ޝަންގަރިއްލާ އިން މާލޭގައި ހިންގަމުން ގެންދާ ޓްރޭޑާސް ހޮޓާ މަޝްހޫރު "ޖެން" ބްރޭންޑަށް ރީ-ބްރޭންޑްކޮށްފި އެވެ.
"ޖެން ހޮޓެލް- މާލެ" އަށް ރީ- ބްރޭންޑު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހޮޓަލުގެ ނަން ބޯޑުގެ ފަރުދާ ކައްސަވާލަ ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
ޓްރޭޑާސް ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ މިއަދު ސަރުކާރުން ގެނެސްދެނީ ޓޫރިޒަމްގެ މުޅިން އާ ސަފުހާއެއް ކަމަށެވެ. އަދި މި ބްރޭންޑްގެ ސަބަބުން މާލެއަށް އިތުރު ލައިފް ސްޓައިލް ބްރޭންޑްތަކެއް އަންނާނެ ކަމަށެވެ.
"ރީބްރޭންޑް ކުރެވުނު ހޮޓަލަކީ މައިސް ޓޫރިޒަމަށް (ޓްރާންސިޓް ޓޫރިސްޓުން) ނަށް ވަރަށް ބޮޑު ފަސޭހައެއް ވެގެން ދާނެ ހޮޓަލެއް. ހަމައެއާއެކުގައި ފާހަގަ ކޮށްލަން ޖެހޭ ނިމިދިޔަ އަހަރު 30 އާއި 40 ހާ ދެމެދުގެ އަދަދަކަށް ބަޖެޓު ހޮޓާ ހުޅުވުނު،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް ޖެއްސި މަތިންދާ ބޯޓުގެ އަދަދުވެސް އިތުރުވެ 1.4 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
"ރާއްޖޭގެ ބަނދަރަށް ކޯލްކުރި ބޯޓުގެ އަދަދުވެސް އިތުރުވެއްޖެ. މީގެން އެންގެނީ ރާއްޖޭގެ ވިޔަފާރި ފުޅާވަމުން ދާކަން. ހާއްސަކޮށް ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާވަމުންދާކަން،" ސައީދު ވިދާޅުވި އެވެ.
ޓްރޭޑާސް ހޮޓާ މީގެ ކުރިންވެސް ރީބްރޭންޑް ކޮށް މެނޭޖުމަންޓު ވެސް ބަދަލުވެފައިވެ އެވެ. އެފަހަރު ވަނީ ކުރިން "ހޮލިޑޭ އިން" ކުންފުނިން ހިންގަމުން ދިޔަ ހޮޓަލުގެ މެނޭޖުމަންޓް ސަންގްރިއްލާއަށް ބަދަލުކޮށްފަ އެވެ. ނަމަވެސް މި ފަހަރު މި ގެނައި ބަދަލާއެކު މެނޭޖުމަންޓަށް އެއްވެސް ބަދަލެއް ގެނެސްފަ އެއް ނުވެ އެވެ.
ޓްރޭޑާސް ހޮޓެލްގެ ޖެނަރަލް މެނޭޖަރު ވަތްލަސާ ސްބްރަމާނިއަމް ވިދާޅުވީ ޖެން ހޮޓެލްސް މާލެއަށް ހޮޓާ ރީ-ބްރޭންޑް ވުމާއެކު ފެނިގެންދާނެ އެންމެ ބޮޑު އެއް ބަދަލަކީ މިހާރަށްވުރެ ގާތުން ހިދުމަތް ދެވުން ކަމަށެވެ.
"ރީބްރޭންޑިންގެ ބޭނުމަކީ ޓޫރިސްޓުން ބޭނުންވާ ގޮތަށް ހިދުމަތް ދޭން ފެށުން. މީގެ ސަބަބުން ފެންނާނެ ޓޫރިސްޓުންނާ ގާތުން ހިދުމަތް ދޭތަން،" ވަތްލަސާ ވިދާޅުވި އެވެ.
ރާއްޖޭގައި ރިސޯޓް ހިނަގްމުން ގެންދާ ސަންގްރިއްލާއިން ފަސް ބްރޭންޑެއްގެ ދަށުން ވިޔަފާރި ހިންގަ އެވެ. "ޖެން ހޮޓެލް" އަކީ އެ ކުންފުނީގެ ހޮޓެލް ބްރޭންޑެވެ. ރާއްޖޭގެ ޓްރޭޑާސް ހޮޓަލަކީ ޖެން ބްރޭންޑަށް ބަދަލު ކުރި ހަތް ވަނަ ހޮޓެލެވެ.