ނަޝީދަށް އަމާޒު ކުރި ހަމަލަ

ހަމަލާއާ ގުޅޭ ޕާލަމަންޓްރީ އިންކުއަރީއެއް ހިންގަން މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅޭ ޕާލަމަންޓްރީ އިންކުއަރީއެއް ހިންގަން މަޖިލީހުގެ ތަޅުމުން މިރޭ ރުހުން ދީފި އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެކަމަ ގުޅޭގޮތުން ޕާލަމަންޓްރީ އިންކުއަރީއެއް ހިންގުމަށް މިރޭ މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެވެ. އަދި އެކަމަށް ތާއިދު ކުރެއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މުސާ ސިރާޖު އެވެ.

ޕާލަމަންޓްރީ އިންކުއަރީއެއް ހިންގަން ފެނޭތޯ މިރޭ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަ ކަމަށް ވޯޓުގައި ބައިވެރިވި 49 މެމްބަރުން ވޯޓު ދެއްވި އެވެ.

އަސްލަމް މިރޭ ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދިނުމަށް މެދުވެރިވި ސަބަބުތައް ދެނެގަނެ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށް ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ތަކުރާރުވެ ނުދިނުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކާއި ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ޕާލަމަންޓްރީ އިންކުއަރީއެއްް ހިންގަން ޖެހޭ ކަމަށެވެ.

މިމަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަަ ކޮށްލަން ހަމަލާއެއް ދިނީ އެމަނިކުފާނު ގެއިން ނިކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ނެވެ.

ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވި އެވެ. އަދި ހަތަރު ސާޖަރީއެއް ހެއްދެވި އެވެ. އެމަނިކުފާނު މިހާރު ދަނީ ޖަރުމަނުގެ ހޮސްޕިޓަލެއްގައި އިތުރު ފަރުވާ ހޯއްދަވަަމުންނެވެ.