ހަބަރު

ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން އެމްޑީޕީ މަރުހަބާ ކިޔާފި

ރައީސް އަބްދުﷲ ޔާމިން އަވަހާރަކޮށްލަން މަސައްކަތްކޮށް ގިނަ އަދަދެއްގެ ހަތިޔާރުތަކެއް ފެނުމާ ގުޅިގެން މުޅި ރާއްޖެއަށް އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މަރުހަބާ ކިޔާފި އެވެ.

ގާނޫނު އަސާސީ 253 ވަނަ މާއްދާއަށް ރިއާޔަތްކޮށް ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އިއުލާން ކުރެއްވީ މި މަހުގެ ހަތަރު ވަނަ ދުވަހު މެންދުރު 12:00 ޖެހި އިރު އެވެ. އަދި ހަ ދުވަހާ ހަތަރު ގަޑިއިރު ފަހުން މިއަދު ހަވީރު 5:00 ޖެހާއިރު ވަނީ ކުއްލި ހާލަތު އުވާލާފަ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެޕާޓީ އިން ގަބޫލުކުރާ ގޮތުގައި މިސަރުކާރުން މީގެ ހަދުވަސް ކުރިން ކުއްލި ނުރައްކަލުގެ ހަލަތު އިއުލާނު ކުރީ ސިޔާސީ ބޭނުމަކަށް ކަމަށާއި އެއީ މިދިޔަ ހުކުރު ދުވަހު ބާއްވަން ހަމަޖައްސާފަ އޮތް މުޒާހަރާ ހުއްޓުވުމަށާއި ނައިބު ރައީސް ކަމުން އަހުމަދު އަދީބު ވީހާވެސް އަވަހަކަށް ދުރުކުރުވުމަށް ކުރި ކަމެއް ކަމަށެވެ. ނަމަވެސް ސަރުކާރުން ކުއްލި ހާލަތު އުވާލުމަށް ނިންމި ނިންމުމަށް އެމްޑީޕީ އިން މަރުހަބާ ކިޔާކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.

އަދި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ސަބަބުން ރާއްޖޭގެ ޓުވަރިސަމް ދާއިރާއަށް ބޮޑެތި ގެއްލުން ތަކެއް ލިބި އެހެން ގައުމުތަކު މެދުގައި ރާއްޖޭގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހަނިވެފައިވާ އަސާސީ ހައްގުތަށް އަލުން ގެނެއުމަށް އެޕާޓީ އިން ވަނީ ގޮވާލައިފައެވެ.