ހަބަރު

މިދިޔަ މަހުގެ ނިޔަލަށް މުދަލު ޒަކާތް ދެއްކި އަދަދު 15 ޕަސެންޓް ދަށަށް

Dec 27, 2020
6

މި އަހަރު މުދަލު ޒަކާތް ދެއްކި އަދަދު 15 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

ދައުލަތަށް ލިބޭ ޓެކްސް ބަލަ ގަންނަ މައި އިދާރާ ކަމަށްވާ މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައްކާފައި ވަނީ 54 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު 64 މިލިއަން ރުފިޔާ ބަލައިގެންފައިވެ އެވެ. މިއީ ގާތްގަނޑަކަށް 15 ޕަސެންޓުގެ ދަށްވުމެކެވެ.

މި އަހަރު މުދަލު ޒަކާތް ދެއްކި އަދަދު ދަށްވިއިރު، މިދިޔަ މަހު މުދަލު ޒަކާތް ދެއްކި އަދަދު ވެސް ވަނީ ދަށަށް ގޮސްފަ އެވެ. މިދިޔަ މަހު މުދަލުގެ ޒަކާތުގެ ގޮތުގައި މީރާ އަށް ބަލައިގެންފައި ވަނީ ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ހަ މިލިއަން ރުފިޔާ ބަލައިގެންފައިވެ އެވެ.

ރާއްޖޭގައި ކުރިން މުދަލު ޒަކާތް ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން ވަނީ މުދަލު ޒަކާތް ބަލައިގަތުން މީރާ އަށް ބަދަލު ކޮށްފަ އެވެ. މުދަލުގެ ޒަކާތަކީ އެ މީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުލެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.

ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސޯބު އިސްލާމިކް މިނިސްޓްރީން މި މަހުގެ ކުރީކޮޅު ވަނީ ކަނޑައަޅައިފި އެވެ. ކޮންމެ އަހަރަކު ވެސް އިސްލާމިކް މިނިސްޓްރީން އެ އަހަރަކު މުދަލު ޒަކާތް ވާޖިބުވާ ނިސޯބެއް ކަނޑައަޅަ އެވެ. މި ނޮވެންބަރު މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސޯބަކީ 6961.50ރ. އެވެ.