ސިވިލްސާވިސް ކޮމިޝަން

ފަސް އަހަރަށް ސީއެސްއީ އިން މަސައްކަތުގެ ޕްލޭނެއް އެކުލަވާލަނީ

ކުރިއަށް އޮތް ފަސް އަހަރު ސިވިލް ސާވިސް ކަމިޝަން (ސީއެސްސީ) ގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތުގެ އަމަލީ ޕްލޭން އެކުލަވާލުމަަށް ސިވިލް ސާވިސް ގައި އިސްކޮށް އުޅުއްވާ ފަރާތްތަކަށް އެ ކޮމިޝަނުން މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.

މަސައްކަތު ބައްދަލުވުން ފަށާފައިވަނީ މިއަދު ހެނދުނު 9:00 ގަ އެވެ.

މަސައްކަތު ބައްދަލުވުން ފެށުމަށް އެ ކޮމިޝަނުގެ ޓްރެއިނިން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ސީއެސްސީ ގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީނުގެ އިގްތިސޯދީ ތަސައްވަރަކީ ޒަމާނާ އެއްގޮތަށް ޕްލޭން ކުރައްވަމުން ގެންދަވާ ތަސައްވަރެއް ކަމަށެވެ. ސަރުކާރުން ޑިޖިޓަލް އިކޮނޮމީއެއް ރާއްޖޭގައި ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެ ލަނޑުދަނޑިތައް ހާސިލުކުރަން ސިވިލް ސާވިސްގެ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނީ ހަރުދަނާ ޕްލޭނެއްގެ ތެރެއިން ކަމަށް ޑރ. ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ކޮމިޝަނުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމަށްޓަކައި އަތޮޅުތެރޭގެ ރަށްރަށަށް އެކޮމިޝަނުން ވަނީ ދިރާސާ ދަތުރުތަކެއް ކޮށްފަ އެވެ. އެގޮތުން އެ ދަތުރުތަކުގައި ޕްލޭން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތާއި، އެ މުއައްސަސާގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހިޔާލުވެސް ހޯދި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވައިލާ އަމަލީ ޕްލޭންގެ މަސައްކަތް މިއަދު ފަށާފައިވާއިރު، އަންނަ މަހުގެ 15 ވަނަ ދުވަހު ޕްލޭން ލޯންޗުކުރާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މިއަދުގެ ބައްދަލުވުމުގައި ސިވިލް ސާވިސްގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ 30 އަށްވުރެ ގިނަ މީހުން ބައިވެރިވި އެވެ.