ހަރުކަށި ފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ދެންމެ ބުނީ ހަރުކަށިފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށް ތުހުމަތުކުރެވޭ ދިވެހި ފިރިހެނެއް މާލެއިން މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 49 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.
މި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިޒަމް ހަމަލާގެ ފަހަތުގައި ހަރުކަށި ފިކުރާ ގުޅުން ހުރި ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިރޭ ހައްޔަރުކުރި މީހާއާ އެ ހަމަލާއާ ގުޅުންހުރި ކަމެއް ނުވަތަ ނޫން ކަމެއްވެސް ފުލުހުން ނުބުނެއެވެ.
ހަމަލާއާ ގުޅިގެން ފުލުހުން ފުރަތަމަ ބުނީ ހަތަރު މީހަކަށް ޝައްކު ކުރެވިގެން އެ މީހުންގެ އަމަލުތަކަށް ފާރަވެރިވަމުންދާ ކަމަށެވެ. މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާއިރު ބޮން ގޮއްވާލުމުގައި އިސްކޮށް ހުރި މީހާއަކީ ހަރުކަށި ފިކުރުގައި ޖެހި މީހުން މެރުމަށްވެސް ފަސްނުޖެހޭ މީހެއްކަން އޭނާ ދަންނަ މީހުންގެ ވާހަކަތަކުން އެނގިފައިވެއެވެ.
ހަރުކަށި ފިކުރު ފަތުރަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި އައްޑޫއިންވެސް ހަތް މީހަކު މި ހަފްތާގައި ވަނީ ހައްޔަރުކޮށްފައެވެ.
ރަައީސް ނަޝީދު އަވަހާރަކޮށްލިން ހަމަލާގެ މައުލޫމާތު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ކޮމިޝަނަރު އޮފް ޕޮލިސް ވަނީ ހަރުކަށި ފިކުރު ފަތުރާ އަދި އެ ފިކުރަށް ލެނބިފައިވާ އެންމެން ހައްޔަރު ކުރާނެ ކަމަށް ވިދާޅުވެފައެވެ.