ޓޫރިޒަމް

ހަލާލް ޓޫރިޒަމް މާކެޓު ހޯދަން ރާއްޖޭން މަސައްކަތް ފަށައިފި

ދުނިޔޭގެ ގިނަ އަދަދެއްގެ މަހުޖަނުން ދަތުރު ކުރާ ހަލާލް ޓޫރިޒަމް މާކެޓު ހޯދަން ރާއްޖެ އިސްތިހާރު ކުރަން ފަށައިފި އެވެ.

ދުބާއީގައި ކުރިއަށްދާ، އެރެބިން ޓްރެބަލް މާކެޓް (އޭޓީއެމް) ގައި ރާއްޖޭގެ ހަލާލް ޓޫރިޒަމް މާކެޓު ޕްރޮމޯޓް ކުރުމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއެކު މަސައްކަތް ކުރަނީ ހަލާލް ޓޫރިޒަމްގެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ޑރ. ހުސެއިން ސަނީ އުމަރު އެވެ. މެދުއިރުމަތިން އަންނަ ޓޫރިސްޓުންނަށް އަމާޒުކޮށްގެން ރާއްޖޭގައި ވަނީ ހަލާލް ޓޫރިޒަމްގެ ޕްލެޓްފޯމެއް ވެސް ލޯންޗްކޮށްފަ އެވެ. މިއީ މިގޮތަށް ހަލާލް މާކެޓަށް ހާއްސަކޮށް ރާއްޖޭން އިސްތިހާރު ކުރާ ފުރަތަމަ ފަހަރެވެ.

ޑރ. ސަނީ ވިދާޅުވީ ހަލާލް ޓޫރިޒަމް މާކެޓުގެ އަގު 189 ބިލިއަން ޑޮލަރަށް އަރާއިރު، 2019 ވަނަ އަހަރު މި މާކެޓުގެ ޓޫރިޒަމް ހިންގާ ގައުމުތަކަށް 184 މިލިއަން މީހުން ދަތުރު ކުރި ކަމަށެވެ. އެހެންވެ ރާއްޖޭގެ މަގުސަދަކީ މި މާކެޓުން ކޮންމެ ވެސް ޕަސެންޓޭޖެއް ރާއްޖެ އަށް ހޯދުން ކަމަށެވެ.

"މެލޭޝިއާ އާއި ޖަޕާން އަދި ކޮރެއާގައި މި މާކެޓުން ގިނަ ބަޔަކުދޭ. އެ ގައުމުތަކުގައި އެއާޕޯޓުން ފެށިގެން މޯލްތަކުގައި ވެސް މި މާކެޓު އިސްތިހާރު ކުރޭ،" ސަނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ގައުމުތަކުގައި ފުލް ހަލާލް ރިސޯޓު ހިންގާ ޓޫރިޒަމް ޕްރޮޕަޓީތައް ހުންނަ ކަމަށެވެ. ނަމަވެސް ރާއްޖޭގައި މިފަދަ ރިސޯޓެއް ހަދަން މިހާތަނަށް އެކަށީގެންވާ ދިރާސާއެއް ހެދިފައި ނެތް ކަމަށެވެ.

"މީގައި ވާނެ ގޮތަކީ މިއީ ބޮޑު އިންވެސްޓްމަންޓެއް. ރިސްކް ވެސް ހައިވާނެ. ހަމައެއާއެކު ރިޓާން ވެސް މަތި،" ސަނީ ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމަށް ބައި ގަރުނު ފުރެންދާއިރު ރާއްޖޭގައި ހަލާލް މާކެޓަށް ހާއްސަކޮށް ރިސޯޓެއް ހެދިފައެއް ނެތެވެ. ހިދުމަތް ދޭ ގޮތާއި ތަން ވެސް ތަފާތު ގޮތަކަށް ބަައްޓަންކޮށްފައިވާ މިފަދަ ރިސޯޓެއް ހަދަން މިހާތަނަށް އެންމެ ފުޅާކޮށް ކޮށްފައިވަނީ އޭޑީކޭ ކުންފުނިންނެވެ. އެ ކުންފުނިން ތުރުކީ ކުންފުންޏަކާ ގުޅިގެން ފެށި މި މަސައްކަތް ވެސް ކުރިއަށް ނުގޮސް ވަނީ ހުއްޓިފަ އެވެ.