ބޮލީވުޑް

މައިނޭ ޕިޔާރް ކިޔާ"ގެ އެއް މިއުޒިކް ޑައިރެކްޓަރަކު މަރުވެއްޖެ

ޑައިރެކްޓަރު ސޫރަޖް ބަރްޖަތިޔާގެ "މައިނޭ ޕިޔާރް ކިޔާ"، "ހަމް އާޕްކޭ ހޭ ކޯން" އަދި "ހަމް ސާތު ސާތު ހޭ" ފަދަ ފިލްމުތަކުގައި ހިމެނުނު ރީތި ލަވަތައް ތައްޔާރުކުރި މަޝްހޫރު މިއުޒިކް ޑައިރެކްޓަރު ރާމް ލަކްޝްމަން މަރުވެއްޖެ އެވެ.

ރާމް ލަކްޝްމަން އަކީ މިއުޒިކް އުފެއްދުންތަކުގައި އޭނާ ބޭނުންކުރާ ނަމެކެވެ. އޭނާގެ އަސްލު ނަމަކީ ވިޖޭ ޕާޓިލް އެވެ.

ނާގްޕޫރު ކިޔާ ރަށެއްގައި ލަކްޝްމަން މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

ލަކްޝްމަންގެ ދަރިފުޅު އަމަރް ބުނި ގޮތުގައި ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހިފަހުން އޭނާގެ ބައްޕަ އުޅެނީ ވަރަށް ބަލިކޮށެވެ. އަދި ޑޮކްޓަރު ފަރުވާ ދެމުން ދަނިކޮށް ހޮނިހިރު ދުވަހު ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހި މަރުވީ ކަމަށް އަމަރު ބުންޏެވެ.

ރާމް ލަކްޝްމަން މަރުވުމުގެ ހިތާމަ އޭނާ މިއުޒިކް ތައްޔާރުކޮށްދިން ބައެއް ފިލްމުތަކުގެ އެކްޓަރުން ސޯޝަލް މީޑިއާގައި ދަނީ ފާޅު ކުރަމުންނެވެ. އެގޮތުން ސަލްމާން ޚާން ވަނީ ލަކްޝަމަން މަރުވުމުން ވަރަށް ހިތާމަކުރާ ކަމަށް ބުނެ މެސެޖެއް ޝެއާ ކޮށްފަ އެވެ. އަދި މާދުރީ ޑިކްޝިޓް ވެސް މިކަމާ ހިތާމަކޮށްފައި ވެއެވެ. އަދި ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް ވެސް މިކަމާ ހިތާމަ ފާޅުކޮށް ޓުވީޓްކޮށްފައި ވެއެވެ.

ލަތާގެ މެސެޖުގައި ބުނެފައިވަނީ ރާމް ލަކްޝްމަން އަށް ވަރަށް ގިނަ ލަވަ އޭނާ ކިޔައިދީފައިވާނެ ކަމަށެވެ. އަދި އެ ލަވަތަކަށް އާންމުންގެ މަގްބޫލުކަން ވަރަށް ބޮޑަށް ލިބިފައިވާ ކަމަށެވެ.