ޒަކާތް

ފުރަތަމަ ތިން މަހު މުދަލު ޒަކާތަށް 15 މިލިއަން ރުފިޔާ

Apr 17, 2022

މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ތިން މަހު 15.9 މިލިއަން ރުފިޔާ ނެރެފި އެވެ.

އެއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ލިބުނު އަދަދާ އަޅާބަލާއިރު 2.7 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު މުދަލު ޒަކާތުގެ ގޮތުގައި ނެރެފައި ވަނީ 13.2 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ފުރަތަތަމަ ތިން މަހުގެ ތެރެއިން މުދަލުގެ ޒަކާތުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. އެ މަހު މުދަލު ޒަކާތުގެ ގޮތުގައި ހަތް މިލިއަން ރުފިޔާ ދެއްކި އިރު ފެބްރުއަރީ މަހު 2.9 މިލިއަން ރުފިޔާ ދެއްކި އެވެ. އަދި މިދިޔަ މާޗް 5.9 މިލިއަން ރުފިޔާ ނެރުނެވެ.

މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 90.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރަކީ އެންމެ ގިނައިން މުދަލު ޒަކާތް ދެއްކި އަހަރެވެ.

މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އަދި މީރާއަށް ގޮސްގެން ވެސް މުދަލުގެ ޒަކާތް ދެއްކެ އެވެ. މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފަ އެވެ.

މުދަލު ޒަކާތް ވާޖިބުވާ ނިސޯބު ކަނޑައަޅަނީ މިނިސްޓްރީންނެވެ. ނިސޯބު އެންމެ ފަހުން ކަނޑައަޅާފައި ވަނީ މިދިޔަ މާޗް މަހުގެ 17 ވަނަ ދުވަހު އެވެ. އެގޮތުން ރާއްޖޭގައި މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަކީ 7،241.15 ރުފިޔާ އެވެ.

ރާއްޖޭގައި މުދަލު ޒަކާތުގެ ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިން ކަނޑައެޅުމުން އެ އަގުތަކަށް ބަލައިގެނެވެ.