ޒަކާތް

މުދަލު ޒަކާތް ދެއްކި އަދަދު 40 ޕަސެންޓް އިތުރު ވެއްޖެ

May 20, 2021

މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތް ނެރުނު އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު 40 ޕަސެންޓް އިތުރު ވެއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ އެޕްރީލްގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ނެރެފައިވަނީ 23 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އެޕްރީލް މަހާ ހަމައަށް މުދަލު ޒަކާތުގެ ގޮތުގައި 13 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް 40 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު އެޕްރީލްއާ ހަމައަށް މުދަލު ޒަކާތުގެ ގޮތުގައި ނެރުނު އަދަދު ދަށްވެފައިވަނީ މި މުއްދަތާ ހަމައަށް އައިއިރު ރާއްޖެ ލޮކްޑައުންކޮށްފައި އޮތުމުން ކަމަށް ބެލެވެ އެވެ.

ރާއްޖޭގައި ކުރިން މުދަލު ޒަކާތް ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން މީރާ އަށް ވަނީ ބަދަލު ކޮށްފަ އެވެ. މުދަލުގެ ޒަކާތަކީ އެ މީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުލެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.

ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސޯބު އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރުގެ ކުރީކޮޅު ވަނީ ކަނޑައަޅާފަ އެވެ. ކޮންމެ އަހަރަކު ވެސް އިސްލާމިކް މިނިސްޓްރީން އެ އަހަރަކު މުދަލު ޒަކާތް ވާޖިބުވާ ނިސޯބެއް ކަނޑައަޅަ އެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ނުވަވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސޯބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 6،961.50ރ. އެވެ.