ޓޫރިޒަމް

ޓޫރިޒަމް ބިމު ކުލީގެ ޖޫރިމަނާ ފަސްކުރަން އެދެން ފަހުގެ ފުރުސަތު

May 18, 2021
1

ޓޫރިޒަމް ބިންތަކުގެ ކުލީގެ ޖޫރިމަނާ ފަސްކޮށްދޭން އެދެން ފަހުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ދީފި އެވެ.

މި ފުރުސަތު ދީފައިވަނީ ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް ގެނެސްފައިވާ ތިންވަނަ އިސްލާހުގަ އެވެ.

މި ގަވައިދުގައި ޓޫރިޒަމް ބޭނުމަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރެވި ތަރައްގީ ކުރެވިފައި ނުވާ ތަންތަނުގެ ތެރެއިން "ކޮންސްޓްރަކްޝަން ޕީރިއަޑް"ގެ މުއްދަތު ހަމަވެފައިވާ ތަންތަނުގެ "ކޮންސްޓްރަކްޝަން ޕީރިއަޑް" އިތުރުކުރުމަށާއި ކުއްޔާ ގުޅިގެން އަރާފައިވާ ޖޫރިމަނާ އަށް ލުއި ހޯދުމަށް އެދި އަންނަ މަހުގެ 17ގެ ނިޔަލަށް ހުށަހަޅަން އެދިފައިވެ އެވެ.

ކުރިން މިނިސްޓްރީން ނެރެފައިވާ ގަވައިދުގައި ބުނެފައިވާ ގޮތުން ކުއްޔާ ގުޅިގެން އަރާފައިވާ ޖޫރިމަނާ އަށް ލުއި ހޯދުމަށް ފުރުސަތު ދީފައިވަނީ މާޗް 18ގެ ނިޔަލަށެވެ.

ކޮވިޑް-19ގެ ސަަބަބުން ޓޫރިޒަމް ހީނަރުވެފައިވާތީ ޓޫރިޒަމް ވިޔަފާރިތަކަށް ލުއި ހޯދައި ދިނުމުގެ ގޮތުން ބިމު ކުލި ލުއިކޮށްދީފައިވެ އެވެ.