މާލޭ ސިޓީ

މާލޭގައި 100،000 ގަސް އިންދަނީ

މާލެ ސިޓީގައި އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ހިންގަން ނިންމާ އެކަން ސިޓީ ކައުންސިލުން އިއުލާނު ކޮށްފި އެވެ.

ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރަށް އިންތިހާބު ކުރި ކައުންސިލަރުން މަގާމާ ހަވާލުވުމަށް ފަހު ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި ނިންމި ނިންމުންތައް ރޭ އެ ކައުންސިލުން ވަނީ ހާމަ ކޮށްފަ އެވެ.

ނިންމުންތައް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެގައި އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ހިންގަން ނިންމާފައިވާ ކަމަށެވެ. އަދި ކައުންސިލްގެ އަމާޒަކީ ހަ މަސް ދުވަސް ތެރޭ މިކަމަށް ވާާންޖެހޭ ތައްޔާރީތައް ނިންމައި ޖެނުއަރީ 1، 2022 ގައި މި ޕްރަގްރާމްގެ އަމަލީ މަސައްކަތް ފެށުން ކަމަށެވެ.

މުއިއްޒު ވިދާޅުވީ މާލެއަކީ ފެހި އަދި ހިތްގައިމު މާހައުލަކަށް ހެދުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ޓެކްސީ ޕާކުކުރާ ސްލޮޓްތަކުގެ އަގު ހެޔޮ ކުރުމާއި މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅުގައި ގާއިމުކުރުމަށް މި ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕޯޓް މަޝްރޫއު ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުމާއި މާލެ ދަފްތަރުގައި ޖެއްސުން ވަގުތީ ގޮތުން މެދުކަނޑާލަންވެސް ވަނީ ނިންމާފައެވެ.

އަދި މާލޭގެ މަގުތައް ބަންދު ކުރުމުގެ ގަވާއިދެއް ހެދުމަށް ނިންމުމާއި މިސްކިތްތަކާއި މާރުކޭޓްތަކުގެ ހާލަތު ބެލުމާއި ގުދަން، ގަރާޖު އަދި ވޯކްޝޮޕްތައް ސިނާއި އަވަށަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. މުއިއްޒު ވިދާޅުވީ މިކަމާ ގުޅޭގޮތުން ކަމާބެހޭ ވުޒާރާތަކާ މަޝްވަރާކޮށް އޭގެ ޕްލޭން ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާ އަދި އަލަށް ކުރިމަތިލާ ފަރާތްތަކަށްވެސް ޖާގަ ދޭނެ ކަމަށެވެ.

މީގެ އިތުރުން ވިލިމާލޭގެ ރައްޔިތުންގެ އެދެމުގެ މަތިން އެ އަވަށުގައި 10 ބުރީގެ އިމާރަތް އެޅުމުގެ ހުއްދަ ދިނުމުގެ ގަވާއިދު ހެދުމުގެ މަސައްކަތް ފެށުމާއި ޕާކުތަކާއި މައިޒާން ތަކުގެ އާބަތުރަފިލުވާ މަރާމަތު ކުރުމަށްޓަކައި މިހާރު އެތަންތަން ހުރި ހާލަތު ބަލައި ރިޕޯޓެއް ތައްޔާރު ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.