ސުޓޫޑެންޓް ލޯން ޕްރޮގްރާމް

ސްޓޫޑަންޓް ލޯން ލިބޭ ދަރިވަރުންގެ ލިސްޓު އަންނަ ހަފްތާގައި ނެރެނީ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު ހުޅުވާލި ސްޓޫޑަންޓް ލޯން ސްކީމަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯން ލިބޭ ދަރިވަރުންގެ ލިސްޓު މި ފެށޭ ހަފްތާގައި އާންމުކުރަން ނިންމައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިފެށޭ ހަފްތާގައި ލޯން ލިބޭ ދަރިވަރުންގެ ނަންތަކާއެކު ވަގުތީ ލިސްޓެއް އާންމު ކުރައްވާނެ ކަމަށެވެ.

ލޯން ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓެއް މީގެ ކުރިން ނުނެރެ އެވެ. ނަމަވެސް މި ފަހަރު ވަގުތީ ލިސްޓެއް ނެރެން ނިންމީ ޝަކުވާ ހުށަޙެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވަގުތީ ލިސްޓަށް ލިބޭ ޝަކުވާތަކަށް ބެލުމަށް ފަހު ދާއިމީ ލިސްޓު ނެރޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިފިޔަ ފެބްރުއަރީ މަހު ހުޅުވާލި ލޯން ސްކީމްގެ ދަށުން 770 ފުރުސަތު ހުޅުވާލި އެވެ. މިއީ މިހާތަނަށް އެންމެ ގިނައިން ލޯންގެ ފުރުސަތު ހުޅުވާލި ފަަހަރުވެސް މެއެވެ. މިދިޔަ އަހަރު ހުޅުވާލީ 550 ފުރުސަތެވެ.

މިނިސްޓަރު މީގެ ކުރިން ވިދާޅުވީ މިފަހަރު ލޯން ދިނުމުގައި ކޮންމެހެން ދަރިވަރުގެ "މެރިޓް" އަށް ނުބަލާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިފަހަރުގެ ލޯން ސްކީމްގެ ދަށުން މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް 471 ފުރުސަތާއެކު އަލަށް ކިޔަވާ ދަރިވަރުންނަށް 299 ފުުރުސަތު ހިމަނާފައިވާ ކަމަށެވެ.

މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ލޯން ދިނުމުގައި އިސްކަންދޭން ނިންމާފައިވަނީ ކޯސް ފުރިހަމަކުރަން ބާކީ އޮއް މުއްދަތު އެންމެ ކުޑަ ފަރާތްތަކަށެވެ.

މިފަހަރުގެ ލޯން ސްކީމްގައި ނުކުޅުދުންތެރިކަން ހުންނަ މީހުންނަށާއި ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް އިސްކަން ދީފައި ވެއެވެ. އޭގެ ތެރޭގައި ޓޫރިޒަމް، ކޮންސްޓަރަކްޝަން އަދި އައިސީޓީގެ ދާއިރާ ހިމެނެ އެވެ.