ބޮލީވުޑް

ސަލްމާނާއި އޭއާރް ރަހްމާނުގެ ޒަމާންވީ ހަނގުރާމަ!

މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހްމާންގެ ކުޅަދާނަކަމާއި މޮޅު ކަމާމެދު ދެބަސް ވާނެ އެކަކުވެސް މިއުޒިކް ދަންނަ މީހުންގެ ތެރޭގައި ތިބޭނެ ކަމަކަށް ނުބެލެވެ އެވެ. އޮސްކާ އެވޯޑުގެ ދެ އެވޯޑު އޭނާއަށް ލިބިފައިވުމީ އޭނަގެ ހުނަރުވެރިކަމުގެ ރަނގަޅު މިސާލެކެވެ. މިއީ ބޮލީވުޑްގެ އެހެން އެއްވެސް މިއުޒިކް ޑައިރެކްޓަރަކު ހުވަފެނުން ވެސް ދެކެފައިވާ އެވޯޑެއް ނޫނެވެ.

ނަމަވެސް ސަލްމާން ޚާން ގަބޫލުކުރާ ގޮތުގައި ރަހްމާނަކީ "އެވްރެޖް" ވަރެއްގެ މިއުޒިކް ޑައިރެކްޓަރެކެވެ. އާދަޔާޚިލާފު މޮޅު މީހެއް ނޫނެވެ. ސަލްމާނު މިގޮތަށް ގަބޫލު ކުރަނީ އޭނާ އާއި ރަހްމާންގެ މެދުގައި އޮތް "ފިނި ހަނގުރާމަ" އިގެ ސަބަބުންނެވެ.

މި ފިނި ހަނގުރާމަ އަދިވެސް އޮތްކަން ޔަގީންވީ މީގެ އަހަރުތަކެއް ކުރިން އޮތް ފިލްމީ އިވެންޓެއްގައި ކަން ހިނގައި ދިޔަ ގޮތުންނެވެ.

މި އިވެންޓުގައި ސަލްމާނާއި ރަހްމާން ވެސް ބައިވެރިވި އެވެ. ރަހްމާނަކީ އެވްރެޖް ވަރެއްގެ މިއުޒިކް ޑައިރެކްޓަރެއް ކަމަށް ސަލްމާން ބުނީ އެ އިވެންޓުގަ އެވެ. މި އަޑު އިވޭ ހިސާބު ކައިރީގައި އޭއާރް ރަހްމާން ހުއްޓަ އެވެ.

ރަހްމާނަކީ އެވްރެޖް ވަރެއްގެ މިއުޒިކް ޑައިރެކްޓަރެކޭ ބުނެފައި ރަހްމާނާ ދިމާލަށް ސަލްމާން އެނބުރި އޭނާ ބުނީ ރަނގަޅު ވާހަކައެއް ނޫންތޯ ދޯއޭ ކިޔާފައި ރަހްމާނަށް ބަހުގެ ހަމަލައެއް ދިނެވެ. އެ ވަގުތު ޖަވާބުގައި ރަހްމާން ބޯ ޖަހާލި އެވެ.

ނަމަވެސް އެހިސާބުން އަދި މިކަން ނިމުނީކީ ނޫނެވެ. ހަމަ މި އިވެންޓުގައި ސަލްމާން ވާހަކަ ދެއްކިތާ ކުޑަ އިރުކޮޅެއް ފަހުން ރަހްމާން ކުރެން ނޫސްވެރިއަކު ސުވާލެއް ކުރި އެވެ. ނޫސްވެރިޔާގެ ސުވާލަކީ ސަލްމާން ޚާނާއެކު މަސައްކަތް ކުރާނީ ކޮން އިރަކުންތޯ އެވެ.

ޖަވާބުގައި ރަހްމާން ބުނީ އޭނާ ހިތްހަމަޖެހޭ ފެންވަރުގެ ފިލްމެއް ސަލްމާން ކުޅުނު ދުވަހަކުން ކަމަށެވެ.

ސަލްމާނާއި ރަހްމާނުގެ "ފިނި ހަނގުރާމަ" ފެށުނީ ސަލްމާންގެ ފިލްމެއް ކަމަށްވާ "ޖެއި ހޯ" އުފެއްދި ދުވަސްވަރު އެވެ. ސަލްމާންގެ ފިލްމަށް މި ނަން ނުކިޔޭނެ ކަމަށް ރަހްމާން ބުނި ކަމަށް ވެއެވެ. ސަބަބަކީ އޭނާއަށް އޮސްކާ އެވޯޑު ލިބުނު ލަވައިގެ ނަމަކީ ވެސް "ޖެއި ހޯ" ކަމަށް ވާތީ އެވެ.

"ޖެއި ހޯ" ލަވައަކީ 2008 ގައި ޑެނީ ބޮޔިލޭ އުފެއްދި "ސްލަމްޑޯގް މިލިނައާ" އަށް ރަހްމާން ތައްޔާރުކުރި ލަވަ އެކެވެ. އެހެންވެ މި ލަވައިގެ ނަން ސަލްމާންގެ ފިލްމަކަށް ކިޔުމަކީ ކޮޕީރައިޓް ގަވާއިދާ ހިލާފުކަމެއް ކަމަށް ރަހްމާން އޭރު ބުނެފައި ވެއެވެ.

ރަހްމާން ދެކެ ސަލްމާން ރުޅި އައީ އެ ހިސާބުންނެވެ. އަދި މިއަދާ ޖެހެންދެން ވެސް މި "ފިނި ހަނގުރާމަ" އެބައޮތެވެ.