ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މަތިވެރި

އެކްސްކާޝަނަށް ދިޔަ ލޯންޗެއްގައި އަލިފާން ރޯވެ ބަޔަކު ފިހިއްޖެ

May 19, 2021

އއ. މަތިވެރިން ފަތުރުވެރިން ގޮވައިގެން އެކްސްކާޝަނަށް ދިޔަ ލޯންޗެއްގައި އަލިފާން ރޯވެ ބަޔަކު ފިހިއްޖެ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މަތިވެރި ކައުންސިލް މެންބަރަކު ވިދާޅުވީ މިހާދިސާ ހިނގި ވަގުތު ލޯންޗުގައި ހަތަރު މީހުން ތިބި ކަމަށެވެ. އެއީ ދެ ފަތުރުވެރިންނާއި ކެޕްޓަނާއި ފަތުރުވެރިން ޗުއްޓީ ހޭދަކުރަމުންދާ ގެސްޓްހައުސްގެ ވެރިޔާ އެވެ.

މީގެތެރެއިން ފިހުނީ ތިން މީހުންނެވެ. އަލިފާނުގެ މިހާދިސާގައި ދެ ފަތުރުވެރިންގެ ފަޔާއި ކެޕްޓަންގެ ފަޔާއި އަތުގެ ބައެއް ފިހިފައިވެ އެވެ. ނަމަވެސް މައުލޫމާތު ދެއްވި ކައުންސިލަރު ވިދާޅުވީ އެ މީހުންގެ ހާލު އެހާ ސީރިއަސް ނޫން ކަމަށެވެ.

"މަތިވެރި ސިއްހީ މަރުކަޒުގައި އެމީހުންނަށް ފަރުވާދީ ފިހުނު ތަންތަން ބެންޑޭޖުކޮށްފައި މިހާރު ގެއަށް ވެސް ދޫކޮށްލައިފި،" ކައުންސިލަރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމީހުން އެކްސްކާޝަން ދިޔައީ މަތިވެރިއާ މާދުރު ނޫން ހިސާބެއްގައި އޮންނަ ގެބުރުގާ ކިޔާ ރަށަކަށް ކަމަށެވެ. ލޯންޗަށް ލިބުނު ގެއްލުން އެހާ ބޮޑަށް ސާފު ނުވާ ކަމަށާއި އަލިފާން ރޯވި ލޯންޗް އުކުޅަހަށް ގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެނގިފައިވާ ގޮތުގައި ލޯންޗަށް ވެސް އެހާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެ،" ކައުންސިލަރުން ވިދާޅުވެފައިވެ އެވެ.

ކޮވިޑް 19އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޓޫރިސްޓުން ގޮވައިގެން އެކްސްކާޝަން ދިއުން އެޗްޕީއޭ އިން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް މަތިވެރީގައި ތިބޭ ފަތުރުވެރިން އާންމުކޮށް އެކްސްކާޝަނަށް ދާ ކަމަށް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވެ އެވެ.