ނޫނެކެވެ. ފުރަތަމަ ލޯތްބެވެ. ދެން ރުޅިވަނީ އެވެ. އާދޭސްކޮށްގެން ނުވަތަ ލޯބި އަލުން އާލާވެގެން އަނެއްކާވެސް އެ ދެ ހިތެއް އަލުން ގުޅިފާނެ އެވެ.
ނޫނެކެވެ. ފުރަތަމަ އާދެވެނީ ރުޅި އެވެ. ނަފުރަތުގެ އަލިފާނެވެ. އެކަކު ގޮތް ދޫނުކުރީމަ އެ ހިލަ ހިތް ފިނިވަނީ އެވެ. ލޯބިވެވެނީ ދެނެވެ. ދެން ކައިވެންޏެވެ. ދެން ވަރި އެވެ.
ނޫނެކެވެ. ދިރިއުޅުމުގެ މި ދަތުރު މިހެން ކިޔައިދޭކަށް ނޭނގޭނެ އެވެ. އެހެންވީމަ ދެ މީހެއްގެ ދެމެދުގައި އުފެދޭ ލޯބީގެ ގުޅުމެއް ކައިވެންޏާ ހަމަ އަށް ދެމިގެން ދަނީ އެ ގުޅުމެއްގައި ކޮން ކަހަލަ ސިފަތަކެއް ހުރެގެން ހެއްޔެވެ؟ އަދި ވަރިއާ ހަމައަށް ނުގޮސް ދެ މީހުންގެ ފަހު ނޭވާއާ ހަމަ އަށް އެ ގުޅުން ގެންދަނީ ލޯބީގެ ކޮން ޖާދޫއެއް ހަދައިގެން ހެއްޔެވެ؟
ޖާނަލް އޮފް މެރިޖު އެންޑް ފެމިލީގައި މިފަހުން ޝައިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުން އެ ސިފަ ގުޅުމެއްގައި ޖެހިގެން ދަނީ ދެ މީހަކު އެމީހުންގެ ލޯބީގެ ގުޅުމުގައި ޖައްސާ ހަތަރު ކުލައެއްގެ ސަބަބުން ކަމަށެވެ. އެމެރިކާގެ ޔުނިވާސިޓީ އޮފް އިލީނޮއިސްގެ ހިއުމަން ޑިވެލޮޕްމަންޓް އެންޑް ފެމިލީ ސްޓަޑީސްގެ ތަޖުރިބާކާރުންގެ ޓީމަކުން މި ދިރާސާއެއްކޮށްފައި ވަނީ 300 ކަޕްލް ބޭނުންކޮށްގެންނެވެ.
މި ދިރާސާގައި ބައިވެރިފި ފަރާތްތަކުން ވަނީ އެމީހުންގެ ލޯބީގެ ގުޅުމަށް އަންނަމުން ދިޔަ ބަދަލުތައް ހަތް މަސް ވަންދެން ދިރާސާގެ ތަޖުރިބާކަރުންނާ ހިއްސާކޮށްފަ އެވެ. މި މުއްދަތުގައި އެއްކުރި މައުލޫމާތުތަކަށް ބަލާއިރު ދިރާސާގައި ބައިވެރިވި ލޯބިވެރިންގެ ތެރެއިން ރުޅިވި މީހުން ރުޅިވުމަށް މެދުވެރި މައިގަނޑު ސަބަބުތަކެއް ކަމުގައި ފާހަގަކޮށްފައި ވަނީ އެކުވެރިންނާ އެކު މާ ގިނަ ވަގުތު ހޭދަކުރުމާއި މައްސަލަ ތަކުގައި އަރާރުންވުމާއި ދެ މީހުންގެ ހިޔާލު އެއްގޮތްނުވުމެވެ.
ދިރާސާއިން އެނގުނު ގޮތުން މި ސިފަތައް ޖެހިފައިވާ ރިލޭޝަންޝިޕްތަކުގައި އުޅޭ ލޯބިވެރިން ކައިވެންޏަށް ތާރީޚެއް ކަނޑައެޅިޔަސް އެކަން ހާސިލުވެފައެއް ނުވެ އެވެ.
ނަމަވެސް ލޯބިވެރިޔާގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެކުގައި ގިނަ ވަގުތު ހޭދަކޮށް، ހިޔާލު އެއްގޮތް ލޯބިވެރިން ފަސޭހައިން ކައިވެންޏަށް ދަތުރުކޮށްފައިވާ ކަމަށް ވެސް މި ދިރާސާއިން ދައްކަ އެވެ. އެއަށް ފަހު އެކުވެރިންނާއި އާއިލާގެ ފަރާތުން ދެ މީހުންގެ ގުޅުމަށް އަދި ލޯތްބަށް ލިބޭ އިހްތިރާމާއި އެއްބާރުލުމުގެ ސަބަބުން ދެ މީހުންގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށްދޭކަން ވެސް އެނގިފައިވެ އެވެ.
އެހެންވީމަ ލޯބީގައި ކާމިޔާބު މީހަކަށް ވުމަށް ސަމާލުކަން ދޭން ޖެހޭ ސިފަތަކަކީ ކޮބައި ހެއްޔެވެ؟ ވީހާ ވެސް ޑްރެމެޓިކް މީހަކަށް ވާންވީ އެވެ. މިހެން ބުނީމަ އޭގެ މާނަ އަކީ އެއްގޮތަކަށް ވެސް ހިތުގައި ނެތް ލޯތްބެއް ދައްކާ ވާހަކައެއް ނޫނެވެ.
ފިލްމުގައި އެ ފެންނަ ފަދަ މަންޒަރުތައް އަންހެން ކުއްޖާގެ ނުވަތަ ފިރިހެން ކުއްޖާގެ ހަޔާތަށް ގެނެސްދިނަސް މިކަން ކުރެވިދާނެ އެވެ. މިސާލަކަށް ލޯބިވެރިޔާ އަށް ޕްރޮޕޯޒްކުރުން ތަފާތުކޮށްލަނިކޮށް ވެސް އެކަން ވެދާނެ އެވެ.
ލޯބިވެރިޔާ އަށް ނިކަން ބޮޑު ސަމާލުކަމެއް ދޭށެވެ. މިއީ ވަރަށް މުހިންމު ކަމެކެވެ. އޭނާ ވާހަކަ ދައްކާއިރު ވަކިން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ އެވެ.
އަނެއް ކަމަކީ ބައިވެރިޔާގެ އާއިލާގެ މީހުންނާ ރައްޓެހިކަން ބޭއްވުމެވެ. އެމީހުންގެ ބްލެސިންސް ވަރަށް މުހިންމުކަން ހަނދާން ބަހައްޓައްޗެވެ.
ދެން ވިސްނަންވީ ޒުވާބުނުކޮށް މައްސަލަތައް ހައްލުކުރެވޭނެ ގޮތަކާ މެދުގަ އެވެ.