ހަރުކަށި ފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި މިރޭ ހައްޔަރުކުރި މީހާގެ މައްޗަށް ފުލުހުން ބޮޑެތި ތުހުމަތުތަކެއް ކުރާކަން ހާމަވެއްޖެ އެވެ.
ފުލުހުން ބުނީ ހަރުކަށިފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށް ތުހުމަތުކުރެވޭ ދިވެހި ފިރިހެނެއް މާލެއިން މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 49 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މިރޭ ހައްޔަރުކޮށްފައިވަނީ ހއ. މޮޅަދޫއަށް ނިސްބަތްވާ އަބްދުﷲ އަލި މަނިކެވެ.
އޭނާ ހައްޔަރުކުރަން ފުލުހުން ހޯދި ކޯޓް އަމުރުގައި އޭނާގެ މައްޗަށް ކުރެވޭ ގިނަ ތުހުމަތުތަކެއް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ދީނީ ހައްދުފަހަނަ އަޅާފައިވާ ފިކުރެއް ކުރިއެރުވުމަށް މާލޭ ސިޓީ ސަރަހައްދުގައި ވަކި ޖަމާއަތް ހަަދައިގެން ނަމާދުކޮށް އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމަށް ހިތްވަރުދޭ ކްލާސްތައް ބާއްވާ ކަމަށް ބުނެފައިވެއެވެ. އަދި ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކޮށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް ޖިހާދުގެ ނަމުގައި ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަތަކަކީ ސަބަބުވެރި އަމަލެއްކަމުގައި ދައްކުވައިގެން ރާއްޖެއިން ޖިހާދު ކުރުމަށް މީހުން ފޮނުވާ ކަމަށްވެސް ވަނީ ތުހުމަތު ކޮށްފައެވެ.
މީގެ އިތުރުން ޖިހާދަށް މީހުން ފޮނުވަން ރެކްރޫޓްކޮށް ދިވެހިރާއްޖޭގައި ހަަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ ފަރާތްތަކުން ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރަރިޒަމްގެ ހަމަލާއެއް ރާވަމުންދާ ކަމުގެ ތުހުމަތުވެސް ވަނީ ކޮށްފައެވެ.
އެނގިފައިވާ ގޮތުގައި މިރޭ ހައްުޔަރުކޮށްފައިވަނީ ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރު ހިމަންދޫގައި ހިނގި ހަމަނުޖެހުމުގައި ބައިވެރިވި މީހެކެވެ.