މާލޭ ސިޓީ

މަގުތައް ބަންދު ކުރުމުގެ ގަވާއިދެއް ހަދަނީ

May 19, 2021

މާލޭގެ މަގުތަައް ބަންދު ކުރުމުގެ ގަވާއިދެއް ހަދަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ފުރަތަމަ ބައްދަލުވުމަށް ފަހު ނިންމު ނިންމުންތައް ހާމަ ކުރަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ މަގުތަައް ބަންދު ކުރުމުގެ ގަވާއިދެއް ނިންމާފައިވާ ކަމަށެވެ. އަދި ގަވާއިދު ހެދުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހިމަނާނެ ކަމަށެވެ.

މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އިރު މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރުމަށް މަގު ބަންދު ކުރަން ހާއްސަ ވަގުތު ތަކެއް ކަނޑައެެޅި އެވެ. ނަމަވެސް ސަރުކާރު ބަދަލުވީ ފަހުން އެ އުސޫލު ބަދަލުކޮށް، މަގު ބަންދު ކުރަން ވަކި ވަގުތެއް ހާއްސަ ކޮށްފައެއް ނުވެ އެވެ. އެކަމުގެ ސަބަބުން އާންމުންގެ ޝަކުވާ ވަރަށް ބޮޑުވި އެވެ.

މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތްތަކަށް މަގު ބަންދު ކުރަން ޖެހޭތީ އެކަމަށް އެންމެ ރަނގަޅު ވަގުތެއް ބެލުމަށް މުއިއްޒު ވަނީ ހާއްސަ ޕޯލެއް ވެސް ކުރިއަށް ގެންދަވާނެ އެވެ. އެ ޕޯލް އޭނާ ކުރިއަށް ގެންދެވީ އިންތިހާބުގައި ކާމިޔާބު ހޯއްދެވި ފަހުންނެވެ. ޕޯލްގައި 2،800 ވުރެ ގިނަ މީހުން ބައިވެރިވިއިރު އެ ޕޯލްގެ 80 ޕަސެންޓް މީހުން ބުނެފައިވަނީ މަގު ބަންދު ކުރަން ރަނގަޅީ ރޭގަނޑު 11:00 އިން ހެނދުނު 7:00 އަށް ކަމަށެވެ.