އައްޑޫ ސިޓީގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ ސިޓީ ކައުންސިލްގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ ސިޓީ މޮނީޓަރިންނަށް ލާފައިވާތީ އާއި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހިދުމަތްތައް މެދުކަނޑައިލާފައިވާ ކަމަށެވެ. އެހެންކަމުން ސިޓީ ކައުންސިލްގެ އިދާރާ އާއި އެ އިދާރާގެ ދަށުން ހިންގަމުންދާ އަވަށު އޮފީސްތަކުން ދެމުންދާ ހިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑިގެންދާނެ އެވެ.
އަލުން ހިދުމަތްތައް ދޭން ފަށާނެ ތާރީހެއް ވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ކައުންސިލް އިދާރާގެ ހިދުމަތްތައް މެދުކަނޑައިލި ނަމަވެސް އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރާއި ސޯޝަލް ސަޕޯޓް ޑެސްކުތަކުން ދެމުންގެންދާ ހިދުމަތްތައް މެދުކެނޑުމެއް ނެތި ލިބޭނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެ އެވެ.
އެ ސިޓީ ގައި މިހާރު އަންނަނީ 12 ގަޑިއިރު ކާފިއު ވެސް ހިންގަމުންނެވެ. އެގޮތުން ހަވީރު ހަތަރަކުން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފަ އެވެ. އަދި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، އެއް ރަށުން އަނެއް ރަށަށް އަދި އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުންވެސް މި މުއްދަތުގައި މަނާކޮށްފައިވެ އެެވެ.
އައްޑޫ ސިޓީން އިއްޔެ ވަނީ ނުވަ މީހަކު ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެ ސިޓީން ޖުމްލަ 201 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. 163 އެކްޓިވް ކޭސް މިވަގުތު އެ ސިޓީގައި ރެކޯޑްކޮށްފައިވެ އެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައި ވަނީ ހިތަދޫ އަވަށުންނެވެ. އެ އަވަށުގައި 92 މީހަކަށް މިހާރު ތިބީ ބަލި ޖެހިފަ އެވެ.