ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"މިއީ ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުގެ މަންފާ ރައްޔިތުންނަށް ހޯދައިދޭންވީ ވަގުތު"

ރައްޔިތުންގެ ބައިވެރިވުން ކުރިއަށް ވުރެ މާބޮޑަށް ޝާމިލްވާ ގޮތަށް ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތައް ތަންފީޒުކޮށް ނިޒާމަށް ގެނައި ބަދަލުގެ މަންފާ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކޮށް ދެއްވުމަށް، މަގާމާ ހަވާލުވެވަޑައިގެންނެވި ކައުންސިލަރުންނަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އިލްތިމާސް ކުރައްވައިފި އެވެ.

އެމަނިކުފާނުގެ މި އިލްތިމާސް އައީ މިރޭ ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅު ގައެވެ.

ރައީސް ވިދާޅުވީ މިއަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީހުގައި ރަން އަކުރުން ފެވިގެންދާނެ ދުވަހެއް ކަމަށެވެ. މިއަދަކީ ހަގީގީ ލާމަރުކަޒީ ނިޒާމުން އަތޮޅުތަކާއި ސިޓީތަކާއި ރަށްތައް ހިންގަން ފެށުނު ދުވަސްކަމަށް ކަމަށާ އަދި މިއަދަކީ ފުރަތަމަ ފަހަރަށް ރައްޔިތުންގެ އާންމު ވޯޓަކުން އިންތިހާބުކުރި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ގާނޫނީ ހައިސިއްޔަތާއެކު މަސައްކަތްކުރަން ފެށި ދުވަހަށް ވުމަކީވެސް މިއަދުގެ ތާރީހު ހާއްސަވާ ދުވަހެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފުރަތަމަ ފަހަރަށް ރައްޔިތުންގެ އާންމު ވޯޓަކުން އިންތިހާބުކުރި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި ސިޓީތަކުގެ މޭޔަރުން އެބޭފުޅުންގެ މަގާމުގެ ޒިންމާތަކާ ހަވާލުވެވަޑައިގެންނެވުމަކީވެސް މި ތާރީހު ހާއްސަވާ ސަަބަބެއް ކަމަށް ވިދާޅުވިއެވެ.

"... މިދެންނެވި ހުރިހާ ކަމަކުންވެސް ދޭހަވަނީ ލާމަރުކަޒީ ނިޒާމު ހިންގާނެ މީހުން ކަނޑައެޅުމުގައި ރައްޔިތުންގެ ބައިވެރިވުން ހިމެނިފައި އޮތް މިންވަރު. އެހެންވީމާ މިއަދު މި ހިނގަން ފަށާ ކައުންސިލްތަކުން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ގައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތަށް ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ސިޓީތަކާއި ރަށްތައް ތަރައްގީ ކޮށްދިނުމަށް،" ރައީސް ވިދާޅުވިއެވެ.

މި ފަހަރު އިންތިހާބުކުރި ކައުންސިލްތަކުގެ އެންމެ ބޮޑު އެއް ތަފާތަކީ ކައުންސިލަރުންގެ ގޮތުގައި އިންތިހާބުކުރި މީހުންގެ ތިން ބައިކުޅަ އެއް ބަޔަކީ އަންހެނުންނަށްވުން ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުން އަންހެނުން ބާރުވެރިކުރުމާއި ގައުމީ ތަރައްގީގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމާއި ރަށު ތަރައްގީގައި އަންހެނުން ބައިވެރިކުރުމުގައިވެސް އައު ކައުންސިލަރުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ލާމަރުކަޒީ ނިޒާމުން ރަށްތަކާއި ސިޓީތައް ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުވުމުން ގައުމީ ތަރައްގީގެ ދުވެލި އިތުރުވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިއަދު މިފެށުނު ކައުންސިލްތަކުގެ ދައުރާއެކު ފިރިހެނުންނާ އެއް ހަމައެއްގައި އަދި މަގާމުގެ ގޮތުންވެސް އެއް ފެންވަރެއްގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރު ވެގެން ދިއުމުން އަންހެނުންގެ ހައްގުތައް ކަށަވަރު ކުރުމާއި އަންހެނުންނަށް ލިބެންޖެހޭ ރައްކާތެރިކަން އިތުރުކުރުމަށް ޤައުމީ ފެންވަރުގައި ދެވޭ ސަމާލުކަން މިހާރަށް ވުރެ ބޮޑުވެގެންދާނެ ކަމަށް ރައީސް ސޯލިހްގެ ހިތާބުގައި ވިދާޅުވިއެވެ.

"... ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ގެނައި މި ބަދަލުތަކާ އެކު ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީހުގައި މިއަދު މި ވަނީ މުޅިން އައު ސަފްހާއެއް ލިޔަން ފަށާފައި. މި ސަފްހާގެ ދެލިގަނޑު ފޭދުނަ ނުދީ ކުލަގަދަ އަކުރަކުން ލިޔުއްވަމުން ގެންދެވުމަކީ މިއަދު މަގާމާ ހަވާލުވެވަޑައިގަންނަވާ ތިޔަ ކައުންސިލަރުންގެ އެންމެ މަތީ ޒިންމާ ކަމުގައި ހެއްދެވުމަށް އަޅުގަނޑު އިލްތިމާސް ކުރަން،"

ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ގެނައި މި ބަދަލުތަކާ އެކު ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީހުގައި މިއަދު މި ވަނީ މުޅިން އައު ސަފްހާއެއް ލިޔަން ފަށާފައި. މި ސަފްހާގެ ދެލިގަނޑު ފޭދުނަ ނުދީ ކުލަގަދަ އަކުރަކުން ލިޔުއްވަމުން ގެންދެވުމަކީ މިއަދު މަގާމާ ހަވާލުވެވަޑައިގަންނަވާ ތިޔަ ކައުންސިލަރުންގެ އެންމެ މަތީ ޒިންމާ ކަމުގައި ހެއްދެވުމަށް އަޅުގަނޑު އިލްތިމާސް ކުރަން
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތައް ގެނައުމުގެ ކުރިން ވަރަށް ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޝްވަރާއާ އެއްގޮތަށް ގާނޫނު އިސްލާހުކޮށް ލާމަރުކަޒީ ނިޒާމަށް ބަދަލުތައް ގެނައީ ރައްޔިތުންގެ އެ ގޮތް ބޭނުންވުން ކަަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވަނީ ރައްޔިތުންގެ ލާބަޔާއި މަސްލަހަތަށް އިސްކަން ދެއްވާ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެއްގޮތަށް ތަރައްގީގެ ޕްލޭންތައް ތައްޔާރުކޮށް އެ ޕްލޭނާ އެއްގޮތަށް ރަށްރަށާއި ސިޓީތައް ތަރައްގީ ކުރުމަށް ހާއްސަ ސަމާލު ކަމެއް ދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ ކުރިން މަރުކަޒީ ސަރުކާރުގައި ހުރި އިދާރީ ވަރަށް ގިނަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް ކައުންސިލްތަކާ ހަވާލުކުރެވިފައިވާތީ އަދި ކައުންސިލަރުންނަށާއި ކައުންސިލްތަކަށްވެސް ގާނޫނީ ބާރު ދީ ރަށްރަށުގެ އިހްތިސާސް ކަނޑައަޅާފައިވުމުން މިއީ ނިޒާމަށް ގެނައި ބަދަލުތަކުގެ ލާބަޔާއި މަންފާ ރައްޔިތުންނަށް ހޯދައިދޭންވީ ވަގުތު ކަމަށް ރައީސް ވިދާޅުވިއެވެ.

"ތިޔަ ބޭފުޅުން މިއަދު ކައުންސިލް އިދާރާތައް ހިންގެވުމާ ތިޔަ ހަވާލުވެވަޑައިގަންނަވަނީ ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ހައިސިއްޔަތަކުން ނޫން. ތިޔަ ބޭފުޅުންގެ ކޮނޑުފުޅުގައި މިއަދު އެޅިގެންދާ ގައުމީ ވާޖިބާއި ޒިންމާ އެއަށްވުރެ މާބޮޑު. ތިޔަ ބޭފުޅުންގެ އެންމެ ބޮޑު ޒިންމާއަކީ ތިޔަބޭފުޅުންނާ ހަވާލުކުރެވޭ ރައްޔިތުންގެ އަމާނާތަށް ފުރިހަމައަށް ރައްކާތެރިވެ ތިޔަ ބޭފުޅުންގެ ރަށާއި އަތޮޅާއި ސިޓީ ތަރައްގީ ކޮށްދެއްވުން. މިއީ މަސައްކަތްކޮށް ނަތީޖާ ނެރެންވީ ވަގުތު. މިއީ ލާމަރުކަޒީ ނިޒާމަށް މި ގެނައި ބަދަލުތަކުގެ ލާބަޔާއި މަންފާ ރައްޔިތުންނަށް ހޯދައިދޭންވީ ވަގުތު،" ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.