ވިޔަފާރި

މުދަލު ޒަކާތް ދެއްކި މިންވަރު 24 ޕަަސެންޓް ދަށަށް

Oct 4, 2020

މި އަހަރުގެ މިހާތަނަށް ރާއްޖޭގައި މުދަލުގެ ޒަކާތް ދެއްކި މިންވަރު 24 ޕަަސެންޓް ދަށް ވެއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އޯގަސްޓް މަހުގެ ނިޔަލަށް މީރާއަށް މުދަލު ޒަކާތުގެ ގޮތުގައި ބަލައިގެންފައި ވަނީ 33.3 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި 44 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

އޯގަސްޓް މަހު އެކަނި މުދަލު ޒަކާތުގެ ގޮތުގައި 8.3 މިލިއަން ރުފިޔާ މި އަހަރު ދެއްކިއިރު، މިދިޔަ އަހަރުގެ އޯގަސްޓް މަހު ދައްކާފައި ވަނީ 9.5 މިލިއަން ރުފިޔާ އެވެ.

މީރާއިން ވަނީ އެ އޮތޯރިޓީގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން ވަނީ މުދަލު ޒަކާތް ބަލައިގަތުން މީރާ އަށް ބަދަލު ކޮށްފަ އެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުލެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.