފަ އެވެ.

ރައީސްގެ ދެކަނބަލުން ހައްޖުގެ ދަތުރުފުޅަށް ފަހު އެނބުރި މާލެ ވަޑައިގަތުމަށް ދަތުކުރެއްވި ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގައި ރައީސްގެ އަނބިކަބަލުން މެޑަމް ފާތިމަތު އިބްރާހިމްގެ ބުރަކަށީގެ ކަށިތަކުގެ ހަތް ތަނަކަށް ގެއްލުންވެ އަންނަނީ އަދިވެސް އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުންނެވެ. އަދި ރައީސްގެ ސެކްރެޓަރީ އާއި ބޮޑީގާޑެއްގެ ގައިގެ އެކި ތަންތަން ފިހިފައިވެސްވެ އެވެ. އެ މައްސަލަ ތަހުގީގު ކުރަން ހާއްސަ އިންކްއަރީ ކޮމިޝަނެއް ރައީސް ވަނީ އުފައްދަވައިފަ އެވެ.