ދުނިޔެ

"އެމެރިކާ ސާބިތު ކޮށްދިނީ އަހުވަންތަކަން"

އިޒްރޭލުން ވަރަށް ބޮޑަށް އެމެރިކާއަށް ތައުރީފުކޮށް ޝުކުރު އަދާކޮށްފި އެވެ. އިޒްރޭލުގެ ފޮރިން މިނިސްޓަރު ގަބީ އަޝްކެނާޒީ ވިދާޅުވީ އިޒްރޭލަށް ދިމާވާ ދަތި އުނދަގޫ ވަގުތުތަކުގައި އެމެރިކާއިން ސާބިތު ކޮށްދެނީ އަޚުވަންތަކަން ކަމަށާއި އެމެރިކާއަކީ ބޮޑުބޭބެއެއް ފަދަ ކަމަށެވެ. އޭނާ ވިދާޅުވީ އެމެރިކާއިން އިޒްރޭލަށް އެހީތެރި ވަނީ ބަދަލަކަށް އެދިގެން ނޫން ކަމަށާއި އަޅާލުމާއި ލޯތްބަކީ އެއީ ކަމަށެވެ.

އިޒްރޭލްގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަށް ކަށަވަރު ކުރުމަކީ އިޒްރޭލުން ކޮންމެ އަގެއްގައި ނަމަވެސް ކުރަންޖެހޭ ކަމެއް ކަމަށް އެމެރިކާ ގަބޫލު ކުރުމަކީ އިޒްރޭލަށް އެމެރިކާ ކުރާ އިތުބާރު ކަމަށް ވެސް އަޝްކެނާޒީ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމެރިކާއަށް ޝުކުރު ހައްގުވަނީ އެހުރިހައި ކަމަކާ ހެދި ކަމަށެވެ.

އިޒްރޭލުގެ ސަލާމަތާ ރައްކާތެރި ކަމަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ ނަމަ އެކަމަކާ ކުރިމަތިލައި އަދި ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކުރުމަކީ ވެސް އިޒްރޭލަށް ލިބިފައި އޮތް ހައްގެއް ކަމަށް އެމީހުން ގަބޫލުރެ އެވެ.

އަޝްކެނާޒީ ވިދާޅުވީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިކެން އިޒްރޭލަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައި އޮތް އޮތުމަކީ ވެސް އިޒްރޭލާ މެދު އެމެރިކާ ގެންގުޅޭ ގާތްކަން ކަމަށާއި އެމަނިކުފާނަށްޓަކައި މުޅި އިޒްރޭލު ތައްޔާރު ކަމަށެވެ.

އެމެރިކާގެ ރައިސްކަމާ ޖޯ ބައިޑަން ހަވާލުވެ ވަޑައިގެން އިޒްރޭލާއެކު ގެންދަވަނީ ސިޔާސަތުތައް އެކުލަވާލައްވަމުންނެވެ. އެންތަނީ ބްލިންކެންގެ ދަތުރުފުޅަކީ ވެސް މެދުއިރުމަތީގައި އެމެރިކާއާ އިޒްރޭލު ގެންގުޅޭނެ ސިޔާސަތުތައް ފަރިތަކޮށްލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އީރާންއާއެކު ގުޅުން ގާއިމު ކުރުމާއި އަރަބި ވަކިވަކި ދައުލަތްތަކާއެކު ގެންގުޅޭ ސިޔާސަތުތަކާ ބެހޭ ގޮތުން ވެސް އެމެރިކާއާ އިޒްރޭލު މަޝްވަރާ ކުރާނެ އެވެ.

އެމެރިކާއިން ބުނީ އިޒްރޭލުގެ ސަލާމަތަށް އެހީތެރިވެދޭނެ ކަމަށާއި ޒަމާނީ ހަތިޔާރު ވެސް ސަޕްލައި ކޮށްދޭނެ ކަމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ފަލަސްތީންގެ ގާޒާއަށް 11 ދުވަސް ވަންދެން ހަމަލާތައް ދިނުމަށް ފަހު މިހާރު ވަނީ ހަމަލާތައް ހުއްޓާލާފަ އެވެ. އެ ހަމަލާތަކުގައި ގާޒާއަށް ވަރަށް ބޮޑަށް ގެއްލުންތައް ލިބިފައިވެ އެވެ. އާންމުންގެ ތެއިން މަރުވި މީހުން 200 ފަހަނައަޅާފައި ވާއިރު ކުޑަކުދިންނާއި އަންހެނުން އަދި އުމުރުން ދުވަސްވީ މީހުން މަރުވި އަދަދު ބިރުގަންނަ ވަރު ވަނީ ވެފަ އެވެ.