މޯލްޑިވްސް ޕޮލިސް ސާވިސް

ފާތިހު ފުލުހުންގެ ވަޒީފާގައި އުޅުނު، ވަކިވީ އަމިއްލައަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ބޮމުގެ ހަމަލާގައި ދިނުމުގައި ބައިވެރިވުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އަހްމަދު ފާތިހު ފުލުހުންގެ ވަޒީފާގައި އުޅުނު ކަމަށާ އޭނާ އެ ވަޒީފާއިން ވަކިވީ އަމިއްލައަށް ކަމަށް ފުލުހުން ބުނެފި އެވެ.

ލ. ގަމަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ފާތިހު ހައްޔަރުކުރީ ބ. ދަރަވަންދޫ އިންނެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ފާތިހުއަކީ ފުލުހުންގެ ވަޒީފާގައި ކުރީން އުޅުނު މީހެއް ކަމަށެވެ. އޭނާ ފުލުސް ވަޒީފާ ދޫކޮށްލީ މި އަހަރު އެވެ. ވަޒީފާއިން ވަކިވީ އަމިއްލައަށް ކަމަށްވެސް މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

ފާތިހު އަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ހަތަރު ވަނަ މީހާ އެވެ. ނަމަވެސް އެ ހަމަލާ އާއި އޭނާ އާއި އޮތް ގުޅުން ފުލުހުން ހާމަކޮށްދީފައެއް ނުވެ އެވެ. އޭނާ އަކީ ހަމަލާ ދިން ތަނުގައި ސައިކަލު ބެހެއްޓި މީހާ ކަމަށް ބުނެއެވެ.

މި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ގެންދަނީ ރާއްޖޭގެ އެކި ސަރަަހައްދުގައި އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އައްޑޫ އިން ހައްޔަރުކޮށްފައިވާ ނުވަ މީހުން، ރައީސް ނަޝީދަށް ދިން ހަމަލާއާއި އެއްވެސް ގުޅުމެއް ވޭތޯ ފުލުހުން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން މީގެ ކުރިން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ އައިއީޑީ ގޮއްވާލި ކަމުގެ ތުހުމަތު އޮތް ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދާއި މއ. ފޭރުގެ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. އަދި މުޖާޒް އަކީ އެ ހަމަލާއަށް ފަހު އަދުހަމްއާ ބައްދަލުކުރި މީހެކެވެ.