މަތިވެރި

ނިވާކަން ކުޑަ ހެދުމުގައި ތިބޭ މީހުންނަށް ހިދުމަތް ނުދޭ

Mar 8, 2022
1

ނިވާކަން ކުޑަ ހެދުން އަޅައިގެން ހިދުމަތް ހޯދުމަށްދާ ފަތުރުވެރިންނަށް ހިދުމަތް ނުދޭން އއ. އުކުޅަހު ސިއްހީ މަރުކަޒުން ނިންމައިފި އެވެ.

ސިއްހީ މަރުކަޒުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ނިވާކަން ކުޑަ ހެދުން އަޅައިގެން އެ ތަނަށް ހިދުމަތް ހޯދުމަށްދާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. އެފަދަ މީހުން ފޮނުވާލުމުން އެކަށީގެންވާ ހެދުމެއްގައި އެނބުރި އައުމުން ހިދުމަތް ދޭނެ ކަމަށްވެސް ބުނެފައިވެ އެވެ. ފުރާނައަށް ނުރައްކާ ފަދަ ހާލަތެއްގައި ހިދުމަތް ހޯދަން އަންނަ މީހުންނާ މެދު އެ އުސޫލު ނުހިނގާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ސިއްހީ މަރުކަޒުން ބުނީ އެގޮތަށް ފިޔަވަޅު އަޅަން ފެށުމުން ބައެއް ޓޫރިސްޓުން ހިތްހަމަނުޖެހުނު ނަމަވެސް އެފަދަ މައްސަލަތައް ރަނގަޅުވަމުން އަންނަ ކަމަށެވެ.

އުކުޅަހަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ގެސްޓްހައުސް ހިންގާ އެއް ރަށެވެ. އެގޮތުން މިވަގުތު ވެސް އެ ރަށުގައި 34 ގެސްޓްހައުސް އެއް ހިންގަ އެވެ.

ނިވާކަން ކުޑަ ހެދުން އަޅައިގެން ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށުގައި ރަށު ތެރޭގައި އުޅުމަކީ ޓޫރިޒަމް މިނިސްޓްރީން މަނާކޮށްފައިވާ ކަމެކެވެ.

ގެސްޓްހައުސް ހިންގާ ބައެއް ރަށްތަކުގައި ފަތުރުވެރިން ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅޭ މައްސަލަތައް ދިމާވެ އެވެ. އަދި އެއީ ބައެއް މީހުންގެ ކަންބޮޑުވުން އޮންނަ މައްސަލަ އެކެވެ.