އެމްޑަބްލިއުއެސްސީ

ކުޑަފަރީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް

May 18, 2021

ނ. ކުޑަފަރީގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާގެ މަސައްކަތް ހަލުވިކަމާއި އެކު ކުރިއަށްދާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފި އެވެ.

އެ މަޝްރޫއާއި ބެހޭ ގޮތުން އަޕްޑޭޓެއް ދެމުން އެ ކުންފުނިން ބުނީ މިހާރު އެ މަސައްކަތުގެ 31 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އެގޮތުން މަޝްރޫއުގެ ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 58 ޕަސެންޓު މިހާރު ވަނީ ނިމިފަ އެވެ. އަދި 9.5 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމުގެ 93 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ ކުޑަފަރީގައި ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުން ހިމެނޭ ކަމަށެވެ. އަދި 169 ގެއަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ފެންމީޓަރު ބަހައްޓައި، މި ގެތަކަށް ރައްކާތެރި ބޯފެން މި މަޝްރޫއުގެ ތެރެއިން ފޯރުކޮށްދޭނެ އެވެ.

ނަރުދަމާ ނިޒާމުގައި ހިމެނޭ 8.1 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކުގެ ހޮޅިވަޅުލުމުގެ 50 ޕަސެންޓް އަދި ޕަންޕިން ސްޓޭޝަންތަކުގެ 44 ޕަސެންޓުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެއިތުރުން ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ކުޑަފަރީގައި 650 މީޓަރުގެ ޕަމްޕިން ލައިން އެޅުމާއި، 1ސީ އައުޓް ފޯލް ގާއިމުކުރުން ހިމެނެ އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ ގެތަކަށް ނަރުދަމާގެ ހިދުމަތް މި މަޝްރޫއުގެ ތެރެއިން ފޯރުކޮށްދެވޭނެ ކަމަށެވެ. މިއާއެކު، މިމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަޝްރޫއު ފެން ކުންފުންޏާ ހަވާލު ކޮށްފައިވަނީ ޖުމުލަ 38.2 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއުގެ މަސައްކަތް ނިމުމުން ކުޑަފަރީގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ އެވެ.