ހުސައިން ޝަމީމް

އީސައަށް ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކުރެވޭނީ ހެކި ލިބިގެން: ޝަމީމް

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ މައްޗަށް ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކުރަން އެކަށީގެންވާ ވަރަށް ހެކި ބޭނުންވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް އެފަދައިން ވިދާޅުވެފައި ވަނީ މީހަކު ޓްވިޓާގައި ފާޅުކުރި ޝުއޫރަކާއި ގުޅިގެންނެވެ. އެމީހާ ބުނެފައި ވަނީ މީގެ ކުރިން ހިނގި ގެވެށި އަނިޔާގެ މައްސަލައެއްގައި މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތު ވެސް ކުރި ކަމަށެވެ. އަދި މިހާރު ހިނގައިގެން އުޅޭ މައްސަލައިގައި ވެސް އެފަދަ ތުހުމަތެއް އީސަގެ މައްޗަށް ކުރެވޭނެ ކަމަށެވެ.

އެކަމަށް ޖަވާބު ދެމުން ޝަމީމް ވިދާޅުވެފައި ވަނީ ގެވެށި އަނިޔާގެ މައްސަލައެއްގައި މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތު ކޮށްފައިވާ ކަމަށެވެ. އޭރު އެ ތުހުމަތެއް ކޮށްފައިވަނީ އެކަން ސާބިތުވާވާރުގެ ހެކި ހުރެގެން ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ އީސަގެ މައްސަލައިގެ ތަހުގީގު އަދި ފެށުނީ ކަމަށާ އެހެން ކަމުން ހެކި ހޯދަން އަދި ވަގުތު ބޭނުންވާ ކަމަށެވެ.

"ޖުލައި 1، 2020 ގައި އަންހެނެއްގެ އަނގަޔަށް ބާރުގަދަ ކެމިކަލެއް އަޅައި އެ އަންހެންމީހާގެ ހަށިގަނޑަށް ގެއްލުންދީ މަރާލަން އުޅުނު މައްސަލާގައި އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް މީހަކު މަރާލަން އުޅުމާއި އަނިޔާއެއް ދިނުމާއި ހުއްދަނެތި ގެއަކަށްވަނުމުގެ ދައުވާކުރި،" ޝަމީމްގެ ޓްވީޓްގައި ވިދާޅުވިއެވެ.

މެމްބަރު އީސަވެސް އޭނާގެ ތުއްތު ދަރިފުޅު އިމާރާތުން ވައްޓާލަން އުޅުނު ކަމަށް އަޑުފެތުރިފައިވެއެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން އީސަވެސް އަދި އޭނާގެ ދަރިފުޅުގެ މަންމަ އަސޫވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. މައްސަލައިގެ ބާވަތުން އީސަ ތަހުގީގަށް ހައްޔަރުކޮށްދިނުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގެ އަމުރެއް ހޯދުމަށް އެދުމުން އެ ކޯޓުން ވަނީ އެއަމުރު ނެރެނުދޭން ނިންމާފަ އެވެ.

ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު އަމުރު ނެރެނުދޭން ނިންމާފައި ވަނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާގައި، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރުމުގައި ނުވަތަ ބަންދުގައި ބެހެއްޓޭނެ ސަބަބުތަކުގެ ތެރޭގައި ތަހުގީގުގެ ބޭނުމަށް ބަންދުގައި ބެހެއްޓުން ނުހިމެނޭ ކަމަށް ބުނެ އެވެ.

އީސަގެ މައްޗަށް ކުރާ ގެވެށި އަނިޔާގެ ތުހުމަތުތަކަށް އޭނާ ވަނީ ދެކޮޅު ހައްދަވާފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައިނުވާނެ ކަމަށެވެ.