ބޮލީވުޑް

"ޑިސްކޯ ޑާންސް"ގެ މިއުޒިކަލްއެއް އުފައްދަނީ

މިތުން ޗަކުރަބަތީގެ ވަރަށް މަޝްހޫރު ފިލްމެއް ކަމަށްވާ "ޑިސްކޯ ޑާންސާ" ގެ މިއުޒިކަލް އެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިއުޒިކް ޑައިރެކްޓަރު ސަލީމް ބުނެފި އެވެ.

މިއުޒިކް ޑައިރެކްޓަރު ޖޯޑު ސަލީމް-ސުލައިމާންގެ ތެރެއިން ސަލީމް ބުނި ގޮތުގައި އަންނަ ނޮވެމްބަރު ހިސާބުގައި މި މިއުޒިކަލް ރިލީޒް ކުރެވޭތޯ އެމީހުން ދަނީ މަސައްކަތް ކުރަމުންނެވެ.

އޭނާ ބުނި ގޮތުގައި މި މިއުޒިކަލްގެ މަސައްކަތް މިދިޔަ އަހަރުގެ މޭ މަހު ވަނީ ފަށާފަ އެވެ. ނަމަވެސް ލޮކްޑައުންގެ ސަބަބުން ނުނިމި ލަސްވީ އެވެ.

އަހަރެން "ޑިސްކޯ ޑާންސާ" ގެ މަސައްކަތް އަނެއްކާ ވެސް މި ފަށަނީ. ފިލްމުގެ ކުރޫންގެ ތެރެއިން އެއްބަޔަކު ވެކްސިން ޖަހައިފި. އަނެއް ބަޔަކު އަދި ނުޖަހާ. އެންމެންނަށް އެންމެ މަދުވެގެން ފުރަތަމަ ޑޯޒް ޖެހުނީމަ މަސައްކަތް ފަށާނީ،" ސަލީމް ބުންޏެވެ.

"ޑިސްކޯ ޑާންސާ" ގެ މިއުޒިކަލް އުފައްދަން ގަސްތުކުރި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން ސަލީމް ބުނީ އެ ފިލްމަކީ މިތުންގެ އެންމެ ކާމިޔާބު ފިލްމު ކަމަށާއި ފިލްމުގެ ހުރިހާ ލަވަތައް ވެސް ވަރަށް ހިޓްވެފައިވާ ކަމަށެވެ. ފިލްމުގައި ހިމެނޭ ޑިސްކޯ ލަވަތަކުގެ ސްޓައިލް ދުވަހަކު ވެސް ބާ ނުވާނެ ކަމަށާއި އެހެންވެ އެމީހުން ތައްޔާރުކުރާ މިއުޒިކަލް ވެސް މީހުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

"އަހަރެމެން ވާނީ ބީ. ސުބާޝް އަތުން 'ޑިސްކޯ ޑާންސާ' ގެ ކޮޕީރައިޓްސް ހޯދާފައި،" ސަލީމް ބުންޏެވެ.