ދުނިޔެ

އިޒްރޭލަށް މިދަނޑިވަޅުގައި އެމެރިކާއިން ހަތިޔާރު ވިއްކަނީ

ފަލަސްތީންގެ ބިންތަކަށް އަރައިގަނެ ނަސްލު ނައްތާލަން އިޒްރޭލުން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތަކަށް ތާއީދުކުރަމުން 735 މިލިއަން ޑޮލަރުގެ ހަތިޔާރު ޝިޕްމަންޓެއް އެގައުމަށް ވިއްކަން ޖޯ ބައިޑަންގެ ސަރުކާރުން ނިންމައި ގާނޫނު ހަދާ މަޖިލީހަށް އެކަން އަންގައިފި އެވެ. ދެން އޮންނާނީ މެމްބަރުންނަށް ފެންނަ ގޮތެއް ނިންމައި ރުހުންދިނުމެވެ.

ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެމްބަރުން މިކަމާ ކުސްތަޅާލި ނަމަވެސް ގާނޫނު ހަދާ މަޖިލީހުގައި ކުރަން ލަޒިމްކުރާ ކަމެއް ނިންމައި އިޒްރޭލަށް އެންމެ ޒަމާނީ ހަތިޔާރު ޝިޕްމަންޓެއް އެމެރިކާއިން ފޮނުވާނެ އެވެ.

އިޒްރޭލަކީ އެމެރިކާއިން އާދަކޮށް ހަތިޔާރު ގަންނަ ގައުމެކެވެ. އިޒްރޭލުގެ އަސްކަރިއްޔާ ވަރުގަދަކޮށް ހަތިޔާރު ހޯދުމަށްޓަކައި އެމެރިކާއިން ހިލޭއެހީގެ ގޮތުގައި އިޒްރޭލަށް ކޮންމެ އަހަރަކު ބިޔަ އަދަދުތަކުން ފައިސާދެ އެވެ. އެމެރިކާއިން އިޒްރޭލަށް ދޭ އާންމު އެހީން ވެސް ހަތިޔާރު ހޯދުން ނޫން ކަމެއް ގިނަފަހަރު އިޒްރޭލުން ނުކުރެ އެވެ.

ފަލަސްތީންގެ އަވަށްތަކުގައި ޚާއްސަކޮށް ޣައްޒާގައި އިޒްރޭލުން މިހާރު ހިންގަމުން ގެންދާ ޖަރީމާތަކުގައި ކުޑަކުދިންނާއި އަންހެނުން މަރުވާ އަދަދު ހިފެހެއްޓުމެއް ނެތި އިތުރުވަމުން އަންނައިރު އެެމެރިކާ ފަދަ ޑިމޮކްރެޓިކް ހަމަތަކަށް ލޯބިކުރާ ކަމަށް ބުނާ ގައުމަކުން އިޒްރޭލަށް ހަތިޔާރު ވިއްކަން ނިންމި މިންމުމަކީ މިޖަރީމާގައި ބައިވެރިވުމެވެ.

އިޒްރޭލަށް ހަތިޔާރު ވިއްކަން ނިންމާފައި ވަނީ ފަލަސްތީންގައި ހަމަލާތައް ފެށުމުގެ ކުރިން މެއި 5 ގައި ކަމަށް ބުނެވުނު ނަމަވެސް މިދަނޑިވަޅުގައި ހަތިޔާރު ޝިޕްމަންޓް ފޮނުވުން ރަނގަޅު ނޫން ކަމަށް ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ބުނެ އެވެ. އެހެން ނަމަވެސް، އެމެރިކާ ސަރުކާރުން މަދު މެމްބަރެއްގެ ފިކުރަން އަޅައެއް ނުލާނެ އެވެ.

ޑިމޮކްރެޓިކް ޕާޓީން މިކަމާ ދެކޮޅު ހައްދަވާ މަދު މެމްބަރުންގެ ތެރޭގައި މިނެސޯޓާ ދާއިރާގެ މެމްބަރު އިލްހާން އުމަރު ހިމެނިވަޑައިގަންނަވަ އެވެ.

އޭނާ ޓްވީޓާގައި ވިދާޅުވަނީ މިދަނޑިވަޅުގައި ހަތިޔާރު ޝިޕްމަންޓަށް ރުހުންދިނުން ރަނގަޅު ނޫން ކަމަށާއި އެހެން ނޫންނަމަ އެމެރިކާއަށް ވެސް މިއަނިޔާވެރިކަމުގައި ބައިވެރިވެވުނީ ކަމަށެވެ. އިލްހާން އުމަރަކީ ސޯމާލިއާ ދަރިކޮޅަށް ނިސްބަތްވާ މުސްލިމް އަންހެނެކެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން އެއްގަމާއި ކަނޑުން އަދި ވައިން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި 212 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ފަލަސްތީންގެ ހެލްތު މިނިސްޓްރީން ބުނެ އެވެ. އޭގެ ތެރޭގައި ތެރޭގައި 61 ކުދިންނާއި 35 އަންހެނުން އަދި ދޮށީއުމުރުގެ 16 މީހުން ހިމެނެ އެވެ. މިނިސްޓްރީން ބުނީ އެކިވަރުގެ އަނިޔާ ލިބިގެން ރިޕޯޓްކުރި އަދަދު 1400 އަށް އަރާ ކަމަށެވެ.