ބޮލީވުޑް

އިންޑީއަން އައިޑަލް ހޯސްޓް އަދިތުޔާ ޓީވީ ޝޯތަކާ ވަކިވަނީ

ސޮނީ ޓީވީގެ އިންޑިއަން އައިޑަލް 12 މިހާރު ހޯސްޓް ކުރަމުންދާ ޓެލެވިޒަން ޕްރެޒެންޓާ އަދި ލަވަކިޔުންތެރިޔާ އަދިތުޔާ ނާރަޔަން ޓީވީ ޝޯތަކުގެ މަސައްކަތް ހުއްޓާލަން ނިންމާފައިވާ ކަމަށް ބުނެފި އެވެ. އޭނާ ބުނި ގޮތުގައި 2022ގެ ފަހުން އޭނާ ޓީވީ ޝޯތަކަކުން ނުފެންނާނެ އެވެ. އެއީ މިއުޒިކް ކެރިއަރަށް އިސްކަން ދިނުމުގެ ގޮތުން ކަމަށް ވެސް އަދިތުޔާ ބުންޏެވެ.

އަދިތުޔާ ބުނަނީ މިއުޒިކާއި ލަވަ ކިއުމަކީ އޭނާ އެންމެ ލޯބިވާ ކަންތައް ކަމަށެވެ. އެހެންކަމުން އޭނާއާ މުޚާތަބުކޮށް ކާމިޔާބު ޓީވީ ޝަހްސިއްޔަތެކޭ ކިއުމަށް ވުރެ މިއުޒީޝަނަކަށް ވާން މަސައްކަތްކުރާ މީހެކޭ ކިޔުން މާ ހިތްހަމަޖެހޭ ކަމަށެވެ.

އަދިތުޔާ ޓީވީ ކެރިއަރު ފެށީ އުމުރުން 18 އަހަރުގަ އެވެ. ފުރަތަމަ އޭނާ ހޯސްޓްކުރީ ޒީ ޓީވީގެ "ސާ ރޭ ގާ މާ ޕާ" އެވެ. އޭރު ހޯސްޓްކުރި ކޮންމެ އެޕިސޯޑަކަށް އޭނާއަށް ލިބުނީ 7500 ރުޕީސް އެވެ. މިހާރު ކޮންމެ އެޕިސޯޑަކަށް ބޮޑު އަގެއް އޭނާ ޗާޖްކުރެ އެވެ.

"ޓީވީ ޝޯ ހޯސްޓްކުރަން ފެށިއިރު އަހަންނަށް ލިބެނީ އެޕިސޯޑަކަށް 7500 ރުޕީސް. މިހާރު ކްރޯޑުން އަހަންނަށް އެބަ ހުށަހަޅާ ޝޯތައް ހޯސްޓް ކޮށްދޭން. އެހެންވެ ނޫނެކޭ ބުނަން ވެސް އުނދަގޫ ކަމަކަށް ވަނީ. މި ހުރިހާ ދުވަހު މި މަސައްކަތްކޮށް ފައިސާ އެއްކުރީ އަހަރެންގެ އަމިއްލަ މިއުޒިކް ލޭބަލް އެއް ލޯންޗުކުރަން. އަހަރެންގެ އަމިއްލަ މިއުޒިކް ވީޑީއޯތައް އުފައްދައި އެ ވީޑިއޯތަކުގެ ލަވަތައް ކިޔައި ހަދަން. މިހާރު އެ ވަރަށް ފައިސާ އެއް ކުރެވުނީމަ ޓީވީ މަސައްކަތާ ދުރުވާން ބޭނުންވީ،" އަދިތުޔާ ބުންޏެވެ.

އަދިތުޔާ ބުނި ގޮތުގައި ޓީވީގައި މަސައްކަތް ކޮށްގެން އޭނާ ގެއަކާއި ފާމް ހައުސް އަކާއި ކާރު ފަދަ ތަކެތި ވެސް ގަނެފި އެވެ. ދެން ބޭނުންވަނީ މިއުޒިކް ލޭބަލް އެކެވެ.

"އަހަރެން ޓީވީ ހޯސްޓެއްގެ ގޮތުގައި އަބަދު ފެންނާތީ އަހަރެންނަކީ ލަވަކިޔުންތެރިއެއްކަން ގިނަ މީހުން ހަނދާން ނެތިއްޖެ. އެހެންވެ ދެން ބޭނުންވަނީ ލަވަކިޔުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަން. ޓީވީގައި މަސައްކަތް ކުރަމުން އެކަމެއް ނުވޭ،" އަދިތުޔާ ބުންޏެވެ.