ވިޔަފާރި

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއުޒިކަލް ފަޔާވޯކްސް ބާއްވަނީ

Jan 14, 2015

އެސްޓީއޯއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް "މިއުޒިކަލް ފަޔާ ވޯކްސް" އެއް ބާއްވަން ނިންމައިފި އެވެ.

އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުންޏަށް 50 އަހަރު ފުރުމުގެ މުނާސަބުގައި ހަވާއެރުވުން ބާއްވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ކަމަށެވެ.

"މީގެ ކުރިން ރާއްޖޭގައި މުޅިންވެސް މި ފެންނަނީ ހަމައެކަނި ހަވާ އަރުވާތަން. އެކަމަކު މިފަހަރު މި ބާއްވަނީ މުޅިން ތަފާތު ހަވާ އެރުވުމެއް. މީގައި ހަވާ އަރުވާނީ ކޮރިއޯގްރާފް ކުރެވިގެން،" އޮފިޝަލް ވިދާޅުވި އެވެ.

މިއުޒިކަން ފަޔާ ފޯކްސް ބާއްވަނީ އުސްފަސްގަނޑު ސަރަހައްދުގައި 22 ވަނަ ދުވަހުގެ ރޭ 11.30 އެހާއިރު އެވެ. ހަވާ އަރުވާނީ ދިވެހި ސިފައިންނެވެ.

އޮފިޝަލް ވިދާޅުވީ އެސްޓީއޯއަށް ބައި ގަރުނު ފުރުމުގެ މުނާސަބަތުގައި އެރޭ ހާއްސަ ހަފުލާއެއް ވެސް އޮންނާނެ ކަމަށެވެ.

"ހަފުލާގައި ބައިވެރިވާނީ އެސްޓީއޯގެ ސްބަސިޑަރީ ކުންފުނިތަކާއި ދައުވަތުދޭ ފަރާތްތަކުން. މިއީ އިންޓާނަލް އިވެންޓެއް،" އޮފިޝަލް ވިދާޅުވި އެވެ.

އެސްޓީއޯއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ. ސަރުކާރާއި ރައްޔިތުން ހިއްސާވާ އެސްޓީއޯއަށް ބައި ގަރުނު ފުރުނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.