އައްޑޫ ފްލައިން ސްކޫލް

ފްލައިން ސްކޫލުގެ ޓްރެއިނިން ހެޑްގެ ހުއްދަ ބާތިލްކޮށްފި

އޭޝިއަން އެކަޑަމީ އޮފް އެއިރޯނޯޓިކްސްގެ ދަށުން އައްޑޫގައި ހިންގާ ފްލައިން ސުކޫލްގެ ހެޑް އޮފް ޓްރެއިނިންގެ މަގށާމުގައި ހުރި ސިރަންޖަން ޑި-ސިލްވާ އެ މަގާމުގައި ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ބާތިލްކޮށްފި އެވެ.

ޓްރާސްޕޯޓް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އައްޑޫގައި ހިންގާ ފްލައިން ސުކޫލްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމާއި ފުރިހަމަ ކުރުމަށް ބުރޫ އަރާފައިވާ ދަރިވަރުންގެ ކޯސްތައް އެދެވޭ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ފްލައިން ސުކޫލްގެ މެނޭޖްމަންޓުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ނުދާތީ ސިވިލް އޭވިއޭޝަން އޮތޯރިޓީން އެ މައްސަލަ ބެލުމަށްފަހު ފްލައިން ސުކޫލްގެ ހެޑް އޮފް ޓްރެއިނިންގެ މަގށާމުގައި ހުރި ސިރަންޖަން ޑި-ސިލްވާ އެ މަގާމުގައި ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަތުލުމަށް ނިންމާފައިވާ ކަމަށެވެ.

މި ނިންމުމަށް މާދަމާއިން ފެށިގެން އަމަލު ކުރާނެ ކަަމަށްވެސް ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ބުނީ ފްލައިން ސުކޫލުގެ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ހައްލު ނުކުރެވޭނަމަ ސުކޫލުގެ އެކައުންޓަބަލް މެނޭޖަރުގެ މަގާމުގައި ހުރި އަލީ އަކުބަރު ޖީވަންޖީ އެ މަގާމުގައި ހުރުމަށް ދޫކޮށްފައިވާ ހުއްދަވެސް އަތުލާނެ ކަމުގެ އެންމެ ފަހުގެ އިންޒާރު މިހާރު ލިޔުމުން ދީފައިވާ ކަމަށެވެ.

އައްޑޫ ފްލައިން ސުކޫލްގައި ހުރި މައްސަލަތައް ބަލައި އެތަނުގެ އިސް ދެ ވެރިޔަކަށް ފިޔަވަޅު އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަންގަވާފައިވަނީ މެއި 11 ވަނަ ދުވަހު އެވެ.