ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގައުމީ ޕޭމަންޓް ސިސްޓަމްގެ ބިލް ތަސްދީގު ކުރައްވައިފި

May 18, 2021

ގައުމީ ޕޭމަންޓް ސިސްޓަމްގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މި ބިލް ފާސްކުރީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އެވެ.

ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގައި ވަނީ ރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަސީކުރުމާއި ކަމާގުޅޭ އެންމެހައި ކަންކަން ބަޔާންކޮށްފަ އެވެ.

މި ގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ގައުމީ ޕޭމަންޓް ސިސްޓަމްގެ ހަމަޖެހުން ދެމެހެއްޓުމާއި، ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ޤައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަރސީކުރުން ހިމެނެ އެވެ. ޕޭމަންޓް ސިސްޓަމްތައް، ކްލިއަރިން ސިސްޓަމްތައް، ސެޓްލްމަންޓް ސިސްޓަމްތަކުގެ އަދި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ އިންޓަރއޮޕެރަބިލިޓީ ޤާއިމުކުރުމާއެކު ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި ވާދަވެރި ނިޒާމެއް ޤާއިމުކުރުމަކީވެސް މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނިގެންވާ ކަންކަމެވެ.

މިޤާނޫނުގައި ޤައުމީ ޕޭމަންޓް ސިސްޓަމް ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ހިނގާތޯ ބެލުމަށްޓަކައި، ޤައުމީ ޕޭމަންޓް ސިސްޓަމްގެ ކަންކަން ރެގިއުލޭޓްކޮށް އޯވަރސީކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީކަމުގައި ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއެކު ޕޭމަންޓް ސިސްޓަމްތައް، ކްލިއަރިން ސިސްޓަމްތައް، ސެޓްލްމަންޓް ސިސްޓަމްތަކުގެ އަދި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ އިންޓައޮޕެރަބިލިޓީ ގާއިމުކުރުމާއެކު ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި ވާދަވެރި ނިޒާމެއް ގާއިމުކުރުމަކީވެސް ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

މި ގާނޫނުގައި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުން އެ ފަރާތުގެ ކަސްޓަމަރުންގެ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް ސަމާލުކަންދިނުމަށް ކަނޑައަޅާފައިވެ އެވެ. އަދި ކަސްޓަމަރުންގެ ސިއްރު ހިފެހެއްޓުމުގައި ގެންގުޅެންވާ މިންގަނޑުތައް ވެސް ގާނޫނުގައި ބުނެދީފައިވެ އެވެ.

ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ހަތަރު މަސް ދުވަސް ފަހުންނެވެ.