އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ދައުވާކޮށްފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓެއް މަޖިލީހުން އާންމުކޮށްފައިވާއިރު އެ ލިސްޓްގައި މަހްލޫފްގެ ނަން ހިމެނިފައިވީ ނަމަވެސް އެ މައްސަލާގައި މިހާތަނަށް އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާތީ އާންމުންގެ ފާޑު ކިޔުން އަމާޒުވެފައިވާ ވަގުތެއްގަ އެވެ.
މަހްލޫފް މިއަދު ސޯޝަލް މީޑިއާގައި އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ އެސްއޯއެފްގެ ޗެކުގެ މައްސަލާގައި 2019 ވަނަ އަހަރު ރައީސް އިބްރާހީމް ސޯލިހް ފިޔަވަޅު އެޅުއްވި ކަމަށެވެ. އެގޮތުން އެމަނިކުފާނު ސަސްޕެންޑް ކޮށް އަދި ތަހުގީގީ އިދާރާތަކުން މައްސަލައެއް ނެތް ކަމަށް އޭރު ނިންމުމުން މަގާމުގެ މަސްއޫލިއްޔަތު އަލުން ހަވާލުކުރީ ކަމަށްވެސް ވިދާޅުވި އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ލިސްޓެއް މަޖިލީހުން އާންމުކުރުމުގައި އަމަލުކޮށްފައިވާ ގޮތަށް މިނިސްޓަރު މަހްލޫފް ވަނީ ނުސީދާކޮށް ފާޑު ވެސް ވިދާޅުވެފަ އެވެ.
އެގޮތުން އެ ލިސްޓް އެކުލަވާލީ ސިޔާސީ ބައެއް ކަމަށް ސިފަކުރައްވާފަ އެވެ. އެކަމަކު އިޝާރާތް ކުރެއްވީ މަޖިލީހުގެ މެންބަރުންނަށް ކަމެއް ނުވަތަ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބަލަން ރައީސް ސޯލިހް އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަންގެ މެންބަރުންނަށް ކަމެއް ސާފެއް ނޫނެވެ.
މަހްލޫފް ވިދާޅުވީ މައްސަލަ އާއި ސީދާ ގުޅުން ނެތް އެތައް ބައެއްގެވެސް ހައްގުތައް ގެއްލިގެންދިޔަ ލިސްޓެއްގައި ނަން އޮތުމަކީ ކުށްވެރިވުން ނޫން ކަމަށާއި އަދި އެއީ އެ ހިޔާނާތުގައި ބައިވެރިވުމެއް ވެސް ނޫން ކަމަށެވެ.
"އެހެންނަމަވެސް އަޅުގަނޑުގެ މައްޗަށް ދައުވާއެއް ކޮށްފިނަމަ މި މަގާމުގައި އެންމެ ދުވަހަކުވެސް ނުހުންނާނަން،" މަހްލޫފް ވިދާޅުވެފަ އެވެ.
ޑޮލަރު މާރުކުރުމުގެ ނަމުގައި އެސްއޯއެފް ކުންފުންޏާ އެކު 33،000 ޑޮލަރު ގަތުމުގެ މުއާމަލާތެއް މަހްލޫފް ކުރައްވާފައިވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ތަހުގީގުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެމައްސަލާގައި މަހްލޫފާ ސުވާލުކޮށް މިހާރު ވަނީ ދައުވާ ކުރުމާ ހަމައަށް ގެންދެވޭ ވަރަށް މަސައްކަތްތައް ފުރިހަމަކުރެވިފައި ކަމަށްވެސް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވެ އެވެ.