ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑުން ސަލާމަތްވާ މީހުންގެ ނަފްސާނީ ހާލަތު ޑޮކްޓަރެއްގެ ޕޯސްޓަކުން

މިއީ ކޮވިޑް-19 ޖެހޭ ބަލި މީހުންނަށް ފަރުވާ ކުރާ މެލޭޝިއާ ޑޮކްޓަރަކު އޭނާގެ އިންސްޓަގްރާމް ޕޭޖުގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ. ދުނިޔޭގެ ގިނަ ގައުމުތައް ފަދައިން މެލޭޝިއާ އަކީ ވެސް ކޮވިޑްގެ ބަލިމަޑުކަމާ ހަނގުރާމަކުރަން ޖެހިފައިވާ ގައުމެކެވެ.

ޑރ. ޓިމޮތީ ލައު ފާހަގަ ކޮށްފައިވަނީ ކޮވިޑް ޖެހި ރަނގަޅުވާ ބައެއް މީހުންނަށް ނަފްސާނީ ގޮތުން ދިމާވާ އުނދަގޫތަކެއްގެ ވާހަކަ އެވެ. އެމީހުންގެ ފަރާތުން އެހެން މީހަކަށް ބަލިއަރައި އެމީހެއްގެ ފުރާނަ ދިއުމުން އެ ކުރެވޭ ކުށްވެރިއެއްގެ އިހްސާސެވެ. މިކަން ތަހައްމަލުކުރާ ގިނަ މީހުންނަށް މިއީ ވަރަށް ބޮޑު ނަފްސާނީ އުނދަގުލަކަށް ވެއެވެ. މި ބައްޔަކީ އޭނާ ގަސްދުގައި އެހެން މީހަކަށް ދިން އެއްޗަކަށް ނުވިޔަސް އަނެއް މީހާއަށް ބަލިޖެހެން މެދުވެރިވީ އޭނާގެ ސަބަބުން ކަމަށް އެނގި އަދި އެމީހާ އެ ބަލީގައި ދުނިޔެ ދޫކޮށްފިނަމަ ބަޔާންކުރަން ވެސް ނޭނގޭ ކަހަލަ ނަފްސާނީ އުނދަގޫތަކާ އެމީހުންނަށް ކުރިމަތިވާ ވާހަކަ އެވެ.

ކުއާލާ ލަމްޕޫރުގެ ހޮސްޕިޓަލެއްގެ ކޮވިޑް ވޯޑެއްގައި މަސައްކަތްކުރާ ޑރ. ޓިމޮތީ ޝެއާކޮށްފައިވަނީ މިފަދަ ހާދިސާ އެކެވެ.

ކޮވިޑް ވޯޑުގައި ޕީޕީއީ ކިޓްގައި ހުރި ޑރ. ޓިމޮތީގެ ފޮޓޮއެއް ވެސް އޭނާ މި ޕޯސްޓްގައި ޝެއާކޮށްފައިވެ އެވެ. ވަރުބަލިވެގެން ގޮސް މޭޒުގައި ބޯ އަޅާލައިގެން ޑޮކްޓަރު އޮއްވާ ނަގާފައިވާ ފޮޓޯ އެކެވެ.

ޑރ. ޓިމޮތީ ޝެއާ ކުރެއްވީ އެ ވަގުތު އޭނާ ޓިއުބުތައް ގުޅައި ނިންދެވުމަށް ތައްޔާރުވަމުންދިޔަ ބަލިމީހެއްގެ ވާހަކަ އެވެ.

"މިއަދުގެ އަހަރެން މި ޝެއާކުރާ ވާހަކައަކީ އަހަރެން ޓިއުބުތައް ގުޅައި ނިންދަވަން ތައްޔާރުވަމުންދިޔަ ކޮވިޑް ބަލި މީހެއްގެ ވާހަކަ. އަހަރެން އަބަދުވެސް ބަލިމީހާ ވެންޓިލޭޓަރަށް ލުމުގެ ކުރިން ނުވަތަ ޓިއުބުތައް ގުޅައި ނިންދެވުމުގެ ކުރިން އޭނާ އެންމެ ވާހަކަ ދައްކާލަން ބޭނުންވާ މީހަކާ ވާހަކަ ދައްކާލުމުގެ ފުރުސަތު ދެން. އެގޮތުން އަހަރެން އެދުވަހު ނިންދަވަން ތައްޔާރުވަމުންދިޔަ ދުވަސްވީ އަންހެނަކަށް އޭނާގެ ފިރިހެން ދަރިފުޅާ ވާޙަކަ ދައްކާލުމުގެ ފުރުސަތު އަހަރެން ދިނިން. އަންހެން މީހާ އޭނާ ދަރިފުޅު ކައިރީގައި ބުނި ގެއަށް ކޮވިޑް ގެނައީ ދަރިފުޅޭ ބުނެ ދަރިފުޅުގެ ބޮލުގައި އެ އިލްޒާމް ނާޅުވަމޭ މަންމައެއް. އަދި މަންމައަށް ނުހޭލެވުނަސް ދަރިފުޅު ވެސް އަމިއްލައަށް ދަރިފުޅަކީ ކުށްވެރިއެއް ކަމަށް ދެކި އެ އިލްޒާމް ބޮލުގައި ނާޅައްޗޭ،" ޑރ. ޓިމޮތީ ލިޔުއްވާފައިވެ އެވެ.

ޖަޒުބާތުން ފުރިފައިވާ މި މެސެޖަކީ ހަގީގަތުގައި ވެސް ކޮވިޑްގެ ބަލި ތަހައްމަލުކުރަމުންދާ އާއިލާތަކުގެ ގިނަ ބަޔަކަށް ނަފްސާނީ ގޮތުން މިހާރު އުނދަގޫ ކުރާ މުހިއްމު ކަމަކާ ގުޅޭ ވާހަކަ އެކެވެ.

ބަލިން ރަނގަޅުވާ މީހުންގެ ތެރެއިން ގިނަ ބަޔަކު އެމީހުންގެ ލޯބިވާ މީހުންގެ މަރުގެ ޒިންމާ އަމިއްލަ ބޮލުގައި އަޅައި އެކަމާ ހިތާމަ ކުރެ އެވެ. މިއީ ކޮވިޑް ބަލިމަޑުކަމުގެ އެންމެ ބޮޑު ސައިކޮލޮޖިކަލް އިފެކްޓްސް އެވެ.